ކ. މާލެ
|
3 ފެބްރުއަރީ 2025 | ހޯމަ 09:45
ފުލުހުންގެ ޕޮލްކޯ ފްލެޓްތައް
ފުލުހުންގެ ޕޮލްކޯ ފްލެޓްތައް
ސޯޝަލް މީޑިއާ
ފުލުހުންގެ ޕޮލްކޯ ފްލެޓްތައް
ޕޮލްކޯ ފްލެޓު ކޮރަޕްޝަންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: އޭސީސީ
ޚާއްސަ އަވަސް މައްސަލައެއްގެ ގޮތުގައި ދަނީ ތަހުގީގު ކުރަމުން
އެ މަސައްކަތް ހަވާލު ކުރި އަސްލު އަގަކީ 580 މިލިއަން ރުފިޔާ
މިހާތަނަށް މި މަޝްރޫއަށް 1.06 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައި

ފުލުހުންގެ ވެލްފެއަރ ކުންފުނި ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އިން ހިންގި ފްލެޓު މަޝްރޫއުގައި ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ހިމެނޭތީ އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

ރާއްޖެއެމްވީއަށް އޭސީސީން ބުނީ މިމައްސަލަ ސަމާލުކަމަށް އައުމާއެކު ތަހުގީގު ފަށާފައިވާ ކަމަށާއި، ޚާއްސަ އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ.

ފުލުހުންގެ ހައުސިންގ ޕްރޮޖެކްޓް (ބްލީސް ހައުސިންގ ޕްރޮޖެކްޓް)ގެ ޚާއްސަ އޮޑިޓްގައި ބުނެފައިވާ ގޮތުން އެ މަސައްކަތް ހަވާލު ކުރި އަސްލު އަގަކީ 580 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިހާތަނަށް މަޝްރޫއަށް 1.06 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. މިއީ އަކަފޫޓަކަށް (ޖުމްލަ 573،332 އަކަފޫޓު) 1،851 ރުފިޔާގެ ރޭޓުން ކޮށްފައިވާ ހަރަދެއް ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވާއިރު، މިފަދަ ކޮންސްޓްރަކްޝަން މަސައްކަތުގެ އެވަރެޖް އަގުކަމުގައި ބެލެވެނީ އަކަފޫޓަކަށް 1300 ރުފިޔާއާއި 1500 ރުފިޔާ ރޭޓުތަކެއް ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި މި ރޭޓުތަކަށް ބަލާއިރު، މިމަޝްރޫއުގެ އަގަށް ޖެހޭނީ 745.3 މިލިއަން ރުފިޔާ އާއި އެންމެ ބޮޑުވެގެން ވެސް 859.9 މިލިއަން ރުފިޔާ ކަމަށެވެ. އެހެންކަމުން މި އަންދާޒާ އަގުތަކަށް ބަލާނަމަ މިމަޝްރޫއަށް 354.7 މިލިއަން ރުފިޔާ އާއި މަދުވެގެން 240.1 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފައިވާ ކަމަށް އޮޑިޓުގައި ބުނެފައިވެއެވެ.

އޮޑިޓް އޮފީހުން ބުނީ މިމަޝްރޫއުގެ ފުރަތަމަ އެއްބަސްވުމުގެ އަގު ކަމުގައިވާ 580 މިލިއަން ރުފިޔާއާ އަޅާބަލާއިރު، މިމަޝްރޫއަށް މިހާތަނަށް ހިނގާފައިވާ ހަރަދު 481 މިލިއަން ރުފިޔާ އިތުރުވެ ގާތްގަނޑަކަށް ދެގުނަ ހަރަދުކޮށްފައިވުމުން މިފަދަ ބޮޑެތި ޕްރޮޖެކްޓްތައް ހިންގުމުގެ ފަންނީ ގާބިލްކަން ޕޮލްކޯގައި ނެތް ކަމަށެވެ. އަދި ކޮންޓްރެކްޓަރުންނަށް ފައިދާވާ ގޮތަށް އެއްބަސްވުންތަކަށް ބަދަލުގެނެސްފައިވުމާއި، އަދި ފްރޯޑާއި، ކޮރަޕްޝަންގެ އަމަލުތަކަށް ޝައްކުކުރެވޭ ކަންކަން މިމަޝްރޫއުގެ ތެރޭގައި ހިނގާފައިވާ ކަމަށެވެ.

މީގެ އިތުރުން އޮޑިޓް އޮފީހުން ބުނީ ވަކި ފާރާތަކަށް މަންފާވާ ގޮތަށް މިމަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެމީހާގެ ނަން ހާމަނުކޮށް ރިޕޯޓުގައި ބުނެފައިވަނީ ޕޮލްކޯއިން މިމަޝްރޫއާއެކު ހަދާފައިވާ 628.7 މިލިއަން ރުފިޔާގެ ކޮންޓްރެކްޓްތަކަކީ ''މިސްޓަރ އެކްސް'' އަށް ސީދާ ގޮތުންނާއި ނުސީދާގޮތުން ގުޅިފައިވާ އެސޯޝިއޭޓެޑް ކުންފުނިތަކަށް ކަމަށް ބެލެވޭ ކަމަށެވެ.

- ކޮމެންޓް