ލޫޓުވައިފި ލޫޓުވައިފި މުޒާހަރާއަށް ހުރަސްއަޅައި، ރޫޅާލުމަށް ފުލުހުން ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ބޭނުން ކުރުމާއި ހާލަތާ ނުބައްދަލު ބާރު ބޭނުންކުރި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
ހޯމަ ދުވަހު ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މިކަންބޮޑުވުން ފާޅު ކުރައްވައި، ކުއްލި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އެވެ. ނަމަވެސް ސަރުކާރުގެ މެޖޯރިޓީ އޮންނަ ޕީއެންސީ މެންބަރުން ވަނީ މިމައްސަލަ ބޭރުކޮށްލާފައެވެ.
މި މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް 12 މެންބަރަކު ވޯޓުދެއްވިއިރު، އެ މައްސަލަ ބޭރުކޮށްލަން ޕީއެންސީގެ 40 މެންބަރަކު ވޯޓު ދެއްވި އެވެ.
މެންބަރު މީކާއީލް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ، އެމްޑީޕީން މިދިޔަ ހުކުރު ދުވަހުގެރޭ "ލޫޓުވައިފި، ލޫޓުވައިފި"ގެ ނަމުގައި ބޭއްވި ސުލްހަވެރި އެއްވުމަށް ހުރަސް އަޅައި އެ އެއްވުމުގެ ސުލްހަވެރިކަން ނަގާލުމަށް ޓަކައި ފުލުހުން މެދުވެރިކޮށް ސަރުކާރުން މަސައްކަތްކޮށްފައިވާ ކަމަށެވެ.
ފުލުހުން އެލްއާރުއޭޑީ ބޭނުންކުރީ އެއްވެސް އިންޒާރެއް ދިނުމެއްނެތިކަން ވެސް ފާހަގަކޮށްފައިވެއެވެ.
އެލްއާރުއޭޑީގެ ސަބަބުން އަޑުއިވުމުގެ ހިއްސަށާއި ނަފްސާނީ ގޮތުން ލިބޭ ގެއްލުން ބޮޑުކަމާއި، އަޑުއިވުމުގެ ހިއްސަށް ގެއްލުން ލިބި، ކަންފަތް ބީރުވާނެކަމަށް ބޭރުގެ ބައެއް ސިއްހީ ޖަމިއްޔާތަކުން ބުނެފައިވާކަން ވެސް މެންބަރު މީކާއީލް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ފުލުހުން އެލްއާރުއޭޑީ ބޭނުންކުރިއިރު، އެ ބޭނުންކުރާނެ ގޮތް އާންމުކޮށްފައިނުވާކަން ފާހަގަކުރައްވައި، އެބޭނުންކުރީ ގާނޫނާ ޚިލާފަށްކަމަށް މިމައްސަލާގައި ބުނެފައިވެއެވެ.
މުޒާހަރާ ރޫޅާލުމުގެ ބޭނުމުގައި ގަޑިއެއްހާއިރު މެދުކެނޑުމެއްނެތި ބާރު އަޑުއިއްވާ ހަދައި، ހަތިޔާރެއް ބޭނުންކުރިކަން ފާހަގަވާ ހިނދު ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ނަމަކަށް ކިޔާ މިހަތިޔާރު ބޭނުންކުރަމުން އައިސްފައިވަނީ އެއްވުންތަކުގެ ބައިވެރިންނަށް އިންޒާރުދީ، އިއުލާންތައް ކުރަން ފެށުމުގެ ކުރީން އެންމެންގެ ސަމާލުކަމަށް ގެނައުމަށްޓަކައި މެދުކެނޑުމެއްނެތި އަޑު އިއްވާ އެއްޗެއްގެ ގޮތުގައި ނޫންކަން ކަނޑައެޅިގެން އެނގެން އޮތް ހިނދު ދެންނެވުނު ހަތިޔާރުގެ ސަބަބުން ފެންނަ ގޮތަށް ލިބޭ އަނިޔާއެއް ލިބެން ނެތް ނަމަވެސް ނަފްސާނީ ގޮތުންނާއި، މީހުން އަޑުއިވުމުގެ ހިއްސަށް ލިބޭ ގެއްލުން ބޮޑުކަމާއި، އެހަތިޔާރުގެ ސަބަބުން މީހުންގެ ކަންފަތް ބީރުވުމުގެ ފުރުސަތު އޮތް ކަމަށް ބޭރުގެ ސިއްހީ ޖަމިއްޔާތަކުން ވެސް ކަނޑައަޅާފައިވާ ހިނދު ދެންނެވުނު ހަތިޔާރު އެތަނުގައި ބޭނުންކުރުމުގެ ސަބަބުން ދެންނެވުނު އެއްވުމުގައި ބައިވެރިވި ރައްޔިތުންގެ އިތުރުން އެސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ކަންފަތަށް ތަދުވުން ބޮލުގައި ރިއްސުމާއި، ބޯއެބުރުން ފަދަ މައްސަލަތައް ދިމާވުމާއި، އަދި ކުޑަކުދިންނަށް އުދަނގޫވެ ފަރުވާ ހޯދަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް![]()
ސޮނިކް ވެޕަން އަކީ ލޯންގް ރޭންޖް އެކޮސްޓިކް ޑިވައިސް ނުވަތަ އެލްއާރުއޭޑީ ބޭނުންކޮށްގެން އުފައްދާ ގަދަ އަޑެއް ކަމަށް ވާއިރު މިއީ މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުންނާއި ސިފައިން ބޭނުންކުރާ ނޮން-ލީތަލް ހަތިޔާރެއްކަން ފާހަގަކޮށްލެވެއެވެ.
މިމައްސަލައާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރާ ފުލުހުންނަށް އަމާޒުވެފައިވާއިރު، މިކަން ދިފާއުކޮށް ފުލުހުން ބުނީ މުޒާހަރާގައި ބާރުގެ ބޭނުންކޮށްފައި ވަނީ ކަނޑައަޅާފައިވާ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ނަގަހައްޓަން ޖެހޭ އަސާސްތަކާއެކު ކަމަށެވެ.