ކ. މާލެ
|
5 ފެބްރުއަރީ 2025 | ބުދަ 15:13
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
ރާއްޖެއެމްވީ
ސަރުކާރުގެ ކޮރަޕްޝަން
އެމީހަކަށް ޖެހުނު ގޮތަކުން ފައިސާ އެއް ކުރުމުގެ ރޫހެއް މުޅި ސަރުކާރު ހިންގަން ތިބި ފަރާތްތަކުގެ ތެރޭގައި އެބައޮތް: މައުރޫފް
އިސްވެރިން ބޭނުންގޮތަކަށް ފައިސާ ނަގަމުންދާއިރު ރައީސްއަށް އެކަމެއް ނުހުއްޓުވޭ
ބޮޑު އިންޓްރެސްޓުގައި ލޯނު ނަގަނީ 5 އަހަރު ފަހުން އެހެން މީހަކު އެ ދައްކާނެކަމަށް ބަލައިގެން

އެމީހަކަށް ޖެހުނު ގޮތަކުން ފައިސާ އެއް ކުރުމުގެ ރޫހެއް މުޅި ސަރުކާރު ހިންގަން ތިބި ފަރާތްތަކުގެ ތެރޭގައި އެބައޮތް ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ ކޮންމެ ދިމާލެއްގައި ވެސް މިއިން ދުވަހަކު ދިވެހިރާއްޖޭގެ އަށަނުގަންނަ ވަރަކަށް މި ސަރުކާރުގައި ވައްކަމާއި ފަސާދަ އަށަގަނެ، ކޮރަޕްޝަން އިންތިހާއަށް ގޮސްފައިވާ ކަމަށެވެ. އަދި އެމީހަކަށް ޖެހުނު ގޮތަކުން ފައިސާ އެއް ކުރުމުގެ ރޫހެއް މުޅި ސަރުކާރު ހިންގަން ތިބި ފަރާތްތަކުގެ ތެރޭގައި އުފެދިފައިވާތަން ފެންނަމުންދާ ކަމަށެވެ.

މައުރޫފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވެސް އެކަމުން ސަލާމަތްނުވެގެން އުޅޭ މަންޒަރު ފެންނަ ކަމަށާއި، ޙަޤީޤަތުގައި މިހެން މި ދިމާވާން ޖެހެނީ ރައީސުލްޖުމްހޫރިއްޔާގެ ނާގާބިލުކަމުން ކަމަށެވެ.

ދެން އަޅުގަނޑުމެންނަށް އެހެން މި ހުރިހާ ކަމެއް ފެނިފެނިހުއްޓާ، މާ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފެނިގެން މި ދިޔައީ އަމަންބެލެހެއްޓުން ނުވަތަ ޖިނާޢީ ކަންކަން ތަޙުޤީޤުކުރުމުގެ އެންމެ އިސް އެއްފަރާތް އަތުގެ ބަލަދުވެރިޔާ ކަމުގައި ވާ ހޯމް މިނިސްޓަރު އިސްވެހުންނަވާ ދިވެހި ރައްޔިތުންގެ ޒާތީ މަޢުލޫމާތުން ވައްކަންކުރައްވައިގެން ރައީސްގެ ތާއިދު ހޯދަންވުމަށްޓަކައި، މެޑަލް ޖެއްސުވުމަށްޓަކައި ޕީ.އެން.ސީ. އަށް ރައްޔިތުންގެ އެތައް ހާސް ބައެއް އޮޅުވާލައިގެން ވަގަށް ފޯމުފްރާ ވެއްދި މަންޒަރު. ހަމަ މުޅި ދައުލަތަށް މިހެން އަޅުގަނޑުމެން ބަލައިލާއިރު މި ފެންނަނީ އެކީއެކަން ވާވެ، ބަލިކަށިވެ، ވައްކަން ފެތުރި ވަރަށް ބޮޑަށް ގޯސް ހިނގަމުންދާ މަންޒަރު
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

މައުރޫފް ވިދާޅުވީ މިއީ ދިވެހި ރައްޔިތުން ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް މި ކަންކަން އެނގޭތީ، މިކަމާ ކަންބޮޑުވެ ސީރިއަސް ވެގެން ރައްޔިތުން މަގުމައްޗަށް ނުކުންނަ ކަމަށެވެ. މައުރޫފް ވިދާޅުވީ ރައްޔިތުން ނުކުމެ މި ސަރުކާރު ހަމަމަގަށް އަޅުވަންޖެހެނީ ދިވެހި ރައްޔިތުންގެ ދަރިންގެ ދަރިންގެ މުސްތަޤްބަލަށްޓަކައި ކަމަށެވެ.

މާދަމާ ވެސް ރައީސުލްޖުމްހޫރިއްޔާ އަދި ރަށްރަށަށް އަރާވަޑައިގެން ބޮޑެތި ވަޢުދުތައް ވެވަޑައިގަންނަވަމުންދިޔަކަމުގައި ވިޔަސް ވެސް އަޅުގަނޑުމެންނަކަށެއް އެއްވެސް ޔަޤީންކަމެއް ނެތް، އެ ވަޢުދުވެވަޑައިގަންނަވާ އެއްވެސް ކަމެއް ފުއްދޭނެ ކަމުގައި. އެއީ އަޅުގަނޑުމެންނަށް އެބަ ލިބޭ މަޢުލޫމާތު މިއަދު ވެސް ހަމަ ކިރިޔާއޭ މި މަހުގެ ވެސް މުސާރަ ދެވޭވަރޭ މި ވީ. އެހެންވީމާ، ކިހިނެއްތޯ ދެން އަޅުގަނޑުމެންނަށް މި ފެންނަނީ ބޮޑެތި އަދަދުތަކުން ލޯނު ނަންގަވާ މަންޒަރު އަނެއްކާވެސް ވަރަށް ބޮޑެތި އިންޓްރެސްޓް ރޭޓުގައި.
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

މައުރޫފް ވިދާޅުވީ ކޮންމެހެން ވެސް ދައުލަތުގެ ޚަރަދުތައް ފޫބައްދަންވެގެން ބޮޑެތި އިންޓްރެސްޓް ރޭޓުގައި ލޯނު ނަންގަމުންދާ ކަމަށާއި، އެ ލޯނުތައް ނަގަނީ މީގެ ފަސް އަހަރު ފަހުން އަދާކުރަންޖެހޭ ގޮތަށް ކަމަށެވެ. އޭގެ މާނައަކީ، ރައީސުލްޖުމްހޫރިއްޔާއަށް ވިސްނިވަޑައިގަންނަވަނީ އެމަނިކުފާނަށް އެ ލޯނުތަކެއް ދެއްކޭނެ ގޮތެއް ހޯދޭކަށެއް ނެތް ކަމަށާއި، ފަސް އަހަރު ވެރިކަން ކޮށްފައި، ދިވެހި ދައުލަތް ކާލައިގެން ދާއިރުގައި އެހެން ބައެއްގެ ބޮލަށް އެކަން ދޫކޮށްލާފައި ދާވިސްނުމެއް ހުރިކަމަށް މައުރޫފް ވިދާޅުވިއެވެ.

- ކޮމެންޓް