ކ. މާލެ
|
6 ފެބްރުއަރީ 2025 | ބުރާސްފަތި 10:54
ލިވަޕޫލްގެ ކޯޗު އާން ސްލޮޓް
ލިވަޕޫލްގެ ކޯޗު އާން ސްލޮޓް
ރޮއިޓާސް
ލިވަޕޫލް
ސްލޮޓް ބުނީ ދިމާވެދާނެ ޙާލަތަކަށް ލިވަޕޫލް އިން ތައްޔާރުވާން ޖެހޭ ކަމަށް
އޭނާ މިހެން ބުނެފައި ވަނީ ލިވަޕޫލަށް ކުޅެމުން އަންނަ މިޞްރުގެ ފޯވާޑު މުޙައްމަދު ޞަލާޙުގެ އިތުރުން ނެދަލެންޑްސްގެ ކެޕްޓަން ވާޖިލް ވެން ޑައިކް އަދި އިންގްލެންޑުގެ ޓްރެންޓް އެލެގްޒެންޑާ އާނޯލްޑްގެ އެއްބަސްވުން އައު ނުކޮށް އޮތް އޮތުމަށް އިޝާރާތް ކުރަމުންނެވެ.

ލިވަޕޫލަށް ކުޅެމުން އަންނަ މުހިންމު ބައެއް ކުޅުންތެރިންގެ އެއްބަސްވުން އައު ނުކޮށް އޮތްއިރު، ދިމާވެދާނެ ޙާލަތަކަށް އެ ޓީމުން ތައްޔާރުވާން ޖެހޭ ކަމަށް އެ ޓީމަށް އިރުޝާދު ދެމުން އަންނަ އާން ސްލޮޓް ބުނެފި އެވެ.

އޭނާ މިހެން ބުނެފައި ވަނީ ލިވަޕޫލަށް ކުޅެމުން އަންނަ މިޞްރުގެ ފޯވާޑު މުޙައްމަދު ޞަލާޙުގެ އިތުރުން ނެދަލެންޑްސްގެ ކެޕްޓަން ވާޖިލް ވެން ޑައިކް އަދި އިންގްލެންޑުގެ ޓްރެންޓް އެލެގްޒެންޑާ އާނޯލްޑްގެ އެއްބަސްވުން އައު ނުކޮށް އޮތް އޮތުމަށް އިޝާރާތް ކުރަމުންނެވެ. އަދި އެ ކުޅުންތެރިންގެ އެއްބަސްވުން އައު ނުކޮށް އޮތްއިރު، އެކަމާ ގުޅިގެން ނޫސްވެރިން އަންނަނީ ސްލޮޓާ ސުވާލު ވެސް ކުރަމުންނެވެ.

އެގޮތުން ކަރަބޯ ކަޕްގެ ސެމީ ފައިނަލްގެ ދެ ވަނަ ލެގުގައި ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ޓޮޓެންހަމާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސްލޮޓް ބުނީ، ޞަލާޙު، ވެން ޑައިކް އަދި އާނޯލްޑު ވެސް މިހާތަނަށް އެއްބަސްވުން އައު ކޮށްފައި ނުވާ ކަމަށެވެ. އެެހެންކަމުން ދިމާވެދާނެ ކޮންމެ ފަދަ ޙާލަތަކަށް ވެސް ލިވަޕޫލް ތައްޔާރަށް އޮންނަން ޖެހޭކަން، އަދި ތައްޔާރުވާން ޖެހޭކަން ރަނގަޅަށް އެނގި ތިބި ކަމަށް ސްލޮޓް ވަނީ ބުނެފަ އެވެ.

މި ތިން ކުޅުންތެރިން ވެސް އެންމެ ފަހުން ލިވަޕޫލާ އެކު ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު، މިހާރު ކުރިއަށްދާ ސީޒަންގެ ނިޔަލަށް ހަމަވާނެ އެވެ. ނަމަވެސް މި ކުޅުންތެރިންގެ އެއްބަސްވުން އައު ކުރުމާ ގުޅޭ ގޮތުން މިހާތަނަށް ލިވަޕޫލުން ވަކި ނިންމުމެއް ނިންމާފައި ނެތް ކަމަށް މީޑިއާ ތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ. އެކަމާ ގުޅޭ ގޮތުން ދާދި ފަހުން ޞަލާޙު ވަނީ ވާހަކަ ވެސް ދައްކައިފަ އެވެ. އެއްބަސްވުން އައު ނުކޮށް އޮތުމުގެ ކަންބޮޑުވުން ފާޅުކޮށް، ޞަލާޙު ވަނީ ލިވަޕޫލް ދޫކޮށްލަން ޖެހިދާނެ ފަދަ މޭރުމަކުން ވެސް ވާހަކަ ދައްކައިފަ އެވެ.

ރޯމާ ދޫކޮށް ޞަލާޙު ލިވަޕޫލަށް ބަދަލުވީ 2017 ވަނަ އަހަރު އެވެ. އޭނާ ވަނީ މިހާތަނަށް އެ ކުލަބަށް ކުޅެދިން 382 މެޗުގައި 236 ލަނޑު ޖަހައިފަ އެވެ. ސައުތެމްޓަން ދޫކޮށް 2018 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވި ވެން ޑައިކް ވަނީ އެ ކުލަބަށް ކުޅެދިން 301 މެޗުގައި 25 ލަނޑު ޖަހައިފަ އެވެ. އަދި 2016 ވަނަ އަހަރު ލިވަޕޫލް އިން ސީނިއާ ކެރިއަރު ފެށި އާނޯލްޑް ވަނީ އެ ކުލަބަށް ކުޅެދިން 341 މެޗުގައި 21 ލަނޑު ޖަހައިފަ އެވެ.

- ކޮމެންޓް