Advertisement
ކ. މާލެ
|
5 ޑިސެންބަރ 2025 | ހުކުރު 10:08
ޔާސިރު އަބޫ ޝަބާބު
ޔާސިރު އަބޫ ޝަބާބު
ފޭސްބުކް
ޣައްޒާ
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ޕޮޕިއުލަރ ފޯސަސްގެ ވެރިޔާ ޔާސިރު އަބޫ ޝަބާބު މަރުވުމަކީ އިޒްރޭލުން ހަމާސް އާ ދެކޮޅު ޖަމާއަތްތަކަށް އެހީތެރިވުމަށް ކުރާ މަސައްކަތަށް ލިބުނު ބޮޑު ހީނަރުކަމެއް ކަމަށް ރިޕޯޓުތައް ބުނޭ.

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި އެވެ.

މިއީ ހަމާސް އާ ދެކޮޅަށް ޣައްޒާގެ ވަކިވަކި ޤަބީލާތަކަށް އިސްރާއީލުން އެހީތެރިވުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ހީނަރުކަމެކެވެ.

ޔާސިރު އަބޫ ޝަބާބަކީ، ޣައްޒާގެ ދެކުނު ގައި އިސްރާއީލުގެ ބާރުގެ ދަށުގައިވާ ރާފާހު ގައި ހުންނަ ބަދަވީންގެ ޤަބީލާގެ ވެރިއެކެވެ. ދެ އަހަރަށްވުރެ ގިނަ ދުވަސްކުރިން ފެށުނު ހަނގުރާމައިގެ ތެރޭގައި ޣައްޒާ އިން އުފެދުނު ހަމާސްއާ ދެކޮޅު ކުދި ޖަމާޢަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ޖަމާޢަތް ހިންގީ އޭނާއެވެ.

އޭނާގެ މަރުވުމަކީ ހަމާސް އަށް ލިބުނު ހިތްވަރެކެވެ.

ހަމާސް އިން އޭނާ އަކީ އިޒްރޭލަށް ވާގިވެރިވާ މީހެއްގެ ގޮތުގައި ސިފަކޮށް، އޭނާ މަރާލުމަށް ނުވަތަ ހައްޔަރުކުރުމަށް އެ ޖަމާޢަތުގެ ހަނގުރާމަވެރިންނަށް ވަނީ އަމުރުކޮށްފައެވެ.

ޣައްޒާގެ ޕޮޕިއުލަރ ފޯސަސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ޖަމާޢަތުގެ ވެރިޔާ މަރުވެފައި ވަނީ އާއިލީ ކޯޅުމެއް ގައި މައްސަލަ ހައްލު ކުރަން އުޅެނިކޮށް އަމާޒުވި ބަޑީގެ ހަމަލާއެއް ގައި ކަމަށެވެ. އަދި އޭނާ މަރާލުމުގެ ފަހަތުގައި ހަމާސް އޮތްކަމަށް ބުނެ ފެތުރިފައިވާ ރިޕޯޓްތަކަކީ "އޮޅުވާލުން" ކަމަށް އެ ޖަމާޢަތުން ވަނީ ބުނެފައެވެ.

އިޒްރޭލުން ހަމާސް އާ ދެކޮޅު ޤަބީލާތަކަށް ހަތިޔާރު ފޯރުކޮށްދީފައިވާކަން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޖޫން މަހު އެއްބަސްވެފައިވާއިރު، އެ ސިޔާސަތުގެ އެހެން އެއްވެސް ތަފްސީލެއް އިޒްރޭލުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ޕޮޕިއުލަރ ފޯސަސް އަށް ހަތިޔާރު ފޯރުކޮށްދިނުމަށް ނަތަންޔާހޫ ހުއްދަ ދެއްވި ކަމަށް އިޒްރޭލުގެ މީޑިއާ ގައި ވެސް ރިޕޯޓު ކޮށްފައި ވެއެވެ. ނަމަވެސް، އިޒްރޭލުން އެ ޖަމާޢަތަށް ހަތިޔާރު ފޯރުކޮށްދޭކަމަށް ބުނާ ބުނުން އެ ޖަމާއަތުން ވަނީ ދޮގުކޮށްފައެވެ.

ހަނގުރާމައިގެ ތެރޭގައި ޣައްޒާ އަށް ފޮނުވި އިންސާނީ އެހީގެ ޓްރަކްތައް ލޫޓުވާފައިވާކަމަށް ޕޮޕިއުލަރ ފޯސަސްގެ މައްޗަށް ވަނީ ތުހުމަތުކުރެވިފަ އެވެ. ނަމަވެސް އެ ޖަމާއަތުން އެކަން ވެސް ދޮގުކޮށްފައިވެއެވެ.

އެމެރިކާ ގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ ޣައްޒާ ގެ ސުލްހައިގެ ޕްލޭނު ގެ ދެވަނަ މަރުހަލާގައި ޣައްޒާ ހިންގުމަށް ރާވާފައިވާ ރޭވުމުގެ ދަށުން މަޤާމު ހޯދުމަށް މަސައްކަތް ކުރަމުން ދިޔަ ހަމާސް އާ ދެކޮޅު އެތައް ގުރޫޕު ތަކެއްގެ ލީޑަރުންގެ ތެރޭގައި އަބޫ ޝަބާބު ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

- ކޮމެންޓް