ކ. މާލެ
|
6 ސެޕްޓެންބަރ 2025 | ހޮނިހިރު 23:53
ޗައިނާގެ ޓައިޒޫ ހޮސްޕިޓަލުގައި ޑޮކްޓަރުން ސާޖަރީއެއް ހަދަނީ
ޗައިނާގެ ޓައިޒޫ ހޮސްޕިޓަލުގައި ޑޮކްޓަރުން ސާޖަރީއެއް ހަދަނީ
ގެޓީއިމޭޖަސް
އޯގަން ޓްރާންސްޕްލާންޓް
އޯގަން ޓްރާންސްޕްލާންޓް ކޮށްގެން އަބަދަށް ދިރި ތިބުން؟ ޝީ އާއި ޕުޓިން އެ ތިއްބެވީ އެ ވިސްނުމުގައިބާ؟
ޗައިނާގެ ރައީސް ޝީ އާއި ރަޝިޔާގެ ރައީސް ޕުޓިން އޯގަން ޓްރާންސްޕްލާންޓް ކުރުމާ ބެހޭ ގޮތުން ދެއްކެވި ވާހަކަ އަށް ބޮޑު ސަމާލު ކަމެއް ލިބިފައި ވާއިރު، ސައިންޓިފިކް ހޯދުންތަކުން ދައްކާގޮތުން އޯގަން ޓްރާންސްޕްލާންޓަކީ ފުރާނަ ސަލާމަތްކުރުމަށް މުހިންމު ފަރުވާއެއް ނަމަވެސް، އުމުރު ދިގު ކުރުމަށް އަދި އޮތް ހައްލެއް ނޫނެވެ.

އޯގަން ޓްރާންސްޕްލާންޓް ކޮށްގެން އަބަދަށް ދިރި ތިބުމަކީ ވެދާނެ ކަމެއްހެއްޔެވެ؟

މިއީ ބެއިޖިންގ ގައި ހުސްވި ހަފްތާގައި ބޭއްވުނު ޗައިނާގެ ވިކްޓަރީ ޑޭ ޕެރޭޑު ބައްލަވާލައްވަން ވަޑައިގެންނެވި ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާއި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ދެއްކެވި ވާހަކަ އެކެވެ.

ޕުޓިން ވިދާޅުވި އެއްޗެއް މެންޑަރިން ބަހުން ވާހަކަދެއްކި ތަރުޖަމާނަކު ޗައިނާގެ ރައީސް ޝީ އަށް ބުނެދިނީ އިންސާނުންގެ އޯގަންތައް ކިތަންމެ ފަހަރަކު ވެސް ޓްރާންސްޕްލާންޓް ކުރެވިދާނެ ކަމަށެވެ. މިގޮތުން "އުމުރުން ދުވަސްވީ ނަމަވެސް ޒުވާންކަން މަތީ ހުރެވި ދާނެ" ކަމަށާއި، އަދި "މުސްކުޅިވުން މުޅިން ހުއްޓުވާ،" ވެސް ލެވިދާނެ ކަމަށެވެ.

"މި ގަރުނުގައި 150 އަހަރަށް ދިރިހުރެވިދާނެ ކަމަށް ލަފާކުރެވެއެވެ،" ތަރުޖަމާ ކުރި މީހާ ކިޔައިދިނެވެ.

އެ ދެ ބޭފުޅުން މި ވާހަކަ ދެއްކެވި އިރު މައިކްރޮފޯނު ހުރީ އޮން ވެފައެވެ. އެއާއެކު އެ އަޑު މީޑިއާގެ ސަމާލުކަން ހޯދި އެވެ. ދެ ބޭފުޅުން ވެސް މިވާހަކަ ދެއްކެވީ ސަމާސާ ރާގެއްގައި ކަމަށް ވެއެވެ. އެހެން ކަމުން މިއީ މަޖަލަކަށް ދެއްކެވި ވާހަކަ އަކަށް ވެސް ވެދާނެ އެވެ. ނޫނީ އެ ބޭފުޅުން އެ ވިސްނުމުގައި ތިއްބެވީ ކަމަށް ވެސް ވެދާނެއެވެ.

