ސަރުކާރުން ކުޅިވަރު އެސޯސިއޭޝަންތަކަށް ދޭން ޖެހޭ ފައިސާތައް ނުދެވި ލަސްވެގެން ގޮސް، ފައިސާ ނުލިބުމުގެ ސަބަބުން ރާއްޖޭގައި ސްޕެޝަލް އޮލިމްޕިކްސްގެ ކުޅިވަރުތައް ހުއްޓުމަކަށް އައިސްފި އެވެ.
އެކި އެކި މަސްދަރު ތަކުން މައުލޫމާތު ދީފައިވާ ގޮތުގައި ސަރުކާރުން ކުޅިވަރު އެސޯސިއޭޝަން ތަކަށް ދޭން ޖެހޭ ފައިސާ ނުދެވި ވަނީ ވަރަށް ބޮޑަށް ލަަސްވެފަ އެވެ. އެކަމުގެ ސަބަބުން އެސޯސިއޭޝަން ތަކަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާއިރު، ފައިސާ ހޯދުމަށް އެސޯސިއޭޝަން ތަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ސްޕެޝަލް އޮލިމްޕިކްސްގައި އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅަކު ވިދާޅުވެފައިވާ ގޮތުގައި، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް މާލެ އާއި ހުޅުމާލޭގައި ހަތަރު ކުޅިވަރެއްގެ ތަމްރީނު ސެޝަންތައް ދިޔައީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން ބެޑްމިންޓަން، ބާސްކެޓު ބޯޅަ، އެތްލެޓިކްސް އަދި ފެތުމުގެ ތަމްރީނު ސެޝަންތައް ޤަވާއިދުން ކުރިއަށް ގެންދިޔަ އެވެ.
އޭނާ ވިދާޅުވެފައިވާ ގޮތުގައި އެ ސެޝަންތަކަކީ ޚަރުދަނާ ގޮތެއްގައި ރޭވިގެން ކުރިއަށް ގެންދެވުނު ސެޝަންތަކެކެވެ. ޚާއްސަޮށް ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ކުޅުންތެރިންނަށް ތަމްރީނުވެ، ހުނަރުތައް ދަސްކޮށް، ރާއްޖެ އާއި ބައިނަލްއަޤުވާމީ މުބާރާތްތަކަށް ތައްޔާރުވުމަށް އެ ސެޝްންތަކުން ފުރުސަތު ލިބިގެން ދިއައެވެ.
އެހެން ނަމަވެސް، ސެޕްޓެމްބަރު މަހުން ފެށިގެން ހުރިހާ ސެޝަންތަކެއް ހުއްޓާލަން ޖެހިފައިވާކަން އޭނާ ވަނީ ހިތާމައާ އެކު ފާހަގަ ކުރަށްވާފަ އެވެ. އެއީ ކުޅުންތެރިންގެ ޝައުޤުވެރިކަން ނެތިގެން ނޫންކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، ސެޝަންތައް ހުއްޓާލަން ޖެހުނީ އެކަމަށް ބޭނުންވާ ވަސީލަތްތައް ނެތިގެން ކަމަށެވެ.
ޚާއްސަކޮށް އެކަމުގައި ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކޯޗުންނަށް، އެ މީހުން ހޭދަ ކުރަމުން އަންނަ ވަގުތަށް އުޖޫރަ ލިބެން ޖެހޭއިރު، ކުޅުންތެރިންނަށް ބޭނުންވާ ހިތްވަރު އަދި ފޯރި ގެނައުމަށްޓަކައި ރާއްޖޭގައި މުބާރާތްތަކެއް ވެސް ބާއްވަން ޖެހޭ ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ. އެހެން ނަމަވެސް، އެކަންކަމަށް ބޭނުންވާ ބަޖެޓު ނެތި އެކަން ކަން ކުރިއަށް ނުގެން ދެވޭނެކަން ވެސް ފާހަގަ ކޮށްފައިވެ އެވެ.
