ރައީސް މުހައްމަދު މުއިއްޒު އދ. ދިގު ރަށަށް 2025 އޮކްޓޯބަރު 6 ވަނަ ދުވަހު ޒިޔާރާތް ކުރައްވާ ވިދާޅުވީ، މިއީ، ރައްޔިތުންނަށް ވީ މުހިންމު ހުރިހާ ވަޢުދެއް ފުއްދުމުގެ ގޮތުން ކުރެވޭ މަސައްކަތްތައް ފެށުމާއި، ސޮއިކުރުމާއި، މިފަދަ ކަންތައްތަކުގައި ބައިވެރިވުމަށްޓަކައި ކުރެއްވި ދަތުރުފުޅެއް ކަމުގައެވެ.
މި ގޮތުން:
މަގުހެދުމުގެ މަޝްރޫއު ގައި އާރުޑީސީ އާ އެކު ވަނީ ސޮއިކުރުން ބާއްވާފައެވެ.
މުއިއްޒު ވިދާޅުވީ ރަށުގެ ރައްޔިތުން އެދޭގޮތަކަށް ހެދިފައި ހުރި މަގުތަކެއް ރަށުގައި އޮންނަން ޖެހޭ ކަމަށާއި އެއީ، ރަނގަޅަށް ފެން ހިންދޭ، ރަނގަޅު ނިޒާމެއްގެ ބޭނުން ކުރެވޭ ވެލި މަގުތައް ކަމުގައި ވިޔަސް، އެއީ ރައްޔިތުން ބޭނުންވާ ޑިޒައިނަކަށް ހެދިގެން ގޮސް، ރަށުގެ ރައްޔިތުންނަށް އޭގެ އެންމެ ފައިދާވާ ގޮތަށް ހެދޭނެ މަގުތަކަކަށް ވާންޖެހޭ ކަމަށެވެ.
އެކަމަޑޭޝަން ބްލޮކް
މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ބޭރުގެ މުވައްޒަފުން ބޭތިއްބުމަށް މި އަންނަ އަހަރުގެ ބަޖެޓުގައި ނިއު ޕޮލިސީ އިނީޝިއޭޓިވްގެ ތެރޭގައި ހިމަނައިގެން، އެކަމަޑޭޝަން ބްލޮކެއް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ފުޓްބޯޅަ ދަނޑު
ޒަމާނީ، އެންމެ ފުރިހަމަ ފުޓްބޯޅަ ދަނޑެއް، އަންނަ އަހަރުގެ ކުރީކޮޅު ފެށިގެންދާ ގޮތަށް ބަޖެޓުގައި ޖަހައިގެން ކުރިއަށް ގެންދަވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ކޮންވެންޝަން ސެންޓަރު
ކޮންވެންޝަން ސެންޓަރަކަށް ބޭނުން ހިފޭނެ ފެސިލިޓީ އެއް އަންނަ އަހަރުގެ ބަޖެޓު ގައި ހިމަނައިގެން ދިގުރަށުގައި އަންނަ އަހަރު ކުރީކޮޅު އަޅަން ފެށޭނެ ކަމުގެ ޔަޤީންކަން ވެސް އަރުވާ ކަމުގައި މުއިއްޒު ވިދާޅުވިއެވެ.
ޑޮލަރު އޭޓީއެމް
މި އަންނަ އަހަރުގެ ކުރީކޮޅު ދިގުރަށުގައި ޑޮލަރު އޭޓީއެމް އެއް ވެސް ބަހައްޓައިދޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ސިއްހީ މަރުކަޒުގެ ލެވެލް މަތިކުރުން
ދިގު ރަށުގެ ސިއްހީ މަރުކަޒުގެ ލެވެލް މަތިކޮށްދީ، 24 ގަޑިއިރު ޚިދުމަތްދޭ މަރުކަޒަކަށް، މަރުކަޒު ބަދަލު ކޮށްދޭނެ ކަމުގެ ޔަޤީން ކަން ރައްޔިތުންނަށް މުއިއްޒު ދެއްވިއެވެ.
ރަށްގިރުން ހައްލު ކުރުން
މަޝްރޫއުގެ މަސައްކަތް ވަނީ ފަށާފައެވެ.
ބަނދަރުގެ މަސައްކަތް
މިހާރު ހިނގަމުންދާ ބޮޑުހިލައާ ހަމައަށް ގޮސްފައި އޮތް ބަނދަރުގެ މަސައްކަތް ވަރަށް ގާތުން ވަރަށް އިސްކަން ދީގެން ކުރިއަށް ގެންދާނެ މަޝްރޫޢެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މިސްކިތް
މިހާރު ހިނގަމުންދާ މިސްކިތައް މުންނާރެއް އިތުރު ކޮށްދީ މަސައްކަތް އަންނަ ރަމަޟާން މަސް ފެށެން ވާއިރަށް ނިންމައި ރޯދައަށް ހުޅުވިގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ގޯތި ދިނުން
މަދުވެގެން 50 ގޯތި ދެވޭ ވަރަށް، ލޭންޑް ޔޫސް ޕްލޭން އިޞްލާޙު ކޮށްދިނުމުގައި ސަރުކާރުން އެހީތެރިކަން ދޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ސްޕޯޓްސް ފިޝިންގ ބޮޔެއް އެޅުމުގެ ކަންތައް ވެސް ކުރިއަށް ގެންދިޔުން އެބައޮތް ކަމަށާއި މޫދަށް އެރޭ ސަރަޙައްދެއް ހެދުމުގެ ކަންތައް ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ތެރެއިން ކުރިއަށްދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ކުޑަކުދިންގެ ޕާކު، އައުޓްޑޯ ޖިމް، މި އަހަރާއި މި އަންނަ އަހަރާ ދެ އަހަރަށް ބަހާލައިގެން، ރާއްޖޭގެ ހުރިހާ ރަށެއްގައި ކޮށް ނިންމާ ތަންތަން ކަމަށާއި، އެ ގޮތުން ދިގު ރަށަށް ވެސް އެ ތަންތަންވެސް އަންނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.