ތަޖުރިބާކާރުން ބުނަނީ އޯގަން ޓްރާންސްޕްލާންޓް ހަދައިގެން ހަމަ ގައިމުވެސް ފުރާނަ ސަލާމަތް ކުރެވޭ ކަމުގައެވެ. އެ ގޮތުން އިނގިރޭސިވިލާތުގައި ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި 100،000 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ސަލާމަތް ކުރެވިފައިވާ ކަމަށް އެން.އެޗް.އެސް ގެ ބްލަޑް އެންޑް ޓްރާންސްޕްލާންޓް ޚިދުމަތުން ބުނެއެވެ.

އަދި ޒަމާނީ ސައިންސާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކާ އެކު، ޓްރާންސްޕްލާންޓް ކުރެވޭ އޯގަންތައް މިހާރު މީހުންގެ ހަށިގަނޑުގައި މާ ގިނަ ދުވަހު ދެމިހުންނަ ކަން ވެސް ވަނީ ފާހަގަ ކުރެވިފައެވެ.

ބައެއް ބަލިމީހުންނަށް ޓްރާންސްޕްލާންޓު ކޮށްފައިވާ ކިޑްނީތައް 50 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވެއެވެ.

ސިއްހީ މާހިރުން ބުނަނީ މި ގޮތައް ލައްވާ ގުނަވަނެއްގެ އުމުރު ބިނާވަނީ ދޭ މީހާ އާއި ލިބޭ މީހާގެ ސިއްޙަތު ސަލާމަތުން ހުރި މިންވަރެއްގެ މައްޗަށާއި - އަދި އެ އޯގަން ރަނގަޅަށް ބަލެހެއްޓޭ މިންވަރެއްގެ މައްޗަށެވެ.

މިސާލަކަށް، މީހަކަށް ދިރިހުރި އެހެން މީހެއްގެ އަތުން އައު ކިޑްނީ އެއް ލިބިއްޖެ ނަމަ، އެ ކިޑްނީ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ރަނގަޅަށް މަސައްކަތް ކޮށްފާނެ އެވެ.

އެހެން ނަމަވެސް މަރުވެފައިވާ މީހެއްގެ ހަށިގަނޑުން ކިޑްނީ ލިބޭ ނަމަ، އެ މުއްދަތު 15 އަހަރާއި 20 އަހަރާ ދެމެދަށް ކުރުވެގެން ދާނެއެވެ.

އެއާއެކު އޯގަންގެ ބާވަތުން ވެސް މަސައްކަތް ކުރާ މުއްދަތައް ބަދަލު އާދެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ލިވަރ (ފުރަމޭ) 20 އަހަރު ވަންދެން ދެމިހުރެދާނެއެވެ. ހިތެއް 15 އަހަރު އަދި ފުއްޕާމޭ 10 އަހަރާ ގާތަށް ދެމިހުރެދާނެއެވެ.

ޓްރާންސްޕްލާންޓު ކުރުމަކީ އަބަދަށް ދެމިހުންނަށް ލިބޭ ޓިކެޓެއްތަ؟

ޕުޓިން އާއި ޝީ ދެއްކެވި ވާހަކައި މީހަކު ދިގު އުމުރެއްގައި ހުރުމަށް އެ ވިދާޅުވަނީ އެކި އޯގަންތައް ތަކުރާރުކޮށް ޓްރާންސްޕްލާންޓް ކުރުން ކަމަށް ވެދާނެއެވެ.

ނަމަވެސް، އޯގަން ޓްރާންސްޕްލާންޓް ކުރުމުގެ ވާހަކަ ދައްކާ އިރު، އޯގަން ލައްވަން ކުރާ ސަރޖަރީ އަކީ ވަރަށް ބޮޑު ކަމެކެވެ. އެއީ އޮޕަރޭޝަން އާ ގުޅިފައިވާ ބޮޑެތި ނުރައްކާތަކެއް ވެސް ހުންނާތީއެވެ. ސާރޖަރީ އަކަށް ވަންނަ ކޮންމެ ފަހަރަކީ ކިތަންމެ ނުރައްކަލަކަށް ހުށަހެޅޭ ފަހަރެކެވެ.

އަނެއް ކޮޅުން އައު އޯގަނެއް ލިބޭ މީހުން އުމުރު ދުވަހަށް ވަރުގަދަ އިމިއުނޯސަޕްރެސަންޓްސް ކިޔާ ބޭސްތައް ބޭނުން ކުރަން ޖެހެއެވެ. މި ބޭސްތަކުގެ ސަބަބުން ލޭގެ ޕްރެޝަރު މައްޗަށް ދިއުން ފަދަ ނޭދެވޭ އަސަރުތައް ކުރުމާއި، އިންފެކްޝަންތަކަށް ހުށަހެޅުމުގެ ފުރުސަތު އިތުރުވެއެވެ.

އޭގެ އިތުރުން ބޭރުން ލައްވާ ގުނަވަން ހަށިގަނޑުން ބަލައި ނުގަތުމުގެ (ރިޖެކްޝަން) ރިސްކު ވެސް އޮވެއެވެ. އެއީ ހަށިގަނޑަށް ލެއްވި އޯގަން އަކީ ހަށިގަނޑާ ނުގުޅޭ އެއްޗެއް ކަމަށް ބަލާ އަމިއްލަ ދިފާއީ ނިޒާމުން އެ އޯގަން އަށް ހަމަލާ ދިނުމެވެ. މި ހާލަތު ދިމާވުން ކުޑަކުރުމަށް ބޭސް ބޭނުންކުރި ނަމަވެސް ބައެއް ފަހަރު ބޭރުން ލެއްވި އޯގަން ހަށިގަނޑުން ބަލައި ނުގަތުމުގެ މައްސަލަ ދިމާވެއެވެ.

ސައިންޓިސްޓުން މަސައްކަތް ކުރަމުން ދަނީ ރިޖެކްޝަން މައްސަލަ ކުރިމަތި ނުވާނެ ގޮތައް އޯގަންތައް އުފެއްދުމަށެވެ. މިގޮތުން ޖެނެޓިކްސް އަށް ބަދަލު ގެނެސްފައިވާ އޫރު ބޭނުން ކޮށްގެން އޯގަން އުފެއްދުމުގެ މަސައްކަތް ކުރަމުންދެއެވެ.

އެ ފަރާތްތަކުން ބޭނުން ކުރަނީ ކްރިސްޕަރ ކިޔާ ޖީން އެޑިޓިންގ ޓޫލެކެވެ. މި ޓޫލު ބޭނުން ކޮށްގެން އޫރުގެ ބައެއް ޖީންތައް ނައްތާލައި، ވަކި ވައްތަރެއްގެ އިންސާނީ ޖީންތައް އިތުރު ކޮށްގެން އޯގަން އިތުރަށް އެކަށީގެންވާ ގޮތަކަށް އުފައްދައެވެ.

މާހިރުން ބުނާ ގޮތުގައި މި ކަމަށް ޚާއްޞަ އޫރު ބޭނުން ކުރުމަކީ އެންމެ އެކަށީގެންވާ ގޮތެވެ. އެއީ އޫރުގެ އޯގަންތައް އިންސާނުންނަށް ގާތްގަނޑަކަށް މެޗް ވާތީ ކަމަށް ސައިންޓިސްޓުން ބުނެއެވެ.

މިކަން މިހެން އޮތް ނަމަވެސް، މި ސައިންސަކީ އަދިވެސް ވަރަށް ޅަފަތުގައި އޮތް ތަޖުރިބާކުރެވެމުންދާ އެއްޗެކެވެ. މިހާތަނަށް ތަޖުރިބާ ކުރުމުގެ ގޮތުން ހިތެއް އަދި ކިޑްނީ އެއް ޓްރާންސްޕްލާންޓް ކުރުމުގެ އޮޕަރޭޝަންތައް ކޮށްފައިވެއެވެ.

މި ދެ އޯގަން ލައްވަން އެއްބަސްވި ދެ ފިރިހެނުން ވެސް މިހާރު ވަނީ މަރުވެފައެވެ. ނަމަވެސް އެ ދެ މީހުން ބެލެވެނީ ޒެނޯޓްރާންސްޕްލާންޓޭޝަން - (އެއީ އެއް ބާވަތެއްގެ ދިރުމަކުން އަނެއް ބާވަތެއްގެ ދިރުމަކަށް ދިރިހުރި ސެލްތަކާއި، ޓިޝޫތަކާއި އަދި އޯގަންތައް ޓްރާންސްޕްލާންޓް ކުރުން) ގެ ދާއިރާ ކުރިއަރުވަން އެހީތެރިވި ދެ މީހުންގެ ގޮތުގައެވެ.

މީގެ އިތުރުން، އަމިއްލަ ހަށިގަނޑުގެ ސެލްތައް ބޭނުން ކޮށްގެން އައު އޯގަންތައް އުފެއްދުމުގެ މަސައްކަތް ވެސް ކުރެވެމުން ދެއެވެ.

ސްޓެމް ސެލްތަކަށް ހަށިގަނޑުގައި ހުންނަ ކޮންމެ ބާވަތެއްގެ އެހެން ސެލްތަކަކަށް ނުވަތަ ޓިޝޫ އަކަށް ބަދަލުވުމުގެ ޤާބިލުކަން ލިބިގެން ވެއެވެ.

އެހެން ނަމަވެސް ސްޓެމް ސެލް ބޭނުން ކޮށްގެން މުޅިން މަސައްކަތްކުރާ، ޓްރާންސްޕްލާންޓް ކުރެވޭ ފަދަ އިންސާނުންގެ އޯގަން އެއް އަދި މިހާތަނަށް އުފައްދާފައެއް ނުވެއެވެ. ނަމަވެސް ސައިންޓިސްޓުން ބުނަނީ ދުވަހެއް ދުވަހަކަށް އަންނަނީ އެކަމުގެ ނަތީޖާ އާ ގާތްވަމުން ކަމުގައެވެ.

2020 ވަނަ އަހަރުގެ ޑިސެންބަރު މަހު، ޔޫކޭގެ ޔޫސީއެލް އަދި ފްރާންސިސް ކްރިކް އިންސްޓިޓިއުޓުން އިންސާނުންގެ ސްޓެމް ސެލްތަކާއި ބަޔޯއިންޖިނިއަރިންގ ސްކެފޯލްޑެއް ބޭނުން ކޮށްގެން އިންސާނުންގެ ތައިމަސް - އިމިއުން ސިސްޓަމުގެ މުހިންމު އޯގަނެއް - މުޅިން އަލަށް އުފައްދާފައިވެއެވެ.

ޓެސްޓެއްގެ ގޮތުން މީދަލަށް އެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުން، އެ އޯގަން މަސައްކަތްކުރާ ކަމަށް ފެނިފައިވެއެވެ.

