Advertisement
ކ. މާލެ
|
22 ސެޕްޓެންބަރ 2025 | ހޯމަ 22:43
ބީއެމްއެލުން ރާއްޖޭގައި އަލަށް ޗައިނީޒް ޔުއާން އެކައުންޓުގެ ޚިދުމަތް ފެށުން
ބީއެމްއެލުން ރާއްޖޭގައި އަލަށް ޗައިނީޒް ޔުއާން އެކައުންޓުގެ ޚިދުމަތް ފެށުން
ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް
ރާއްޖޭގައި ޗައިނާގެ ޔުއާން އިން އެކައުންޓު ހުުޅުވޭ ގޮތް ބީއެމްއެލް އިން ހަމަޖައްސައިދީފި
އިންޓަނެޓް އަދި މޮބައިލް ބޭންކިން މެދުވެރިކޮށް ވިޔަފާރިތަކަށާއި ފަރުދުންނަށް ޔުއާން އެކައުންޓު ހުޅުވޭނެ
ބީއެމްއެލްގެ ވިސާ އަދި މާސްޓާކާޑުތައް ވީޗެޓް ޕޭއަށް އެޑްކޮށް ޗައިނާގެ މާޗަންޓުންނަށް ފައިސާ ދެއްކޭނެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ޗައިނީޒް ޔުއާން އެކައުންޓު ހުޅުވޭ ގޮތް ފުރަތަމަ ފަހަރަށް ހަމަޖައްސައި، އެ ގައުމުގެ ފައިސާ އިން ވިޔަފާރި ކުރެވޭނެ ފަސޭހަ އިންތިޒާމުތަކެއް އެ ބޭންކުން އިއުލާންކޮށްފި އެވެ.

މިހާރު އިންޓަނެޓް އަދި މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް ވިޔަފާރިތަކަށާއި ފަރުދުންނަށް ޗައިނީސް ޔުއާންއިން ކަރަންޓް އެކައުންޓް ހުޅުވޭ ގޮތް ވަނީ ހަމަޖައްސާފަ އެވެ. ހަމައެހެންމެ، ބީއެމްއެލްއިން ރުފިޔާ އެކައުންޓަށް ދޫކޮށްފައިވާ ވިސާ އަދި މާސްޓާ ކާޑު ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތައް ވީޗެޓް ޕޭއަށް އެޑްކޮށް ޗައިނާގެ މާޗަންޓުންނަށް ފައިސާ ދެއްކޭނެ ގޮތް ވެސް ވަނީ ހަދާފަ އެވެ.

އޭގެ އިތުރުން ޗައިނީސް ޔުއާން އިން އިންޓަނޭޝަނަލް ޓްރާންސްފާ (ޓީޓީ) ހިދުމަތް ވެސް ލިބޭ ގޮތަށް ބީއެމްއެލްއިން ވަނީ ހަމަޖައްސާފަ އެވެ. އިމްޕޯޓް ކުރާ ފަރާތްތަކާއި އެކްސްޕޯޓް ކުރާ ފަރާތްތަކަށް ޗައިނީސް ޔުއާން އިން އެލްސީ ހެދޭ ގޮތް ވެސް ހަމަޖައްސާފައިވާ ކަމަށް ބީއެމްއެލްއިން ބުނެ އެވެ

ޔުއާން އެކައުންޓް ހުޅުވައި، ބެލެހެއްޓުމުގެ ހިދުމަތް ފަށަން ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ އެ ބޭންކުގެ ކޮންމެ ކަސްޓަމަރަކަށް ވެސް މިހާރު އެ މީހުންގެ ބީއެމްއެލް ވިސާ ނުވަތަ މާސްޓަކާޑު، ޗައިނާގެ ވީޗެޓް ޕޭއާ ލިންކު ކުރެވޭނެ ކަަމަށެވެ. އެއީ ވިސާ ޑެބިޓް ކާޑާއި ކްރެޑިޓް ކާޑު ވެސް ހިމެނޭ ގޮތުންނެވެ.

ޝަރީފު ވިދާޅުވި ގޮތުގައި ބީއެމްއެލްގެ ކަސްޓަމަރުންނަށް މިހާރު އެ މީހުންގެ ވީޗެޓް ވޮލެޓަށް، ޔުއާން އިން ސީދާ ގޮތެއްގައި ފައިސާ ޖަމާކުރެވޭނެ އެވެ. އެެއާ އެކު، ވީޗެޓް ވޮލެޓް ބޭނުންކުރާ މީހުންގެ މެދުގައި އެކަކު އަނެކަކަށް ފައިސާ ފޮނުވުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ހިދުމަތްތަކުގެ ސަބަބުން އަޅުގަނޑުމެންގެ ވިޔަފާރި މުޖުތަމައުއަށް ހަރުދަނާކަމާ އެކު ވިޔަފާރިކުރެވި، އަދި ފަރުދުންނަށް މިހާތަނަށް ނުލިބޭ ވަރުގެ ފަސޭހަތަކެއް ލިބިގެން ދާނެ. މިއީ އައު އީޖާދީ ހައްލުތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގެ ރަމްޒެއް.

ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުހައްމަދު ޝަރީފު

ޝަރީފް ވިދާޅުވި ގޮތުގައި ބީއެމްއެލް އިން ހޯމަ ދުވަހު ތައާރަފްކުރި ހިދުމަތްތަކާ ހިސާބުން އެކަން ނިމުނީއެއް ނޫނެވެ. އަންނަ ޖެނުއަރީ މަހުން ފެށިގެން ޔުއާން އެކައުންޓްތަކަށް ޔޫނިއަން ޕޭ ޑެބިޓްކާޑާއި ކްރެޑިޓް ކާޑު ވެސް ތައާރަފު ކުރާނެ ކަމަށް ވިދާޅުވި އެވެ.

ޔޫނިއަން ޕޭ ކާޑަކީ ދުނިޔޭގެ 180 އަށް ވުރެ ގިނަ ގައުމުގައި ބަލައިގަންނަ، ގްލޯބަލް ޕޭމަންޓް ނެޓްވޯކްގައި ބޭނުންކުރެވޭ ކާޑެކެވެ.

ޝަރީފް ވިދާޅުވީ، މިއީ ރާއްޖޭގެ މާލީ ދާއިރާ ޒަމާނީ ކުރުމުގައި ކުރިއަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް އިގުތިސާދާއި ރާއްޖޭގައި އެންމެ ގިނައިން ބޭނުންކުރާ އެއް ޕްލެޓްފޯމާ ގުޅުވައިލުމުން ބީއެމްއެލްގެ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތަކެއް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

- ކޮމެންޓް