ރަޝިޔާ އިން ޔުކްރެއިންގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓުވުމަކަށް ގެނައުމަށް ކުރަމުން އަންނަ މަސައްކަތުގައި، އޭނާގެ އުންމީދުތަކާ ޚިލާފަށް ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން އަމަލު ކޮށްފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާއާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ.
ހަނގުރާމަ ނިންމުމަކަށް ގެންނާނެ ކަމަށް ވައުދުވެ ވަޑައިގެންފައިވާ ޓްރަމްޕް ވިދާޅުވީ، އޭނާ އެންމެ ބޮޑަށް ހިތާމަ ކުރަަނީ ހަނގުރާމަ ނިންމުމަކަށް ގެނެވިފައި ނުވާތީ ކަމަށެވެ.
އެގޮތުން އޭނާ އާއި ޕުޓިންއާ ދެމެދު ވަރަށް ގާތް އަދި ރަނގަޅު ގުޅުމެއް އޮތް ކަމަށް ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، އެ ގުޅުމުގެ ސަބަބުން ހަނގުރާމައިގެ މައްސަލަ ހައްލު ކުރުމަށް ފަސޭހަ ވާނެ ކަމަށް އޭނާ ޤަބޫލު ކުރެއްވި އެވެ. ނަމަވެސް، ޕުޓިންގެ އަމަލުތައް ހުންނަ ގޮތުން އޭނާގެ އުންމީދުތައް ފުނޑު ފުނޑުވެފައިވާ ކަމުގައި ޓްރަމަޕް ވިދާޅުވެފައިވެ އެވެ،
މީގެ ކުރިން ވެސް ޕުޓިން އަށް ފާޑު ވިދާޅުވެ، އަދި ރަޝިޔާއާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ޓްރަމްޕް ވަނީ، ރަޝިޔާގެ ތެޔޮ ގަތުން ހުއްޓާލުމަށް ޤައުމު ތަކަށް ގޮވާލައްވައިފަ އެވެ. އެހެން ނަމަވެސް، އެމެރިކާ އިން ރަޝިޔާއާ ދެކޮޅަށް އިތުރު އެއްވެސް ފިޔަވަޅެއް އެޅުމަށް މިހާތަނަށް ނިންމާފައި ނުވެ އެވެ.
ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް މަސައްކަތް ކުރައްވަމުން އަންނަ ޓްރަމްޕް ވަނީ، މިދިޔަ އޯގަސްޓު މަހުގެ ތެރޭގައި އެމެރިކާގެ އެލަސްކާގައި ޕުޓިންއާ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމަށް ފަހު ޓްރަމްޕްގެ ސިޔާސަތު ތަކުގެ ސަބަބުން އެމެރިކާގެ ބައިވެރިން ވެސް ވަނީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ.
އެ ބައްދަލުވުމުގައި އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެފައި ވަނީ، ޔުކްރެއިންގެ މައްސަލައިގައި އެމެރިކާގެ ރައީސް ޕުޓިން އާއި ޔޫރަޕުގެ ބާރު ތަކުން ގުޅުން ބަދަހި ކުރަން ޖެހޭ ކަމަށާއި، އެކުގައި މަސައްކަތް ތަކެއް ކުރަން ޖެހޭ ކަމަށެވެ.
އެގޮތުން ރަޝިޔާ އާއި އެ ޤައުމުގެ ރައީސް ޕުޓިންއާ ދެކޮޅަށް އިތުރު ފިޔަވަޅު ތަކެއް އަޅަން ޖެހޭ ކަމަށް ސްޓާމާ ވަނީ ވިދާޅުވެފަ އެވެ. އެކަން ފާހަގަ ކުރައްވަމުން ސްޓާމާ ވިދާޅުވީ، ޕުޓިންއާ ދެކޮޅަށް ޓްރަމްޕް ފިޔަވަޅު އަޅުއްވާ ކޮންމެ ފަހަރަކު، ޕުޓިންގެ ފަރާތުން އެއްބާރުލުން ލިބެމުން އަންނަ ކަމަށެވެ.
އިތުރަށް އެ ބައްދަލުވުމުގައި ޓްރަމްޕް ވަނީ ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު އޮތް މައްސަލަ ޙައްލުވެ، އެ ހަނގުރާމަ ހުއްޓުމަކަށް އަންނާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވެފަ އެވެ. އެހެން ނަމަވެސް، އެކަން ހައްލު ކުރުމަށް އަޅާނެ އެއްވެސް ފިޔަވަޅެއްގެ ތަފްސީލެއް ޓްރަމްޕް ދެއްވާފައި ނުވެ އެވެ.