ކ. މާލެ
|
29 ޖެނުއަރީ 2025 | ބުދަ 09:33
ރައީސް ޞާލިޙު މުރައިދޫގެ ފުޓުބޯޅަ ދަނޑު ހުޅުވައި ދެއްވަނީ
ރައީސް ޞާލިޙު މުރައިދޫގެ ފުޓުބޯޅަ ދަނޑު ހުޅުވައި ދެއްވަނީ
ރާއްޖެ އެމްވީ
ހއ.މުރައިދޫ
މުރައިދޫ ފުޓުބޯޅަ ދަނޑު ނިންމައިދޭނެ ކަަމަށް ރައީސް މުޢިއްޒު ވިދާޅުވިއިރު، އެއީ ރައީސް ޞާލިޙު ހުޅުވައިދެއްވާފައި އޮތް ދަނޑެއް
އެ މަޝްރޫއުގެ މަސައްކަތް ރައީސް ޞާލިޙުގެ ސަރުކާރުގައި ވަނީ ނިންމައިފައި
2023 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ދެ ވަނަ ދުވަހު، ރައީސް ޞާލިޙު މުރައިދޫ އަށް ކުރެއްވި ދަތުރުފުޅެއްގައި ވަނީ އެ ދަނޑު ރަސްމީކޮށް ހުޅުވައި ވެސް ދެއްވައިފައި
ރައީސް މުޢިއްޒުު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި މިފަހަކަށް އައިސް މިކަހަލަ ވާހަކަތައް ވަނީ އާންމުވެފައި

ހއ.އަތޮޅުގެ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މުރައިދޫ އަށް ވަޑައިގެން، އެ ރަށުގައި ނުނިމި އޮތް ފުޓުބޯޅަ ދަނޑު ނިންމައިދޭނެ ކަމަށް ވިދާޅުވީއިރު، އެއީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި މަސައްކަތް ނިންމައި ހުޅުވާފައި އޮތް ދަނޑެއްކަން ހާމަވެއްޖެ އެވެ.

މުރައިދޫ އަށް ރައީސް މުޢިއްޒު ވަޑައިގެންނެވީ އަންގާރަ ދުވަހުގެ ވަގުތެއްގަ އެވެ. އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން މިއަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގައި އެންމެ އިސްކަން ދޭ ތިން ވަނަ ކަމަކަށް އޮތީ ކުޅިވަރު ނުވަތަ ދުޅެހެޔޮ ކަންކަން ކޮށްދިނުން ކަމަށެވެ. އަދި އެކި ރަށްތަކުގައި ހުރީ އެކި ބޭނުންތައް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެގޮތުން މުރައިދޫގެ ފުޓްސަލް ދަނޑު ބޮޑު ކުރަން އެދޭ ކަމަށާއި، މަސައްކަތް ފެށިފައި އޮތް ފުޓުބޯޅަ ދަނޑެއް ނުނިމި އޮތް ކަމަށާއި، އަދި އެ ރަށަކީ ވަރަށް މޮޅަށް ވޮލީ ބޯޅަ ކުޅޭ ރަށެއް ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވި އެވެ. އެހެންކަމުން މިއަހަރު އެންމެ އިސްކަމެއް ދީގެން އެ ރަށުގެ ފުޓުބޯޅަ ދަނޑު ނިންމައިދެއްވާނެ ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފަ އެވެ.

