Advertisement
ކ. މާލެ
|
5 އޮކްޓޯބަރ 2025 | އާދީއްތަ 15:17
ހުކުރު ދުވަހުގެ މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ފޮޓޯ
ހުކުރު ދުވަހުގެ މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ފޮޓޯ
ސޯޝަލް މީޑިއާ
ލޫޓުވައިފި މުޒާހަރާ
ލޫޓުވައިފި މުޒާހަރާ އިން ހައްޔަރު މީހުން ޑޮކްޓަރަށް ދައްކަން މުއިއްޒު ސަރުކާރުން އަދިވެސް ފުރުސަތެއް ނުދޭ
ހައްޔަރު ކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރީ ވަކީލަކާ ބައްދަލު ކުރުމުގެ ފުރުސަތުވެސް ނުދީ
ބަންދުގެ މުއްދަތު އިތުރު ކުރީ ކޮން ކުށެއްގެ ތުހުމަތުގައި ކަމެއް ނުބުނޭ
ބަންދު ކުރި މީހުން ދޫކޮށްލުމަށް ގޮވާލައި އެމްޑީޕީ އިން ވަނީ ހޮނިހިރު ދުވަހުގެ ރޭ އަޑު އުފުލާފައި

ހުކުރު ދުވަހުގެ ރޭ މާލޭ ގައި ބޭއްވި، 'ލޫޓުވައިފި.ލޫޓުވައިފި' މުޒާހަރާ އިން ހައްޔަރު ކުރި ފަރާތްތަކަށް އަދި ވެސް ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު މުއިއްޒުގެ ސަރުކާރުން ނުދޭ ކަމަށް އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހްމަދު މައުރޫފް ވިދާޅުވެއްޖެއެވެ.

އެއްވެސް ކުށެއްގެ ތުހުމަތެއް ކުރުމެއް ނެތި ހޮނިހިރު ދުވަހު ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހާފައިވާ މި ފަރާތްތަކުގެ ބަންދުގެ މުއްދަތު ޖެހީވެސް ވަކީލަކާ ބައްދަލު ކުރުމުގެ ފުރުސަތު ނުދީ ކަމަށް މައުރޫފް ވިދާޅުވިއެވެ.

ސަރުކާރާ މެދު ހިތް ހަމަ ނުޖެހި އަޑު އުފުލުމަށް އެތައް މީހުން ހާޒިރުވި ސުލްހަވެރި މި މުޒާހަރާ އިން ބަންދު ކުރި 8 މީހުންގެ ތެރެއިން 2 މީހުން ދޫކޮށްލާފައި ވާއިރު މިހާރު ބަންދު ގައި ތިބި ފަރާތްތަކުގެ ތެރޭގައި މަޖިލީހުގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފު، އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ އާއި މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު އާއި އަލީ ޖުމާން އާއި އަޒްމީ އަލީ އާއި ހަސަން ޝާކިރު ހިމެނެއެވެ.

މުޒާހަރާ އިން ހައްޔަރު ކޮށް ބަންދުގެ މުއްދަތު އިތުރު ކޮށްފައިވާ ފަރާތްތައް ދޫކޮށްލުމަށް ގޮވާލާ ހޮނިހިރު ދުވަހުގެ ރޭ މަޖީދީ މަގު ޗާންދަނީ މަގު ޖަންކްޝަންގަ އާއި އަތޮޅުވެހި ސަރަހައްދުގައި އެމްޑީޕީ އިން ވަނީ މުޒާހަރާ ކޮށްފައެވެ.

ހުކުރު ދުވަހުގެ ރޭ މުއިއްޒުގެ ސަރުކާރާ ދެކޮޅަށް މިހާތަނަށް ބޭއްވި އެންމެ ބޮޑު މުޒާހަރާ ގައި މި ސަރުކާރުން ގާނޫނުއަސާސީ ބަދަލުކޮށް، މުއައްސަސާތަކުގެ މިނިވަންކަން ނަގާލައި، ރައްޔިތުންގެ ފައިސާ އަށް ޚިޔާނާތްތެރި ވަމުންދާ ކަމަށް އަޑު އުފުލައި، މުއިއްޒުގެ އިސްތިއުފާ އަށް ގޮވި އެވެ.

މުޒާހަރާ އަށް ހުރަސް އެޅުމަށް ފުލުހުން ލައްވާ ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރި ކަމަށް އެމްޑީޕީ އިން ވަނީ ތުހުމަތު ކޮށްފައެވެ. އެ ގޮތުން ގާނޫނާ ޚިލާފަށް ބާރު އަޑު އިއްވާ ހަތިޔާރު ބޭނުން ކުރުމުގެ މައްސަލަ ކަމާ ބެހޭ ހުރިހާ ފަރާތްތަކަށް ހުށަހަޅާނެ ކަމަށް އެމްޑީޕީ އިން ވަނީ ބުނެފައެވެ. މުޒާހަރާ ގައި ގިނަ ބައެއްގެ ގަޔަށް "ކްލޯޒް ރޭންޖު" ގައި ޕެޕަރ ސްޕްރޭ ޖަހާފައިވާއިރު އެކަކުގެ ހާލަތު ސީރިއަސްވެ އަދިވެސް އޭނާ އަށް އަންނަނީ އައިޖީއެމްއެޗް ގެ އައިސީޔޫ ގައި ފަރުވާ ދެމުންނެވެ.

އެމްޑީޕީގެ ލީގަލް ޑިރެކްޓަރ މައުރޫފް ވިދާޅުވީ، ބަންދު ކޮށްގެން ގެންގުޅެމުންދާ މީހުންނާ މެދު މި ސަރުކާރުން އަމަލު ކުރަމުން ގެންދާ ގޮތް އެމްޑީޕީގެ ގާނޫނީ ޓީމުން ވަރަށް ގާތުން ބަލަމުން ގެންދާ ކަމުގައެވެ.

ބަންދުކުރި މީހުން ދޫކޮށްލުމަށް ސޯޝަލް މީޑިއާ ގައި ވެސް ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ގޮވާލަމުންނެވެ.

- ކޮމެންޓް