ލޫޓުވައިފި އެއްވުމުގައި ފުލުހުންގެ ވާޖިބަށް ހުރަސްއަޅަމުންދާ ކަމަށާއި، އެމީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުންގެ ޚިދުމަތުން ދީފިއެވެ.
ހުކުރު ދުވަހުގެ ރޭ ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، އެމްޑީޕީ އިން މާލޭގައި ކުރިއަށް ގެންދާ އެއްވުމުގައި ކުރިން ހުއްދަ ދެވިފައިވާ ރޫޓާ ހިލާފަށް މަޖީދީ މަގުން ކުރިއަށްދާން ފެށުމާއި ގުޅިގެން އެގޮތަށް އަމަލު ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެ، އިންޒާރު ދީފައިވާ ކަމަށެވެ.
ނަމަވެސް އެކަމަށް އިޖާބަ ނުދީ އެއްވުމުގެ ބައިވެރިން ފުލުހުންނާ ދިމާލަށް ގަލާއި، ފެންފުޅު އުކައި ފުލުހުންގެ އާލާތްތައް އަތުލަން މަސައްކަތް ކޮށް، އަދި ފުލުހުންގެ ވާޖިބު އަަދާ ކުރުމަށް ހުރަސްއަޅާފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެހެންކަމުން މި އަމަލުތައް ހިންގި ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން ފުލުހުން ވަނީ ފުލުހުންގެ ވާޖިބު އަދާ ކުރުމަށް ހުރަސްނޭޅުމަށް އެންމެހައި ފަރާތްކަށް ނަސޭހަތްތެރިވެފައެވެ.
ފުލުހުން މިފަދަ އިންޒާރެއް ދީފައިވާއިރު، މަޖީދީ މަގުން ކުރިއަށް ދިއުމުގެ ފުރުސަތު ދިނުމަށް އެއްވުމުގެ ބައިވެރިން ދަނީ ގޮވާލަމުންނެވެ. މަޖީދީ މަގަކީ ރައްޔިތުންގެ މަގެއް ކަމަށާއި، ސުލްހަވެރި ހަރަކާތަކަށް ހުރަސް ނޭޅޭނެ ކަމަށް ބައިވެރިން ބުނެއެވެ.
މީގެ އިތުރުން ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރަމުންދާ ކަމަށާއި، ނޫސްވެރިން ވެސް ދުރަށް ޖެއްސުމަށް މަސައްކަތްކޮށް، ޕެޕަރ ސްޕްރޭ ޖަހާފައިވެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މިހާތަނަށް އެއްވުމުގެ ތެރެއިން ގާތްގަނޑަކަށް 8 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.