ހުކުރު ދުވަހު ބޭއްވި "ލޫޓުވައިފި، ލޫޓުވައިފި" އެއްވުން ރާއްޖެޓީވީގެ ސޯޝަލް މީޑިއާއިން ބެލި މީހުންގެ އަދަދު ރިކޯޑް އަދަދަކަށް އަރައިފިއެވެ.
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީން އިންތިޒާމްކޮށްގެން ހުކުރު ދުވަހުގެ ރޭ ބޭއްވި މި އެއްވުމުގައި ގިނަ އަދަދެއްގެ ދިވެހި ރައްޔިތުން ބައިވެރިވެ ޝުއޫރު ފާޅުކޮށްފައިވެ އެވެ. މި އެއްވުން ރާއްޖެޓީވީގެ އިތުރުން، ރާއްޖެޓީވީގެ ސޯޝަލްމީޑިއާގެ އެހެނިހެން ޕްލެޓްފޯމްތަކުން ވަނީ ލައިވްކޮށްފަ އެވެ.
ރާއްޖެޓީވީގެ ރަސްމީ ފޭސްބުކް ޕޭޖުން ވަނީ އެ އެއްވުން ލައިވްކޮށްފަ އެވެ. ފޭސްބުކް މެދުވެރިކޮށް 227,000 (ދެ ލައްކަ ހަތާވީސް ހާސް) އަށް ވުރެ ގިނަ މީހުން ވަނީ މި އެއްވުން ވަގުތުން ބަލަމުން ގޮސްފައިވެ އެވެ. މީގެ އިތުރުން އެއްވުން ކުރިއަށް ދިއަވަގުތު، ރާއްޖެޓީވީގެ ރަސްމީ އެކްސް އެކައުންޓް މެދުވެރިކޮށް 59،900 (ފަންސާސް ނުވަ ހާސް ނުވަސަތޭކަ) އަށް ވުރެ ގިނަ މީހުން ވަނީ ލައިވްކޮށް އެއްވުން ބަލާފަ އެވެ.
މީގެ އިތުރުން ރާއްޖެއެކްސްޓްރާ މެދުވެރިކޮށް 25600 (ދެލައްކަ ފަންސާ ހަ ހާސް) މީހުން މި އެއްވުން ބަލާފައިވެ އެވެ. އެހެންކަމުން 312,500 (ތިން ލައްކަ ބާރަ ހާސް ފަސް ސަތޭކަ) އަށް ވުރެ ގިނަ މީހުން ރާއްޖެޓީވީގެ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ލައިވްކޮށް މި އިވެންޓް ބަލަމުން ގޮސްފައިވާކަން ފާހަގަކޮށްލެވެ އެވެ.
މީގެ އިތުރުން އެތައް ބަޔަކު އަންނަނީ އެއްވުމުގައި ފުލުހުން ޙާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، އެއްވުމުގެ ބައިވެރިންނަށް އަނިޔާ ކޮށްފައިވާ ކަަމަށް ފާހަގަކޮށް، އެކަން ކުށްވެރި ކުރަމުންނެވެ. ހުކުރު ދުވަހުގެ ރޭ މުޒާހަރާގައި ފުލުހުން ތަކުރާރުކޮށް ސޮނިކް ވެޕަން ބޭނުން ކުރި އެވެ. އެމްޑީޕީން ވަނީ ސޮނިކް ވެޕަން އެއް ކަމަށްވާ ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ބޭނުންކުރުމަކީ މީގެ ކުރިން ރާއްޖޭގެ އެއްވުންތައް ރޫޅާލަން ބޭނުންކުރި ހަތިޔާރެއް ނޫން ކަން ފާހަގަކޮށް އެކަން ކުށްވެރި ކޮށްފަ އެވެ.