Advertisement
ކ. މާލެ
|
11 ސެޕްޓެންބަރ 2025 | ބުރާސްފަތި 19:01
ގދ ތިނަދޫ ކުރިން ހުރި ޕޮލިސް އިމާރާތް: އެ ބިމުގައި އާ އިމާރާތެއް އެޅުމަށް މި އިމާރާތް ވަނީ މިހާރު ތަޅާލާފަ
ގދ ތިނަދޫ ކުރިން ހުރި ޕޮލިސް އިމާރާތް: އެ ބިމުގައި އާ އިމާރާތެއް އެޅުމަށް މި އިމާރާތް ވަނީ މިހާރު ތަޅާލާފަ
ފްލިކަރ
ސައުދުﷲ ހިލްމީ
ތިނަދޫ ކުރީގެ ޕޮލިސް އިމާރާތް ތަޅާލުމަށްފަހު، އެތަނުގެ ބައިތައް ތިނަދޫ އަލަށް ހިއްކި ސަރަހައްދު ގޮނޑު ދޮށަށް އަޅާލާފައިވާ މައްސަލައެއް ފެންމަތިވެއްޖެ
ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީގެ ސްވިފްޓް ކުންފުނިން އެ ރަށުގެ ކުރީގެ ޕޮލިސް އިމާރާތް ތަޅާލުމަށްފަހު އޭގެ ބައިތައް ގޮނޑުދޮށަށް އަޅާލާފައިވޭ
ތަޅާލި އިމާރާތުގެ ކޮންކްރީޓް ބެރިތަކާއި ދަގަނޑުތައް ނުރައްކާތެރި ގޮތަކަށް ބަހައްޓާފައި ހުރުމުން ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ
މިއީ އާންމު ސަރަހައްދެއްގައި ބެހެއްޓުން ރަނގަޅު ތަކެއްޗެއް ނޫން، އެތަކެތި ޖެހޭނީ ރައްކާތެރި ގޮތަކަށް ނައްތާލަން

ތިނަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ސައުދުﷲ ހިލްމީގެ ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ގދ ތިނަދޫގައި ހުރި ކުރީގެ ޕޮލިސް އިމާރާތް ތަޅާލުމަށް ފަހު އެތަނުގެ ކޮންކްރީޓް ބެރިތަކާއި ދަނގަޑުތައް އެ ރަށުގެ އަލަށް ހިއްކި ސަރަހައްގުގެ ގޮނޑުށަށް އަޅާލާފައިވާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ތިނަދޫގައި ތަރައްޤީކުރާ އައު ޕޮލިސް ސްޓޭޝަން އިމާރާތް ކުރުމުގެ މަސައްކަތަށް ހަވާލުކޮށްފައި ވަނީ މެމްބަރު ސައުދުﷲ ހިލްމީގެ ބޮޑު ހިއްސާއެއް އޮންނަ ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާ އެވެ. ސައުދުﷲ ހިލްމީ އަކީ އެ ކުންފުނީގެ އެމްޑީ ވެސްމެ އެވެ.

ތިނަދޫގައި އަލަށް ގާއިމް ކުރާ ޕޮލިސް ސްޓޭޝަން އިމާރާތް ކުރުމަށް ނިންމާފައި ވަނީ ކުރިން ހުރި އިމާރާތް ތަޅާލުމަށް ފަހު އެ އިމާރާތް ހުރި ބިމުގައި އެވެ.

އެގޮތުން އެތަނުގައި ކުރިން ހުރި ޕޮލިސް އިމާރާތް ތަޅާލުމަށް ފަހު އެ އިމާރާތުގެ ކޮންކްރީޓް ބެރިތަކާއި ތަނބުތަކާއި ދަގަނޑުތައް ގެންގޮސް އަޅާލާފައި ހުރީ ތިނަދޫގެ ފަހުން ހިއްކައި ރިވެޓް ނުޖަހައި އޮތް ސަރަހައްދުގެ ގޮނޑުދޮށަށެވެ.

އެކަމާއި ގުޅިގެން ރަށުގެ ގިނަ ރައްޔިތުންގެ ކަންބޮޑުވުން އޮތްއިރު، އެކަމުގެ ޝަކުވާތައް ވަނީ ތިނަދޫ ސިޓީ ކައުންސިލަށް ވެސް ހުށަހަޅާފައެވެ. މި މައްސަލާގައި ތިނަދޫ ކައުންސިލްގެ ކަންބޮޑުވުންވެސް އެބަ އޮތެވެ.

އެގޮތުން އެ ސަރަހައްދަށް ދަނގަޑުތައް އަޅާލާފައި ހުރި އިރު، އެ ދަނގަޑުތައް ހުރީ ނުރައްކާތެރި ގޮތަކަށް، ބަޔަކަށް ގެއްލުމެއް ލިބިދާނޭ ފަދަ ގޮތަކަށް ކަމަށް އެ ރަށުގެ ރައްޔިތުން ބުނެއެވެ.

