ފަލަސްޠީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތް އެކަހެރި ކުރެވޭނެ އެންމެ ރަނގަޅު ގޮތަކީ، ފަލަސްޠީނުގެ މިނިވަން ދައުލަތް ޤަބޫލު ކުރުން ކަމަށް ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވިދާޅުވެއްޖެ އެވެ.
އިސްރާއީލްގެ ޗެނަލް 12 އަށް ދެއްވި އިންޓަވިޔުއެއްގައި މެކްރޮން ވިދާޅުވެފައި ވަނީ، ފަލަސްޠީނުގެ މިނިވަން ދައުލަތް ޤަބޫލު ކުރުމަކީ ހަމާސް ޖަމާއަތް އެކަހެރި ކުރެވޭނެ އެންމެ ރަނގަޅު ގޮތް ކަމަށެވެ. އަދި ޣައްޒާގައި އިސްރާއީލް އިން ހިންގަމުންދާ ހަނގުރާމައާ މެދު ކަންބޮޑުވާ ކަމަށް ވެސް މެކްރޮން ވަނީ ވިދާޅުވެފަ އެވެ.
އެ އިންޓަވިޔުގައި މެކްރޮން ވިދާޅުވެފައި ވަނީ، ފަލަސްޠީނުގެ ދައުލަތް ޤަބޫލު ކުރުމަކީ ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުތަކާއި، އެ މީހުން މިއަދު ތަހަންމަލު ކުރަމުންދާ ވޭނަކީ ހަމާސްއާ ގުޅުމެއް ނެތް ކަމެއްކަން ދެނެގަތުން ކަމަށެވެ.
ފްރާންސް އާއި އިނގިރޭސިވިލާތް ހިމެނޭ ގޮތުން، ހުޅަނގުގެ ގިނަ ޤައުމު ތަކުން ވަނީ އދ ގެ ޖެނަރަލް އެސެމްބްލީގައި ފަަލަސްޠީނުގެ މިނިވަން ދައުލަތް ރަސްމީކޮށް ބަަލައި ގަތުމަށް ނިންމައިފަ އެވެ. އެ މަސައްކަތުގެ މަޤުސަދަކީ ހަމާސް އެކަހެރިކޮށް، އިސްރާއީލް އާއި ފަލަސްޠީނާ ދެމެދު ދެ ދައުލަތުގެ ޙައްލު ހޯދުމެވެ. ނަމަވެސް، އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެ ހުށަހެޅުމާ ދެކޮޅު ހަދައިފަ އެވެ.
އިތުރަށް މެކްރޮން ވިދާޅުވެފައި ވަނީ ވެސްޓް ބޭންކުގައި އިސްރާއީލްގެ އާބާދީ އިތުރު ވަމުން ދާތީ، ދެ ދައުލަތުގެ ހައްލެއް ހޯދުމަސް މިހާރު ވަނީ އެންމެ ފަހު ވަގުތާ ޖެހިފައި ކަމަށެވެ. އަދި ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މުހިންމުކަން ވެސް މެކްރޮން ވަނީ ފާހަގަ ކުރައްވައިފަ އެވެ.
ޣައްޒާގައި މިހާރު ހިންގަމުން އަންނަ އޮޕަރޭޝަނަކީ އެއްވެސް ގޮތަކަށް ފައިދާ ހުރި ކަމެއް ނޫން ކަމަށާއި، އެއީ ފެއިލްވަމުން އަންނަ ކަމެއް ކަމަށް މެކްރޮން ވިދާޅުވެފައިވެ އެވެ. އިސްރާއީލް އިން ހިންގަމުން އަންނަ ކަންތައްތަކުގެ ސަބަބުން މުޅި ސަރަހައްދުގައި އަދި މުޅި ދުނިޔޭގެ ކުރިމަތީގައި ވެސް އިސްރާއީލްގެ ނަން ހަޑިވަމުން އަންނަ ކަމަށް މެކްރޮން ވިދާޅުވެފައިވެ އެވެ.
އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި މިހާތަނަށް ޣައްޒާ އިން ވަނީ 65،141 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަ ކުދިންނެވެ.
އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ފުޅާ ކޮށްފައި ވަނީ، ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލްގެ ރަހީނުން މިނިވަން ކުރުމުގެ ބޭނުމުގަ އެވެ. އެ އޮޕަރޭޝަންގެ ދަށުން އިސްރާއީލް އިން އަންނަނީ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތައް، އެއް ދުވަހުން އަނެއް ދުވަހަށް ވަރުގަދަ ކުރަމުންނެވެ.