Advertisement
ކ. މާލެ
|
11 ސެޕްޓެންބަރ 2025 | ބުރާސްފަތި 12:40
ކެނެޑާގެ ފޮރިން އެފެއާޒް މިނިސްޓަރު އަނީތާ އަނަންދު
ކެނެޑާގެ ފޮރިން އެފެއާޒް މިނިސްޓަރު އަނީތާ އަނަންދު
ރޮއިޓަރސް
ކެނެޑާ-އިސްރާއީލް
ޤަތަރަށް ދިން ހަމަލާއާ ގުޅިގެން، އިސްރާއީލާ އެކު އޮތް ގުޅުން ކެނެޑާ އިން މުރާޖާކުރަނީ
މެދު އިރުމަތީގެ ސުލްޙަވެރިކަން ޤާއިމު ކުރުމަށް ޤަތަރުން ކުރަމުން އަންނަ މަސައްކަތަށް ބަލާއިރު، އިސްރާއީލް އިން ޤަތަރަށް ދީފައިވާ ހަމަލާ އަކީ ޤަބޫލު ކުރެވޭނެ ފަދަ ހަމަލާއެއް އަދި އަމަލެއް ނޫން ކަމަށް ކެނެޑާގެ ޕޮރިން މިނިސްޓަރު އަނަންދް ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

ޤަތަރުގެ ވެރި ރަށް ދޯހާ އަށް އަމާޒުކޮށް، އިސްރާއީލް އިން ދިން ހަމަލާއާ ގުޅިގެން، އިސްރާއީލާ އެކު އޮތް ގުޅުން މުރާޖާ ކުރަމުން އަންނަ ކަމަށް ކެނެޑާގެ ފޮރިން މިނިސްޓަރު އަނީތާ އަނަންދު ވިދާޅުވެއްޖެ އެެވެ.

ޤަތަރުގައި ތިބި ހަމާސް ޖަމާއަތުގެ ސިޔާސީ އިސްވެރިންނަށް އަމާޒުކޮށް އިސްރާއީލް އިން ވަނީ ކުއްލި ހަމަލާއެއް ދީފަ އެވެ. އެ ހަމަލާގައި ހަމާސްގެ އެއްވެސް އިސްވެރިޔަކު ޝަހީދުވެފައި ނުވި ނަމަވެސް، އެ ހަމަލާއާ ގުޅިގެން ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ.

އެކަމާ ގުޅިގެން ވާހަކަ ދައްކަމުން ކެނެޑާގެ ފޮރިން މިނިސްޓަރު ވިދާޅުވީ، ޤަތަރުގައި ތިބި ހަމާސްގެ ލީޑަރުންނަށް އިސްރާއީލް އިން ދިން ހަމަލާއާ ގުޅިގެން، އިސްރާއީލާ އެކު އޮތް ގުޅުން ކެނެޑާ އިން މުރާޖާ ކުރަމުން ގެންދާ ކަމަށެވެ.

މީގެ އިތުރުން، މެދު އިރުމަތީގެ ސުލްޙަވެރިކަން ޤާއިމު ކުރުމަށް ޤަތަރުން ކުރަމުން އަންނަ މަސައްކަތަށް ބަލާއިރު، އިސްރާއީލް އިން ޤަތަރަށް ދީފައިވާ ހަމަލާ އަކީ ޤަބޫލު ކުރެވޭނެ ފަދަ ހަމަލާއެއް އަދި އަމަލެއް ނޫން ކަމަށް ކެނެޑާގެ ޕޮރިން މިނިސްޓަރު އަނަންދު ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

ކެނެޑާގެ އެޑްމަންޓަންގައި ކުރިއަށް ގެންދިޔަ، ވެރިކަން ކުރާ ލިބަރަލް ޕާޓީގެ ބައްދަލުވުމުގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން އޭނާ ވިދާޅުވީ، އިސްރާއީލްއާ ދެކޮޅަށް ކެނެޑާ އިން އަޅާނެ ފިޔަވަޅުތައް ވަޒަން ކުރަމުން ގެންދާނެ ކަމަށެވެ. އޭނާ އެހެން ވިދާޅުވީ، އިސްރާއީލް އާއެކު އޮތް ވިޔަފާރީގެ އެއްބަސްވުންތައް ހުއްޓާލުމަށް ޔޫރަޕިއަން ކޮމިޝަން އިން ހުށަހަޅާފައިވާ ފަދައިން، ކެނެޑާ އިން ވެސް އެފަދަ ފިޔަވަޅު ތަކެއް އަޅާނެތޯ ނޫސްވެރިން ސުވާލު ކުރުމުންނެވެ.

މިއަހަރުގެ ޖަނަވަރީ މަހު، ކުރީގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯގެ ބަދަލުގައި ކެނެޑާގެ ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވި މާކް ކާނީގެ ސަރުކާރުން ވަނީ އިސްރާއީލްއާ މެދު ގެން ގުޅޭ ސިޔާސަތު ބަދަލު ކޮށްފަ އެވެ. އެގޮތުންް މިދިޔަ ޖުލައި މަހު ކެނެޑާ އިން ވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ނިންމާފައިވާކަން ވެސް އިއުލާން ކޮށްފަ އެވެ.

ކާނީގެ ކުރިން ކެނެޑާގެ ބޮޑު ވަޒީރު ކަމުގެ މަގާމުގައި ހުންނެވި، ލިބަރަލް ޕާޓީ އަށް ނިސްބަތްވާ ޓްރޫޑޯގެ ސަރުކާރުން އިސްރާއީލްގެ ސިފައިން ޣައްޒާގައި ހިންގަމުން އައި އަމަލުތަކަށް ފާޑު ކިޔާފައި ވީ ނަމަވެސް، ޖުމުލަ ގޮތެއްގައި ހަމާސްއާ ދެކޮޅަށް ކަމަށް ބުނެ އިސްރާއީލް އިން ހިންގާ ހަނގުރާމަ އަށް ތާއީދު ކޮށްފައިވެ އެވެ.

އަންގާރަ ދުވަހު ބޮޑު ވަޒީރު ކާނީ ވަނީ، އިސްރާއީލް އިން ޤަތަރަށް ދީފައިވާ ހަމަލާ ކުށްވެރި ކުރައްވައި، އެއީ ޤަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ އިތުރު އަނިޔާވެރި ކަމެއް ކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި މުޅި ސަރަހައްދުގައި ހަނގުރާމަ ފެތުރިގެން ދިޔުމުގެ ނުރައްކާ އޮތް ކަމެއް ކަމަށް ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން، ޣައްޒާ ސިޓީގައި ހިންގަމުން އަންނަ ހަނގުރާމަ ފުޅާ ކޮށް، މުޅި ޣައްޒާ ސިޓީ އިސްރާއީލްގެ ބާރުގެ ދަށަށް ގެންނަން ނިންމާފައިވާ ނިންމުމަށް އިޝާރާތް ކުރައްވައި ކާނީ ވިދާޅުވީ، އެއީ ރަނގަޅު ނިންމުމެއް އަދި ރޭވުމެއް ނޫން ކަމަށެވެ.

މަސްދަރު: ރޮއިޓާސް
- ކޮމެންޓް