ތިނަދޫ ސިޓީ ކައުންސިލް މޭޔަރު ސައުދު އަލީ ވިދާޅުވީ ސައުދުﷲ ހިލްމީގެ ސްވިފްޓް އިންޖިނިއަރިންގ ކުންފުނިން ތަޅާލައި ބިމާހަމަކުރި، އެ އިމާރާތުގެ ކޮންކްރީޓް ބެރިތަކާއި ދަނގަޑުތައް ނުރައްކާވާ ގޮތަކަށް، އަޅާލާފައި ވުމުން އެކަމުގެ ޝަކުވާ ރަށުގެ ރައްޔިތުން ކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ ގިނަ އަދަދެއްގެ ދަނގަޑާއި ކޮންކްރީޓް ބެރިތަކެއް އަލަށް ހިއްކި ސަރަހަށްދުގެ ގޮނޑުދޮށަށް އަޅާފައި ހުރިކަން އެނގުނީ ރައްޔިތުންގެ ޝަކުވާތައް ލިބުމުން ކަމަށެވެ. އެގޮތުން ރައްޔިތުންގެ ޝަކުވާއާއި އެކު އެ ސަރަހައްދަށް ގޮސް ބެލިބެލުމުން އެތަނުގައި ގިނަ އަދަދެއްގެ ދަނގަޑާއި ކޮންކްރީޓް ތަނބުތަކާއި ބުޑުފަދަ ތަކެތި ހުރިކަން ފާހަގަ ކުރެވުުނު ކަމަށެވެ.

ސައުދު ވިދާޅުވީ އެފަދަ ތަކެއްޗަކީ އާންމުން ދިރިއުޅޭ ސަރަހައްދުގައި ބަހައްޓަން ރަނގަޅު ތަކެތި ނޫން ކަމަށާއި އެއީ އެއްކޮށް ނައްތާލަން ޖެހޭ ތަކެތި ކަމަށެވެ. އަދި މިހާރު އެތަނުގައި އެތަކެތި ހުރި ގޮތުން މީހަކަށް ގެއްލުމެއް ލިބުން ވެސް އެކަށީގެވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އެއީ ތިނަދޫގެ އަލަށް ހިއްކި ސަރަހައްދުގެ ރިވްޓްމަންޓް ނުޖަހައި އޮތް ސަރަހައްދެއް. އަދި އެއީ ގިރަމުންވެސް ދާ ސަރަހައްދެއް. ރިވްޓްމަންޓް ޖަހަންވެސް ޖެހޭ ސަރަހައްދެއް. އަނެއްކާ ކުރިޔަށް އޮތް ތަނުގައި އެތަން ހިއްކަން ޖެހޭއިރު، އެއީ އެތަނާއި ގޔުޅުވައިގެން ހިއްކަން ވެސް އޮތް ތަނެއް. އަޅުގަނޑުމެންނަށް ރައްޔިތުންގެ ފަރާތުން ޗަކުވާތަކެއް ލިބުނީ އެތަނަސް ވަރަށް ގިނަ އަދަދެއްގެ ދަނގަޑުތައް ވަރަށް ނުރައްކާވާ ފަދަ ގޮތަކަށް އަޅާލާފައިވާ ކަމަށް.

ތިނަދޫ ސިޓީ ކައުންސިލް މޭޔަރު ސައުދު އަލީ

ސައުދު އަލީ ވިދާޅުވީ އުސޫލެއްގެ ގޮތުން އެފަދައިން އިމާރާތްތައް ތަޅާލުމަށް ފަހު، ހުންނަ ކޮންކްރީޓް ބެރިއާއި ބުޑު އަދި ދަނގަޑުފަދަ ތަކެއްޗަކީ އެ މަސައްކަތަކާއި ހަވާލުވާ ފަރާތަކުން ރައްކާތެރި ގޮތުގައި ނައްތާލަން ޖެހޭ އެއްޗެއްކަމަށެވެ.

އެހެން ނަމަވެސް ފެނިގެން ދިޔައީ އެއިން އެއްވެސް ކަމެއް ކުރުމަކާއި ނުލައި ޖެހުނު ގޮތަކަށް އެ ތަކެތި އުކާލާފައި ހުރި މަންޒަރު ކަމަށެވެ.

ސައުދު ވިދާޅުވީ އެފަދައިން ޖެހުނުތަނަކަށް، ނުވަތަ އެބަޔަކަށް ފަސޭހަ ތަނަކަށް އެފަދަތަކެތި އުކާލާގޮތަށް އޮންނަނީ ނަމަ ގާނޫނާއި ގަވައިދުތައް ހެދުމުގެ ބޭނުމެއް ނެތް ކަމަށެވެ.

އަދި އެފަދައިން އަމަލުކުރާ ފަރާތްތަކާއި މެދު ސަރުކާރުން ވެސް ސަމާލުކަމެއްދީ ފިޔަވަޅު އަޅަން ޖެހޭނޭ ކަމަށް ވެސް ސައުދު ވިދާޅުވި އެވެ.

ސައުދު ވިދާޅުވީ އެކަމަށް ހައްލެއް ހޯދައިދިނުމަށް އެދި ސްވިފްޓް ކުންފުންޏަށް ކައުސިލްގެ ފަރާތުން ސިޓީއެއް ވެސް ފޮނުވާފައިވާ ކަމަށާއި އެހެން ނަމަވެސް މިއަދާއި ހަމައަށް ވެސް އެ ސިޓީއަށް ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ.

- ކޮމެންޓް