މިރަށުގައި ފުޓްސަލް ދަނޑު ބޮޑު ކުރަން އެބަ އެދޭ. ފެށިފައި އޮތް ފުޓުބޯޅަ ދަނޑެއް ނުނިމި އެބަ އޮތް. ވަރަށް މޮޅަށް ވޮލީ ކުޅޭ ރަށެއް، މިހެން ހުރި ކަންތައް. އެހެންވީމާ އަޅުގަނޑުމެން މިއަހަރު އެންމެ އިސްކަމެއް ދީގެން ފުޓުބޯޅަ ދަނޑު އެއްކޮށް ނިންމައިދީ، އަދި އެއަށްފަހު މިއަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ބަޖެޓުން ޖާގަ ލިބޭނަމަ ފުޓްސަލް ދަނޑުގެ މަސައްކަތް ފަށާނަން. ނުވަންޏާ، މިއަންނަ އަހަރު އެ ފުޓްސަލް ދަނޑު ކުރިއަށް ދާނެ.
ޑޮކްޓަރު މުޙައްމަދު މުޢިއްޒު / ރައީސުލްޖުމްހޫރިއްޔާ

މުރައިދޫގައި ހުންނަވާ ރައީސް މުޢިއްޒު މިހެން ވިދާޅުވީއިރު، އެ ރަށުގެ ފުޓުބޯޅަ ދަނޑަކީ ކުރީގެ ރައީސް ޞާލިޙުގެ ސަރުކާރުގައި މަސައްކަތް ނިންމާފައިވާ ދަނޑެކެވެ. އެއީ މުޅި ރާއްޖޭގެ އެކި އެކި ކަންކޮޅުތަކުގައި ބޮޑު ފުޓުބޯޅަ ދަނޑުތައް ޤާއިމު ކުރުމަށް ރައީސް ޞާލިޙުގެ ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ.

އެ މަޝްރޫއުގެ މަސައްކަތް ރައީސް ޞާލިޙުގެ ސަރުކާރުގައި ވަނީ ނިންމައިފަ އެވެ. އަދި 2023 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ދެ ވަނަ ދުވަހު، ރައީސް ޞާލިޙު މުރައިދޫ އަށް ކުރެއްވި ދަތުރުފުޅެއްގައި ވަނީ އެ ދަނޑު ރަސްމީކޮށް ހުޅުވައި ވެސް ދެއްވައިފަ އެވެ.

ރައީސް ޞާލިޙު މުރައިދޫގެ ފުޓުބޯޅަ ދަނޑު ހުޅުވައި ދެއްވި ޚަބަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަަސްމީ ވެބްސައިޓުގައި - ރާއްޖެ އެމްވީ

ރައީސް މުޢިއްޒުު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި މިފަހަކަށް އައިސް މިކަހަލަ ވާހަކަތައް ވަނީ އާންމުވެފަ އެވެ. މިދިޔަ ހަފުތާގެ ތެރޭގައި ރ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު އިންނަމާދޫގެ ވޮލީ ކޯޓު ހުޅުވައި ދެއްވީއިރު، އެއީ ރައީސް ޞާލިޙުގެ ސަރުކާރުގެ މަޝްރޫޢެކެވެ. އަދި އެ އަތޮޅު މާކުރަތުގައި ފުޓްސަލް ދަނޑެއް ޤާއިމު ކޮށްދެއްވާނެ ކަމަށް ވިދާޅުވީއިރު، އެ ރަށުގައި ފުޓްސަލް ދަނޑެއް އަދި ބޮޑު ފުޓުބޯޅަ ދަނޑެއް ވެސް އޮވެ އެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު އަތޮޅު ތެރޭގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި ރަސްމީކޮށް ހުުޅުވައިދެއްވާ މަޝްރޫޢުތަކަކީ ކުރީގެ ރައީސް ޞާލިޙުގެ ސަރުކާރުން ފަށާފައިވާަ މަޝްރޫޢުތަކެއްކަން ވެސް ފާހަގަ ކުރެވެ އެވެ. އޭގެ ތެރޭގައި ފެނުގެ ނިޒާމު ޤާއިމު ކުރުމުގެ މަޝްރޫޢުތަކާއި، ނަރުދަމާ ޤާއިމު ކުރުމުގެ މަޝްރޫޢުތައް އަދި ކުޅިވަރު ވަސީލަތްތައް ޤާއިމު ކުރުމުގެ މަޝްރޫޢުތައް ހިމެނެ އެވެ.

- ކޮމެންޓް