އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ޕްލޭން ޤަބޫލު ކުރަން ހަމާސް ޖަމާއަތުން ނިންމުމާ އެކު، ޢަރަބި ޤައުމު ތަކުގެ ލީޑަރުންނަށް ޓްރަމްޕް ޝުކުރު އަދާ ކުރައްވައިފި އެވެ.
އެމެރިކާގައި ކުރިއަށް ދިޔަ އދ ގެ ޖެނަރަލް އެސެމްބްލީގައި ބައިވެރިވެ ވަޑައިގެންނެވުމަށް އެ ޤައުމަށް ވަޑައިގެންނެވި ޢަރަބި އަދި އިސްލާމީ ޤައުމު ތަކުގެ ލީޑަރުންނަށް ޓްރަމްޕް ވަނީ ބައްދަލު ކުރައްވައިފަ އެވެ. އަދި އެ ބައްދަލުވުމުގައި ވަނީ ހަނގުރާމަ ނިންމުމަށް އޭނާ ގެންގުޅުއްވާ 20 ނުކުތާގެ ޕްލޭން ހިއްސާ ކުރައްވައިފަ އެވެ. އެ ޕްލޭން އަށް ޤައުމު ތަކުގެ ތާއީދު އޮތީ ލިބިފަ އެވެ.
ޓްރަމްޕްގެ ޓުރުތް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، އެކަމަށްޓަކައި ވަރަށް ގިނަ ބަޔަކު ވަރަށް ބުރަކޮށް މަސައްކަތް ކުރި ކަމަށެވެ. އެކަމުގެ ނަތީޖާ ނެރެވުނު ދުވަހަކީ ވަރަށް މުހިންމު އަދި ޚާއްސަ ދުވަހެއް ކަަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.
ޓްރަމްޕްގެ ހުށަހެޅުން ހަމާސް އިން ޤަބޫލު ކޮށްފައި ވަނީ ޓްރަމްޕްގެ ފަރާތުން ސުން ގަޑި އާއި އިންޒާރު ދީފައި ވަނިކޮށެވެ. ހަމާސް އިން ދީފައިވާ ޖަވާބު ބައެއް މީޑިއާ ތަކަށް ވަނީ ފެނިފަ އެވެ. ރޮއިޓާސްގައި ބުނެފައި ވަނީ، އެ ޖަވާބުގައި ބުނެފައި ވަނީ ރަހީނުން މިނިވަން ކުރުމާއި، އަވަސް އެހީ ފޯރުކޮށްދިނުމަށް ޓްރަމްޕް ގޮވާލައްވާފައިވާ ގޮވާލެއްވުމަށް ޝުކުރު އަދާ ކުރާ ކަމަށެވެ.
ޓްރަމްޕްގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމަށް ހަމާސް އިން އެއްބަސްވެފައިވާއިރު، ހަތިޔާރު ބެހެއްޓުމާ ގުޅޭ ގޮތުން އެ ޖަމާއަތުން ވަކި އެއްޗެއް ބުނެފައި ނުވެ އެވެ. ނަމަވެސް، އެކަމަކީ އިސްރާއީލްގެ އިތުރުން އެމެރިކާ އިން ވެސް ވަރަށް ބޮޑަށް ބާރު އަޅަމުން އަންނަ ކަމެކެވެ.
ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި ޓްރަމްޕްގެ ހުށަހެޅުމަށް ހަމާސް އިން ޖަވާބު ދީފައި ވަނިކޮށް، އިސްރާއީލް އިން ވަނީ ޣައްޒާ ސިޓީގެ ރާމަﷲ ސަރަހައްދަށް ހަމަލާ ދީފަ އެވެ. އެ ހަމަލާގައި ބައެއް މީހުންނަށް އަނިޔާވެފައިވާ ކަަމަށް ބުނެފައިވާއިރު، ޝަހީދުވެފައިވާ މީހުންގެ ތަފްސީލެއް ހާމަ ކޮށްފައި ނުވެ އެވެ.
ޢަރަބި އަދި އިސްލާމީ ޤައުމު ތަކުގެ ލީޑަރުންނަށް ޓްރަމްޕް ޝުކުރު އަދާ ކުރައްވާފައިވާއިރު، ޓްރަމްޕްގެ ޕްލޭންގައި ވަނީ ވަގުތުން ޣައްޒާ ހަނގުރާމަ ހުއްޓާލުމަށާއި، ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލްގެ ރަހީނުން މިނިވަން ކުރުމާއި، މަރުޙަލާ ތަކަކަށް ބަހާލައިގެން އިސްރާއީލްގެ ސިފައިން ޣައްޒާ އިން ފޭބުމާއި، ހަމާސްގެ ހަތިޔާރު ބެހެއްޓުމާއި، ބައިނަލްއަޤުވާމީ އެހީތެރިކަމާ އެކު ވަގުތީ ސަރުކާރެއް އުފެއްދުމަށެވެ.
ޣައްޒާ ހަނގުރާމަ ނިންމުމަކީ އެމެރިކާގެ ރައީސް ޓްރަމްޕްގެ ވަރަށް ބޮޑު ވައުދުފުޅެކެވެ. މިދިޔަ އަހަރު އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޓްރަމްޕް ވަނީހަނގުރާމަ ނިންމުމަށް ވައުދުވެ ވަޑައިގެންފަ އެވެ. ނަމަވެސް ހަނގުރާމަ ހުއްޓުމުގެ މަސައްކަތް ކާމިޔާބު ކުރެވިފައި ނުވާތީ، ޓްރަމްޕް އަށް ފާޑު ކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ.