ކ. މާލެ
|
11 ފެބްރުއަރީ 2025 | އަންގާރަ 19:53
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
ރައްޔިތުންގެ މަޖިލިސް
ރައީސްގެ މަހުގެ ވައުދުފުޅު
ރައީސްގެ ވައުދު ފިޝަރީޒް މިނިސްޓަރު އޮޅާލައްވައިފި
ރައީސްގެ ވައުދުން ބޭރަށް ނުދާ ކަމަށާއި، މަހުގެ އަގު އޮތީ ވައުދުގެ ތެރޭގައި ކަމަށް ވިދާޅުވި
ވައުދުވެވަޑައިގެންނެވި އަގަށްވުރެ ރަނގަޅު އަގެއް ދިނުމުގެ ފުރުސަތު ކުންފުނިތަކަށް އޮންނާނެ

ރައީސް ވައުދުވިވަރަށްވުރެ ބޮޑު އަގެއް މިހާރުވެސް މިފްކޯއިން ދެވޭނެ ކަމަށް ވިދާޅުވެ ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ރައީސް ޑރ. މުހައްމަދު މުއިއްޒު މަސް ކިލޯއަކަށް 20 ރުފިޔާއަށްވުރެ ކުޑަނޫން އަދަދެއް ދެއްވާނެކަމަށް ވެވަޑައިގެންނެވި ވައުދު އޮޅާލައްވައިފިއެވެ.

އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ ހާޒިރުކުރައްވާފައެވެ. ވަޒީރާއި ސުވާލުކުރަން ލިބުނު ފުރުސަތުގައި އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވަނީ ރައީސް މަސްވެރިންނަށް ވެވަޑައިގެންނެވި ވައުދާއި ގުޅޭގޮތުން ސުވާލުކުރައްވާފައެވެ.

ރައީސްގެ ވައުދާ ހިލާފަށް ދަށްކޮށްފައިވާ މަހުގެ އަގު، ރައީސް ވައުދުވީ އަދަދަށް ބަދަލުކުރެވޭނީ ކޮންތާރީހެއްގައިތޯ؟ ދެވަނަ ސުވާލަކީ އައްޑޫ ފިޝަރީޒް ކޮމްލެކްސް އެކްސްޕޭންޑް ކުރުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށް މިދިޔަ އޮކްޓޯބަރު މަހު ވިދާޅުވި މި ތަޅުމުގައި. އެ މަސައްކަތް ފަށާނީ ކޮންތާރީހެއްގައިތޯ؟
މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ

މެންބަރު ދީދީގެ ސުވާލަށް ޖަވާބުދެއްވަމުން ފިޝަރީޒް މިނިސްޓަރު ޝިޔާމް ވިދާޅުވީ ވައުދާ އެއްގޮތަށް މަސައްކަތް ކުރަމުންދާ ކަމަށާއި، ކަޅުބިލަމަހާ ދޭތެރޭގައި ރައީސްގެ ވައުދުފުޅެއް އެއްބައޮތް ކަމަށާއި، މަހުގެ އަގު ފްލޯޓް ކުރެވިފައިވާ ކަމަށެވެ. އަދި ރައީސްގެ ވައުދުން ބޭރަށް ނުދާ ކަމަށާއި، މަހުގެ އަގު އޮތީ ވައުދުގެ ތެރޭގައި ކަމަށެވެ.

އުއްމީދުކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި ނުވަތަ ވައުދުވެވަޑައިގެންނެވި އަގަށްވުރެ ރަނގަޅު އަގެއް ދިނުމުގެ ފުރުސަތު ކުންފުނިތަކަށް އޮންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އެ ފުރުސަތު މިފްކޯއަށްވެސް އޮންނާނެ ކަމަށެވެ.

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއާއި ގުޅޭގޮތުން މިނިސްޓަރ ޝިޔާމް ވިދާޅުވީ އެތަނުގެ ކެޕޭސިޓީ އިތުރުކުރުމަށް ނިމިގެންދިޔަ ސަރުކާރުގައި ވަރަށް ގިނަ ވާހަކަތައް ދެއްކެވި ކަމަށެވެ. އަދި އޭގެ ކުރީ ސަރުކާރުން ވެސް ވަރަށް ގިނަ ވާހަކަތައް ދެއްކި ކަމަށާއި، ނަމަވެސް މި ސަރުކާރުން އެކަމަށް ބޭނުންވާ ފައިސާ ހޯދާ މި އަހަރުގެ ތެރޭގައި އެ މަސައްކަތް ފަށާނެ ކަމަށެވެ. އަދި ދޮޅު އަހަރުގެ ތެރޭގައި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ރޭވިފައިވާ މަޝްރޫއު ނިންމާ ހިދުމަތްދޭން ފަށާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

- ކޮމެންޓް