Advertisement
ކ. މާލެ
|
8 ސެޕްޓެންބަރ 2025 | ހޯމަ 09:59
އިސްރާއީލްގެ ފޮރިން މިނިސްޓަރު ގިޑިއަން ސާރް
އިސްރާއީލްގެ ފޮރިން މިނިސްޓަރު ގިޑިއަން ސާރް
ރޮއިޓަރސް
ޣައްޒާ ހަނގުރާމަ
ހަތިޔާރު ބެހެއްޓުމާ އެކު، ރަހީނުން މިނިވަން ކޮށްފި ނަމަ މާދަމާ ވެސް ހަނގުރާމަ ހުއްޓާލާނަން: ގިޑިއަން ސާރް
އިސްރާއީލްގެ ފޮރިން މިނިސްޓަރު ސާރް ވިދާޅުވެފައި ވަނީ، ހަމާސް އިން އަދި ވެސް ދަނީ ޓެރަރިސްޓު ޙަރަކާތްތައް ކުރިއަށް ގެންދަމުން ކަމަށެވެ. އޭގެ ބަދަލުގައި ހަމާސް ޖަމާއަތުން ހަތިޔާރު ބަހައްޓައި، ރަހީނުން މިނިވަން ކޮށްފި ނަމަ ހަނގުރާމަ ހުއްޓާލާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް ކުރަމުން އަންނަ މަސައްކަތުގައި، ހަމާސް ޖަމާއަތުން ހަތިޔާރު ބަހައްޓައި، އެ ޖަމާއަތުގެ ބެލުމުގެ ދަށުގައި ރަހީނުން މިނިވަން ކޮށްފި ނަމަ، މާދަމާ ވެސް ހަނގުރާމަ ހުއްޓާލާނެ ކަމަށް އިސްރާއީލްގެ ފޮރިން މިނިސްޓަރު ގިޑިއަން ސާރް ވިދާޅުވެއްޖެ އެވެ.

ޖެރޫސަލަމްގައި ޑެންމާކުގެ ފޮރިން މިނިސްޓަރާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އިސްރާއީލްގެ ފޮރިން މިނިސްޓަރު ސާރް އެހެން ވިދާޅުވެފައި ވަނީ، ހަމާސް ޖަމާއަތުން އެ ޖަމާއަތުގެ ކުރީގެ ހުށަހެޅުންތައް ތަކުރާރު ކޮށްފައި ވަނިކޮށެވެ.

އެގޮތުން ހަމާސް ޖަމާއަތުން ބުނެފައި ވަނީ، އިސްރާއީލް އިން ހަނގުރާމަ ހުއްޓާލައި، ޣައްޒާ ސިޓީގައި ޙަރަކާތްތެރި ވަމުން އަންނަ އިސްރާއީލްގެ އަަސްކަރިއްޔާގެ ހުރިހާ ސިފައިން އަނބުރާ ގެންގޮސްފި ނަމަ، ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި ރަހީނުން މިނިވަން ކުރާނެ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން އިސްރާއީލްގެ ފޮރިން މިނިސްޓަރު ސާރް ވިދާޅުވެފައި ވަނީ، ހަމާސް އިން އަދި ވެސް ދަނީ ޓެރަރިސްޓު ޙަރަކާތްތައް ކުރިއަށް ގެންދަމުން ކަމަށެވެ. އޭގެ ބަދަލުގައި ހަމާސް ޖަމާއަތުން ހަތިޔާރު ބަހައްޓައި، ރަހީނުން މިނިވަން ކޮށްފި ނަމަ ހަނގުރާމަ ހުއްޓާލާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

ހަމާސް އިން އިސްރާއީލް އަށް ހަމަލާ ދިނުމަށް ފަހު، އެ ޤައުމުގެ ގިނަ ބަޔަކު ވަނީ އެ ޖަމާއަތުގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އޭގެ ތެރެއިން ގިނަ ބަޔަކު އެ ޖަމާއަތުން ވަނީ މިނިވަން ކޮށްފަ އެވެ. އެހެން ނަމަވެސް، އަދި ވެސް ހަމާސްގެ ބެލުމުގެ ދަށުގައި އިސްރާއީލްގެ 48 މީހުން ތިބި ކަމަށާއި، އޭގެ ތެރެގައި ދިރި ތިބި ކަމަށް ލަފާ ކުރެވެނީ 20 މީހުން ކަމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ވަނީ އަންދާޒާ ކޮށްފަ އެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓުވުމަށް ބައިނަލްއަޤުވާމީ މުޖުތަމައު އިން ގޮވާލަމުން އަންނައިރު، ދެ ފަރާތުގެ ދެ މެދުގައި ވާހަކަތައް ދެކެވެމުން އަންނަ ކަމަށް ވަނީ ރިޕޯޓޫ ކޮށްފަ އެވެ. ނަމަވެސް، އިސްރާއީލް އިން ބުނަމުން ގެންދަނީ ހަމާސް ނައްތާލުމަށް ފަށާފައިވާ މަަސައްކަތް ކާމިޔާބު ކުރެވެންދެން އެ ޖަމާއަތާ ދެކޮޅަށް ހަނގުރާމަ ކުރާނެ ކަމަށެވެ.

ދާދި ފަހުން އިސްރާއީލްގެ ފޮރިން މިނިސްޓަރު ސާރް ވަނީ، ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ފްރާންސް އިން ނިންމާފައިވާ ނިންމުމާއި، އެކަމާ ގުޅިގެން ފްރާންސް އިން ކުރަމުން އަންނަ މަސައްކަތަށް ވެސް ފާޑު ވިދާޅުވެފަ އެވެ. ސާރް ވަނީ، ފްރާންސް އިން ކުރަމުން އަންނަ މަސައްކަތް ވަގުތުން ހުއްޓާލުމަށް ވެސް ގޮވާލައްވައިފަ އެވެ.

ފްރާންސް އިން މިހާރު އަމަލު ކުރަމުން އަންނަަ ގޮތުގެ ސަބަބުން، އިސްރާއީލް އާއި އެ ޤައުމުގެ އަމިއްލަ މަސްލަޙަތު ތަކަށް ގެއްލުން ލިބެމުން އަންނަ ކަަމަށް އިސްރާއީލް އިން ވަނީ ބުނެފަ އެވެ. މީގެ އިތުރުން، ފްރާންސް އިން އެފަދަ މަސައްކަތް ތަކެއް ކުރާހާ ހިނދަކު، ފްރާންސްގެ ރައީސް މެކްރޮންގެ ދަތުރުފުޅަށް އެއްވެސް ޖާގައެއް ނޯންނާނެ ކަމަށް ވެސް ފާހަގަ ކޮށްފައިވެ އެވެ.

މަސްދަރު: ރޮއިޓާސް
- ކޮމެންޓް