Advertisement
ކ. މާލެ
|
11 ސެޕްޓެންބަރ 2025 | ބުރާސްފަތި 00:00
ހުސެއިން ހަސަން (ވ) އެމްޑީޕީގެ ހަރަކާތެއްގައި
ހުސެއިން ހަސަން (ވ) އެމްޑީޕީގެ ހަރަކާތެއްގައި
އެކްސް
އެމްޑީޕީ
އެމްޑީޕީގެ ގައުމީ މަޖިލިސް މެމްބަރު ހުސެއިން ހަސަން ފުލުހުން ހައްޔަރު ކޮށްފި
ހުސެއިން ހައްޔަރު ކުރީ ފުލުހުންގެ ހަރަކާތެއް ވީޑިއޯ ކުރުމުގެ ސަބަބުން ކަމަށް ބެލެވޭ
ހުސެއިން ވަގުތުން ދޫކޮށްލުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އާއި ޕާޓީގެ އެކްޓިވިސްޓުން ދަނީ ގޮވާލަމުން
ހައްޔަރު ކުރީ ބުރާސްފަތިވިލޭރޭގެ ވަގުތެއްގައި

އެމްޑީޕީގެ ގައުމީ މަޖިލިސް މެމްބަރު ހުސެއިން ހަސަން ފުލުހުން ބުރާސްފަތި ވިލޭރޭ ހައްޔަރު ކޮށްފިއެވެ.

މަންޒަރު ދުށް މީހަކު ބުނީ، އެމްޑީޕީގެ ގައުމީ މަޖިލީހުގައި ގއ. ވިލިގިނލި ދާއިރާ ތަމްސީލު ކުރާ ހުސެއިން ހައްޔަރު ކުރީ، ޕީޓްރަލް ސަރަހައްދުގައި ފުލުހުން ހިންގަމުން ދިޔަ ހަރަކާތެއްގެ މަންޒަރު ރެކޯޑު ކުރުމުގެ ސަބަބުން ކަމަށް ބެލޭ ކަމަށެވެ.

އޭނާ ހައްޔަރު ކުރީ ވަރަށް ހަރުކަށިކޮށް އަނިޔާވެރިކަމާއެކު ކަމަށް ވެސް މަންޒަރު ދުށް މީހަކު ބުނެފައިވެއެވެ.

ހުސެއިން ހައްޔަރު ކުރުމާ ގުޅިގެން އެމްޑީޕީގެ ޗެއަރޕާރސަން ފައްޔާޒް އިސްމާއީލު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަލާތާ ނުބައްދަލު ބާރުގެ ބޭނުންކޮށްގެން އަނިޔާ ކުރުމަށް ފަހު ހުސައިން ހަސަން ހައްޔަރުކުރުން ކުށްވެރި ކުރައްވާ ކަމަށެވެ. އަދި ގާނޫނާއި ގަވާއިދުތަކަށް ވުރެ މަތީގައި ތިބޭ ބަޔަކަށް ފުލުހުން ވަމުންދިޔުމަކީ ބިރުވެރި ސިގުނަލެއް ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

"ވަގުތުން ވަގުތަށް އެއްވެސް ޝަރުތަކާ ނުލައި ހުސައިން މިނިވަން ކުރުމަށް ގޮވާލަން." ފައްޔާޒު ވިދާޅުވިއެވެ.

ހުސެއިން ވަގުތުން ދޫކޮށްލުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އާއި ޕާޓީގެ އެކްޓިވިސްޓުން މީސްމީޑިއާ ގައި އަންނަނީ ގޮވާލަމުންނެވެ.

ކުރިން ނޫސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވި، ހުސެއިން އަކީ އެމްޑީޕީގެ ހަރަކާތްތަކުގައި ވަރަށް ފާހަގަ ކުރެވޭ ޒުވާނެކެވެ.

ޙުސައިން ހައްޔަރު ކުރުމާ ގުޅޭ ގޮތުން ފުލުހުން ބުނީ އޭނާ "ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ، މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ކުރިއަށް ދިޔަ ސީނެއްގެ ތެރެއަށް ވަދެ ފޮޓޯ/ވީޑިއޯ ނަގަން ފެށުމުން، ފުލުހުންގެ މަސައްކަތަށް ދަތި ނުވާނެ ގޮތަށް ޢަމަލުތައް ބެހެއްޓުމަށް ނަސޭހަތްތެރި ވުމުން އެކަމަށް ޖަދަލުކޮށް، ފުލުހުންގެ އެންގުމާ ޚިލާފަށް ސީން ތެރެއަށް ވަދެ އެވިޑެންސްގެ ފޮޓޯ ނަގަން މަސައްކަތް ކޮށްފައިވާތީ، އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއަޅާފައިވާ ކަމުގެ ތުހުމަތުގައި،" ކަމަށެވެ.

- ކޮމެންޓް