އަދި ލަންޑަނުގެ ގްރޭޓް އޯމަންޑް ސްޓްރީޓް ހޮސްޕިޓަލުގެ ސައިންޓިސްޓުން ބުނާ ގޮތުގައި އެ ފަރާތްތަކުން ވަނީ ބަލިމީހުންގެ ޓިޝޫތަކުން ނަގާފައިވާ ސްޓެމް ސެލްތައް ބޭނުންކޮށްގެން އިންސާނުންގެ ހަމުގެ ގްރާފްޓްތައް އުފައްދާފައެވެ. މިއީ މުސްތަޤުބަލުގައި ހަމުގެ މައްސަލަ ހުންނަ ކުޑަކުދިންނަށް ޓްރާންސްޕްލާންޓްތައް ކުރުމަށް މަގުފަހިވެދާނެ ކަމެކެވެ.

ނަމަވެސް މި ހުރިހާ ކަމެއްގެ މަގްސަދަކަށް ވެފައި އޮތީ، އިންސާނުންނަށް ޖެހޭ ބަލިތަކަށް ފަރުވާ ހޯދުމެވެ. އެއްވެސް ހާލެއްގައި އެއިން އެއްވެސް ކަމަކީ، މީހުން 150 އަހަރަށް ދިރި ދުނިޔޭގައި ބެހެއްޓުމަށް ކުރާ ކަމެއް ނޫނެވެ.

އެހެން ތަޖުރިބާ އަކަށް ބަލާއިރު، ޓެކް ވިޔަފާރިވެރިޔާ ބްރަޔަން ޖޮންސަން އޭނާގެ ބަޔޮލޮޖިކަލް އުމުރު ދަށްކުރުމަށް އަހަރަކު އެތައް މިލިއަން ޑޮލަރު ހޭދަކޮށްފައިވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގަައި އޭނާ އަދި އައު ގުނަވަނެއް އުފައްދާފައެއް ނުވެއެވެ - ނަމަވެސް އޭނާގެ 17 އަހަރުގެ ދަރިފުޅުގެ ޕްލާޒްމާ އޭނާގެ ހަށިގަނޑަށް އަޅާފައިވެއެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން ފަދަ އިދާރާތަކުން ކުރި ދިރާސާތަކުން އުމުރުން ހަގު މީހެއްގެ ޕްލާޒްމާ ދޮށީ މީހެއްގެ ހަށިގަނޑަށް އަޅައިގެން ވާ އެއްވެސް ފައިދާ އެއް ނުފެނުމާއެކު، އޭނާ މިހާރު ވަނީ އެކަން ހުއްޓާލާފައެވެ.

ކިންގްސް ކޮލެޖް ލަންޑަންގެ ޑރ. ޖޫލިއަން މުޓްޒް ވިދާޅުވި ގޮތުގައި އޯގަން ޓްރާންސްޕްލާންޓް ކުރުމުގެ އިތުރުން، ޕްލާޒްމާ ބަދަލު ކުރުން ފަދަ ގޮތްތައް ވެސް ތަޖުރިބާ ކުރެވެމުން ދެއެވެ. ނަމަވެސް މިއީ އަދިވެސް ތަޖުރިބާ ކުރެވެމުންދާ ކަންކަމެވެ.

"މިފަދަ ކަންކަމުން އުމުރު ދިގު ކުރުމަށް، ޚާއްޞަކޮށް އިންސާނުންގެ އެންމެ ދިގު އުމުރަށް، މާނަހުރި އަސަރެއް ކުރާނެތޯ އަދިވެސް ޔަޤީނެއް ނުވެއެވެ. ނަމަވެސް މިއީ ސައިންސްވެރިން ވަރަށް ޝައުގުވެރިވާ ދާއިރާއެކެވެ." އޭނާ ބުނެފައިވެއެވެ.

އެޑިންބަރާ ޔުނިވަރސިޓީގެ ރޮސްލިން އިންސްޓިޓިއުޓްގެ އިމިއުނޯޕެތޮލޮޖީގެ މާހިރު ޕްރޮފެސަރ ނީލް މެބޮޓް ލަފާކުރާ ގޮތުގައި، އިންސާނަކު 125 އަހަރަށް ދިރި ހުރުމަކީ ހާސިލު ކުރެވޭނެ އެންމެ ދިގު އުމުރު ކަމުގައި ވެދާނެއެވެ.

