ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަށް ވަގުތުދޭ ކަމަށްވާނަމަ ރައްޔިތުން އިތުރަށް ބިކަވާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ ފުދިއްޖެ-ފުނޑިއްޖެ ހިނގާލުމުގައި ފައިސަލް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ރާއްޖޭގައި ހުރިހާ ރަށެއްގައި ތަރައްގީގެ މަޝްރޫއުތައް ހިންގަމުންދިޔަ ކަމަށާއި، ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ހާސިލްވަމުންދިޔަ ކަމަށެވެ. އަދި ވެރިކަން ބަދަލުވެގެންދިޔައިރު ވެސް މަޝްރޫއުތައް ކުރިއަށް ދިޔަ ކަމަށް ފައިސަލް ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ ސަރުކާރާއެކު މަޝްރޫއުތައް ހުއްޓިފައިވާކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ ސަރުކާރަށް އަހަރަކަށްވުރެ ގިނަ ދުވަސް ވެގެންދިޔައިރު ގައުމަށްއައި ތަރައްގީއާއި، ރައްޔިތުންނަށް ލިބުނު ކުރިއެރިއެރުމެއް ނެތް ކަމަށެވެ. މިފަދަ ކަންކަމާއިމެދު ރައްޔިތުން ނުކުމެ ސުވާލު އުފެއްދުމަށް ފައިސަލް ގޮވާލެއްވިއެވެ.
ފައިސަލް ވިދާޅުވީ މިސަރުކާރުގައި ރައްޔިތުން ނިކަމެތި ކުރަމުންދާ ކަމަށާއި، ރައީސް މުއިއްޒަށް ވަގުތުދޭ ކަމަށްވާނަމަ އިތުރަށް ރައްޔިތުން ބިކަވާނެ ކަމަށެވެ. މިހާރު ގާނޫނު އަސާސީގެ ބާރު ކަނޑުވާލައި، ރައްޔިތުންގެ މެންބަރުންގެ ބާރު ވެސް ސަރުކާރުން ނަގާފައިވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.
ނިކަމެތި މީހަކު އެންމެ ނިކަމެތިވާ ވަގުތު އެންމެ ނިކަމެތިކޮށްލަން އެންސްޕާ އާސަންދައަށް ސަލާންޖަހާ އެމީހުން ބޭނުން ބަޔަކަށް ނޫނީ ނުލިބޭ ގޮތަށް ހަދަން އެއްކޮށް ނިންމާލައިފި. ރަށްރަށަށް ދަތުރުކޮށް އައު ވައުދުތައްވެ ރައްޔިތުންނަކީ މޮއިންކަމަށް ހަދަން ފައްޓައިފި. ދިވެހި ރައްޔިތުން މަގުމައްޗަށް ނުކުންނަން ވެއްޖޭ. މިހާރު އައިޑީކާޑުތަކުން ނަންބަރު އިތުރު ކުރިއަސް ވޯޓު ލިބެނީއެއް ނޫން.ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
ފައިސަލް ވިދާޅުވީ މިސަރުކާރާއެކު ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކާއެކު، ދިރިއުޅުމަށް ދަތިވެފައިވާ ކަމަށެވެ.
މިހާރުގެ ހާލަތަށް އިޝާރާތް ކުރައްވައި ފައިސަލް ވިދާޅުވީ ދުވަހަކު ވެސް މަގުމައްޗަށް އިހުތިޖާޖަށް ނުނިކުންނަ މީހާ މިއަދު މިސަރުކާރާ ދެކޮޅަށް މަގުމައްޗަށް ނުކުމެ ސަރުކާރާ ދެކޮޅަށް އަޑު އުފުލާ ކަމަށެވެ.
ފައިސަލް ވިދާޅުވީ އެމްޑީޕީގެ ފުދިއްޖެ-ފުނޑިއްޖެ ހިނގާލުމަކީ ފެށުމެއް ކަމަށާއި، ރައްޔިތުންނަށް ރަނގަޅު ގޮތެއް ނުވާނަމަ މި ފަދަ ހަރަކާތްތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެމްޑީޕީން ނުކުންނަ ކަމެއް ކާމިޔާބު ކޮށްފައި ނޫނީ ދޫނުކުރާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.