ފައިސާ ނުލިބުމުގެ ސަބަބުން އެ ސެޝަންތައް ހުއްޓާލަން ޖެހިފައިވާއިރު، އޭނާ ވިދާޅުވެފައިވާ ގޮތުގައި އެއީ އެ ކުދިންގެ މައިންބަފައިންނަށް ވެސް ލިބޭ ވަރަށް ބޮޑު ހިތާމަ އެކެވެ. ޚާއްސަކޮށް އެ ސެޝަންތަކަކީ އެ މީހުންގެ ދަރިންނަށް ރައްކާތެރި އަދި އިޖާބީ މާހައުލެއް ލިބޭނެ ކަމަށް އުންމީދު ކުރި ސެޝަންތަކަކަށް ވާތީ އެވެ.
މިކަންކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، އަދި ވެސް އެކަންކަން ކުރިއަށް ގެންދަން ބޭނުންވާ ކަމަށެވެ. ސަރުކާރުން ދޭން ޖެހޭ ފައިސާ ނުލިބުނު ނަމަވެސް، އެކި ގޮތް ގޮތުން ސްޕޮންސަރ ހޯދައިގެން ނަމަވެސް، އެކަން ކުރިއަށް ގެންދަން ބޭނުންވާ ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ. އެހެންކަމުން އެ ބޭފުޅުން ވަނީ އެކަމުގައި އެހީތެރިކަން ފޯރުކޮށްދޭން ތިބި ބޭފުޅުންނަށް އެ ފުރުސަތު އޮތް ކަމަށް ފާހަގަ ކޮށްފަ އެވެ.
މިކަމުގެ ސަބަބުން ބައެއް ބެލެނިވެރިން ވެސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. ޚާއްސަކޮށް އެ ކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދަމުން އައި ޙަރަކާތްތައް ނުވަތަ ސެޝަންތައް ހުއްޓާލަން ޖެހުމަކީ އެ ކުދިން ކުރިއަށް ދާން އޮތް ދޮރު ބަންދުވުން ކަމަށް ބެލެނިވެރިން ވަނީ ފާހަގަ ކޮށްފަ އެވެ.
ސްޕެޝަލް އޮލިމްޕިކްސްގެ އިތުރުން، ބައެއް އެހެން އެސޯސިއޭޝަންތަކަށް ވެސް ސަރުކާރުން ދޭން ޖެހޭ ފައިސާ ނުދެވި ވަނީ ލަސްވެފަ އެވެ. އެކަމުގެ މައުލޫމާތު އިނގޭ ބޭފުޅަކު ވިދާޅުވެފައިވާ ގޮތުގައި، އާންމު ގޮތެއްގައި ސަރުކާރުން އެސޯސިއޭޝްންތަކަށް ފައިސާ ދެމުން އަންނަނީ ހަތަރު ކުއާޓަރަކަށް ބަހާލައިގެންނެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ފައިސާ ސަރުކާރުން ވަނީ ދޫކޮށްފަ އެވެ. ނަމަވެސް، ދެ ވަނަ ކުއާޓަރުގައި ދޭން ޖެހޭ ފައިސާ ނުދެވި އޮއްވައި، މިހާރު މި ދަނީ ތިން ވަނަ ކުއާޓަރު ފެށިގެންނެވެ. އެހެންކަމުން ދެ ވަނަ ކުއާޓަރުގެ ފައިސާ އާއި ތިން ވަނަ ކުއާޓަރުގެ ފައިސާ އެސޯސިއޭޝަންތަކަށް ނުލިބޭ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
ސަރުކާރުން އެސޯސިއޭޝަންތަކަށް ދޭން ޖެހޭ ފައިސާ ނުދެވި ލަސްވަނީ، ބަޖެޓުގެ ތާށިކަމާ ގުޅިގެން ކަމަށް ބައެއް ފަރާތްތަކުން ވަނީ ފާހަގަ ކޮށްފަ އެވެ. މިހާތަނަށް އައިއިރު، މިއަހަރުގެ ކުޅިވަރު ވުޒާރާ އަށް ކަނޑައަޅާފައިވާ ބަޖެޓުގެ ބޮޑު އިންސައްތައެއް ވަނީ ހުސްވެފަ އެވެ. އެސޯސިއޭޝަންތަކަށް ފައިސާ ނުދެވި ލަސްވާ ސަބަބަކީ އެއީ ކަމުގައި ބައެއް ފަރާތްތަކުން ފާހަގަ ކޮށްފައިވެ އެވެ.