"ރަސްމީކޮށް ރެކޯޑު ކުރެވިފައިވާ އެންމެ ދުވަސްވީ މީހަކީ ފްރާންސްގެ އަންހެނެއް ކަމަށްވާ ޖީން ކަލްމެންޓެވެ. އޭނާ ދިރި ހުރީ 122 އަހަރު ވަންދެނެވެ. އެއީ 1875 އިން 1997 އަށެވެ،" އޭނާ ބީބީސީ ނިއުސް އަށް ބުންޏެވެ.

ސިއްހީ މާހިރުން ފާހަގަ ކުރާ ގޮތުގައި، ގެއްލުން ލިބިފައިވާ ނުވަތަ ބަލި ޖެހިފައިވާ އޯގަންތައް ޓްރާންސްޕްލާންޓް ކޮށް ބަދަލު ކުރެވުނު ނަމަވެސް، އުމުރުން ދުވަސް ވަމުން ދާއިރު އިންސާނުންގެ ހަށިގަނޑު ވަރަށް ބޮޑަށް ނާޒުކުވެ، ޖިސްމާނީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ޤާބިލުކަން ދަށްވެއެވެ.

އުމުރުން ދުވަސް ވުމުން "އިންސާނުންނަށް ޖެހޭ ބަލިތަކަށް އިޖާބަދިނުމުގެ ޤާބިލުކަން ދަށްވެއެވެ. އަދި އަހަރެމެންގެ ހަށިގަނޑު އިތުރަށް ބަލިކަށިވެ، ގެއްލުން ލިބުމުގެ ފުރުސަތު ބޮޑުވެ، އަދި ރަނގަޅުވެ ރިކަވަރ ވުމުގެ ޤާބިލުކަން ދަށްވެއެވެ."

"ޓްރާންސްޕްލާންޓް ކުރެވޭ އޯގަންތައް ރިޖެކްޓް ވުމުން ދުރުކުރުމަށް ޓަކައި ބޭނުންކުރަން ޖެހޭ އިމިއުނޯސަޕްރެސިވް ބޭސްތަކާއެކު، ޓްރާންސްޕްލާންޓް ސަރޖަރީގެ ސްޓްރެސް، ޓްރޯމާ އަދި އަސަރު އެހާ ދުވަސްވީ އުމުރުގެ ބަލިމީހުންނަށް ތަޙައްމަލު ކުރަން އުނދަގޫވާނެއެވެ."

އޭނާ ވިދާޅުވި ގޮތުގައި އުމުރު ދިގުކުރުމަށް ބާރުއެޅުމުގެ ބަދަލުގައި، އަހަރެމެން މަސައްކަތް ކުރަން ވާނީ ދުޅަހެޔޮ ސިއްޙަތެއްގައި ދުނިޔޭގައި ހުރެވޭ އަހަރުތައް އިތުރު ކުރުމަށެވެ.

"އުމުރުން ދުވަސް ވުމާއެކު ކުރިމަތިލާން ޖެހޭ ގިނަގުނަ ބަލިތަކާއެކު، އޯގަންތައް ޓްރާންސްޕްލާންޓް ކުރުމަށް ޓަކައި ހޮސްޕިޓަލަށް ވަދެ ނުކުންނަމުން ދިގު އުމުރެއް ހޭދަކުރުމަކީ އަހަރެންގެ މުސްކުޅި އުމުރުގެ ދުވަސްތައް ހޭދަކުރަން ޝައުޤުވެރިވާނެ ގޮތެއް ނޫނެވެ!" ޕްރޮފެސަރ މެބޮޓް ހާމަ ކުރިއެވެ.

މަސްދަރު: ބީބީސީ
- ކޮމެންޓް