ރަށް ރަށުގައި ޤާއިމު ކުރާ އޭޓީއެމްތައް ހުޅުވަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވަޑައިގަންނަވާތީ ގިނަ ބަޔަކު އެކަމަށް ޖޯކު ޖަހަމުން އަންނަނިކޮށް، ރައީސް މުޢިއްޒު އަކީ އޭޓީއެމް ދޮންބެ ކަމަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަޙުމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
މެމްބަރު އަސްލަމް މިހެން ވިދާޅުވީ ފ.އަތޮޅުގެ ރަށްތަކަށް ރައީސް މުޢިއްޒު ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ބިލެތްދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވަން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް މުޢިއްޒު އަތޮޅު އެތެރޭގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ކޮންމެ ރަށެއްގައި ވެސް އޭޓީއެމް ހުޅުވައި ދެއްވަ އެވެ. ގިނަ ރަށް ރަށުގައި އޮންނަނީ ހަމައެކަނި އޭޓީއެމް ހުޅުވައި ދެއްވުމެވެ.
ހޮނިހިރު ދުވަހު ބިލެތްދޫ އަށް ވަޑައިގެން ރައީސް މުޢިއްޒު ވަނީ އެ ރަށުގައި ވެސް އޭޓީއެމް ހުޅުވައި ދެއްވައިފަ އެވެ. އެއީ ކުރީގެ ސަރުކާރުން ބިލެތްދޫގައި ޤާއިމު ކުރުމަށް ނިންމައި، އަމަލީ މަސައްކަތް ވެސް އޭރު ފަށާފައިވާ މަސައްކަތެވެ. މެމްބަރު އަސްލަމްގެ ވާހަކައިގައި ވެސް ވަނީ އެކަން ފާހަގަ ކުރައްވައިފަ އެވެ.
މެމްބަރު އަސްލަމް ވިދާޅުވީ، 2023 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބު ރައީސް މުޢިއްޒު ކާމިޔާބު ކުރެއްވުމާ އެކު، ފެނަކަ ކޯޕަރޭޝަނަށް ސިޓީއެއް ފޮނުވި ކަމަށެވެ. އޭރު އަސްލަމް އަކީ ބިލެތްދޫ ކައުންސިލްގެ ރައީސްކަން ފާހަގަ ކުރައްވައި އަސްލަމް ވިދާޅުވީ، އަލަށް އިންތިޚާބުވީ ސަރުކާރާ ގުޅިގެން އެކަން ކުރަން ބޭނުންވާ ކަމަށް ފެނަކަ އަށް އަންގާފައި ވާނެ ކަމަށެވެ.
އޭގެ ފަހުން 2024 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް ބިލެތްދޫ އޭޓީއެމްގެ ވާހަކަ ސަރުކާރުން ވަނީ ދައްކައިފަ އެވެ. އޭގެ ދޮޅު އަހަރު ފަހުން، ރައީސް ބިލެތްދޫ އަށް ވަޑައިގެން އޭޓީއެމް ހުޅުވައި ދެއްވުމުން، ޕޯޑިއަމްގައި ހުންނަވައި އަތް ޖައްސަވަމުން މެމްބަރު އަސްލަމް ވިދާޅުވީ، ރައީސް މުޢިއްޒު އަކީ އޭޓީއެމް ދޮންބެ ކަމަށެވެ.
އޭރު އަޅުގަނޑުމެން ދެންނެވިންބިލެތްދޫ ރައްޔިތުން އެދޭ ތަނެއްގައި އެކަން ކުރުމުގެ ޝައުޤު ކައުންސިލްގައި އެބަ ހުއްޓޭ. ލޮބުވެތި ރައްޔިތުން، ދެންމެ އެ ހުޅުވައި ދިނީ އެތަން. މިއީ އަޅުގަނޑުމެން އެދުނު ގޮތް. ޝުކުރިއްޔާ އޭޓީއެމް ދޮންބެ.
ބިލެތްދޫ ދާއިރާގެ މެމްބަރު އަޙުމަދު އަސްލަމް![]()
މެމްބަރު އަސްލަމްގެ މި ވާހަކަތަކާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑު ކިޔަމުންނެވެ. އެގޮތުން ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ބުނެފައި ވަނީ، އޭޓީއެމް އަކީ ރައީސް ވަޑައިގެން ހުޅުވައި ދެއްވަން ޖެހޭ ތަނެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ރަށް ރަށުގައި ކުރަން ޖެހޭ ގިނަ މަސައްކަތްތައް ހުރި ކަމަށް ފާހަގަ ކޮށްފި އެވެ.
ބައެއް ފަރާތްތަކުން ބުނެފައި ވަނީ ރާއްޖޭގެ ކުރީގެ ރައީސުންގެ ލެގަސީ އޮތީ ބޮޑެތި ކަންތައްތަކަށް ކަމަށެވެ. ޚާއްސަކޮށް ރައްޔިތުންނާ ގުޅުން ހުރި އަސާސީ ކަންތައްތަކާއި، ރައްޔިތުންގެ އުމުރާނީ ތަރައްޤީ އަށް ބޭނުންވާ ކަންތައްތަކަށް ވާއިރު، އޭޓީއެމްއެއް ހުޅުވައިގެން ރައީސް މުޢިއްޒު އަށް އޭޓީއެމް ދޮންބެ ކިޔުމަކީ ކުރެވޭ މަލާމާތެއް ކަމަށް ބައެއް ފަރާތްތަކުން ވަނީ ފާހަގަ ކޮށްފަ އެވެ.