ލޫޓުވައިފި އެއްވުމުގެ ތެރެއިން 13 މީހުން ހައްޔަރުކުރި ކަމަށް ރިޕޯޓުތައް ލިބިފައިވާ ކަމަށާއި، ނަމަވެސް އެ މީހުންގެ އެއްވެސް ތަފްސީލެއް އަދި އެ މީހުންނަށް ބޭނުންވާ ގާނޫނީ ވަކީލެއްގެ ހައްގު ވެސް ފުލުހުން ދީފައިނުވާ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން ބުނެފިއެވެ.
ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި އެމްޑީޕީން ބުނީ، ހުކުރު ދުވަހުގެ ރޭ މާލޭގައި ސުލްހަވެރިކަމާއެކު ކުރި މުޒާހަރާގައި ރޫޅާލުމަށް އަނިޔާވެރިކަމާއެކު މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އެމްޑީޕީން ބުނީ، މި މުޒާހަރާގައި 13 މީހަކު ހައްޔަރުކުރި ކޮށްފައިވާ ރިޕޯޓު ކުރި ނަމަވެސް ހައްޔަރުކުރި މީހުންގެ އެއްވެސް ތަފްސީލީ މައުލޫމާތު ފުލުހުން ހިއްސާކޮށްފައިނުވާ ކަމަށާއި، ހައްޔަރު ކުރި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ދެ މެންބަރުންނާއި ކ. މާފުށީ ކައުންސިލްގެ މިހާރުގެ ރައީސް ވެސް ހިމެނޭ ކަމަށެވެ. އަދި ހައްޔަރުގައި ތިބި މީހުންނަށް މިހާތަނަށް ވަކީލެއްގެ ހައްގު ލިބިފަނުވާ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެމްޑީޕީން ބުނީ، އެއްވުމުގެ ތެރެއިން މާ ކައިރިން ޕެޕަރ ސްޕޭ ޖެހުމުގެ ސަބަބުންނާއި ތޫނު އަޑު ފޮނުވާ އާލާތް ބޭނުންކުރުމުގެ ސަބަބުން އެ ޕާޓީގެ ހުޅުމާލޭ މެދު ދާއިރާގެ ނައިބު ރައީސް މުހައްމަދު ރަސްލާނަށް ހާޓް އެޓޭކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.
ތޫނު އަޑު ފޮނުވާ އާލާތް ނުވަތަ ލޯންގް ރޭންޖް އެކޮއިސްޓިކް ޑިވައިސް (އެލްއާރްއޭޑީ)އަކީ އިވުމުގެ ހިއްސަށް އަސަރުކޮށް، ބޯ އަނބުރައި، ހޮޑުލަވައި އަދި އެ ނޫން ވެސް ބައިވަރު ސިއްހީ މައްސަލަތަކެއް ކުރިމަތިކުރުވާ ނުރައްކާތެރި އެއްޗެއް ކަމަށް އެމްޑީޕީން ބުނެއެވެ.
ރާއްޖޭގެ ހާލަތު ބަޔާންކޮށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ މިސަރުކާރަށް އިގްތިސާދީ ހާލަތު މެނޭޖްނުކުރެވި، ދަރަނި ބޮޑުކުރަމުންދާ ކަމަށާއި، މިސަރުކާރާ މެދު ރައްޔިތުން ހިތްހަމަ ނުޖެހޭ ކަމަށެވެ.
ރާއްޖޭގެ ޑިމޮކްރަސީ ނެތިދާ މަންޒަރު ވަރަށް ހަލުވި މިނެއްގައި ފެންނަމުންދާކަންް ފާހަގަކޮށް އެމްޑީޕީން ބުނީ، ރައީސް މުއިއްޒުގެ ސަރުކާރަކީ ހުދުމުހުތާރު ސަރުކާރެއް ކަމަށާއި، ޝަރުއީ ނިޒާމާއި، މީޑީއާގެ މިނިވަންކަން ނަގާލާފައިވާ ކަމަށެވެ. އަދި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ހައްގު ބޭނުންކުރާ ރައްޔިތުންނާ ދެކޮޅަށް ހަލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރަަމުންދާ ކަމަށެވެ.
ލޫޓުވައިފި އެއްވުމުން ހައްޔަރުކުރި އެންމެން ވަގުތު ދޫކޮށްލުމަށް ގޮވާލައި، އެމްޑީޕީން ވަނީ މި އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތްކުރަން ބޭރުގެ ޖަމިއްޔާތަކަށް ގޮވާލާފައެވެ. އަދި ރައްޔިތުންގެ ހައްގުތައް ނިގުޅައިގަންނަމުންދާތީ، އެކަން ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަމަށް ގެނެސްފައިވެއެވެ.