ރައީސް މުއިއްޒު ސަރުކާރާ ދެކޮޅަށް އެމްޑީޕީ އިން ހުކުރު ދުވަހުގެ ރޭ ބޭއްވި ބޮޑު މުޒާހަރާ ބައިނަލް އަގްވާމީ މީޑިއާގެ ސަމާލު ކަމަށް އަތުވެއްޖެއެވެ.
އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ބުނެފައި ވަނީ، އިދިކޮޅު ޕާޓީގެ މުޒާހަރާ އިން 8 މީހުން ހައްޔަރު ކުރި ކަމަށާއި، އިދިކޮޅު ޕާޓީން މުޒާހަރާ ބޭއްވީ ސަރުކާރުން އަސާސީ ހައްގުތައް ހަނިކޮށް ކަރަޕްޝަންގެ އަމަލުތައް ހިންގަމުން ގެންދާތީ ކަމުގައެވެ.
އޭޕީ އިން ދިވެހި ފުލުހުންގެ ޚިދުމަތުން އެކްސް ގައި ކުރި ޕޯސްޓަކާ ހަވާލާދީ، މުޒާހަރާ ކުރި ފަރާތްތަކުން ހިނގާލުން ފެށުމުގެ ކުރިން އެއްބަސްވެފައިވާ ޝަރުތުތަކާ ޚިލާފުވެ، ހުއްދަ ނެތް މަގުތައް ބޭނުންކޮށް، އަދި ގަލާއި ފެންފުޅި އުކާފައިވާ ކަމަށް ފުލުހުން ބުނި ކަމަށް ރިޕޯޓު ކޮށްފައި ވެއެވެ.
އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ނެރުނު ބަޔާނަކާ ހަވާލާދީ އޭޕީ އިން ބުނީ، މުޒާހަރާ ހުއްޓުވުމަށް ފުލުހުން ޕެޕަރ ސްޕްރޭ އާއި ރައިޓް ޝީލްޑް ބޭނުން ކުރުން ކުށްވެރިކުރުމާ އެކު، ރައީސް މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ހައްޔަރު ކުރި އެންމެން ޝަރުތެއްނެތި ދޫކޮށްލުމަށް ގޮވާލާ ކަމަށެވެ.
އެމްޑީޕީން މި މުޒާހަރާ އިންތިޒާމުކޮށްފައި ވަނީ އަސާސީ ޙައްޤުތައް ހަނިކޮށް ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް އިތުރު ކުުރުކުރުމަށް ޤާނޫނު އަސާސީ އަށް ގެނައި އިޞްލާޙުތައް އަނބުރާ ގެނައުމަށް ސަރުކާރަށް ގޮވާލުމަށާއި ބޭސް ފަރުވާގެ ނިޒާމު ލުއި ފަސޭހަ ކުރުމަށް އަޑުއުފުލުމަށް ކަމަށް ވެސް އޭޕީ އިން ރިޕޯޓް ކޮށްފައިވެއެވެ.
ކައުންސިލުތަކަށް ދީފައި އޮތް ލާމަރުކަޒީ ބާރުތައް ހަނިކުރުމަށް ގާނޫނަށް ގެނައި ބަދަލުތައް އުވާލުމަށާއި، މީޑިއާތަކުގެ ލައިސަންސް ހިފެހެއްޓުމާއި، ޖޫރިމަނާ ކުރުމާއި އަދި ބާޠިލުކުރުމުގެ ބާރު ދޭ އައު ޤާނޫނު އަނބުރާ ގެންދިއުމަށާއި، ދައުލަތުގެ ވިޔަފާރި ކުންފުނިތަކުގެ ނާޖާއިޒް ބޭނުން ހިފުން ހުއްޓުވުމަށް މުޒާހަރާ ކުރި ފަރާތްތަކުން ސަރުކާރަށް ގޮވާލާފައިވާ ކަމަށް ވެސް އޭޕީ އިން ބުނެފައިވެއެވެ.
އިންޑިއާ ކަނޑުގައި، ސްރީލަންކާ އާއި އިންޑިއާގެ ހުޅަނގަށް އޮންނަ މި ޖަޒީރާ ޤައުމަކީ މަޝްހޫރު މީހުން ޒިޔާރަތްކުރާ މަޤްބޫލު ފަތުރުވެރިކަމުގެ މަންޒިލެއް ކަމަށް ވެސް މި ޚަބަރުގައި ވެއެވެ.