ނޫސްވެރިކަމާ އިންޓަރނެޓް ރެގިއުލޭޓް ކުރާ ބިލެއް ތައާރަފް ކުރުމަށް އެއްވެސް މަސައްކަތެއް ނުކުރާކަމުގެ ޔަގީންކަން ސަރުކާރުން ދީފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ނޫސްވެރިކަމާ އިންޓަރނެޓް ރެގިއުލޭޓް ކުރާ ބިލެއް ތަޢާރަފް ކުރާކަށް ސަރުކާރުން އެެއްވެސް މަސައްކަތެއް ނުކުރޭ ކަމަށާއި، ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައިވެސް އެފަދަ ބިލެއް ހިމެނިފައި ނުވާ ކަމަށެވެ. އަދި ކުރިއަށްއޮތް ތަނުގައިވެސް އެފަދަ ބިލެއް ތައާރަފް ކުރުމުގެ ވިސްނުމެއްނެތް ކަމަށާއި، ކުރިންވެސް ހާމަކޮށްފައިވާ ގޮތަށް މީޑިއާތައް ޑީ ރެގިއުލޭޓް ކުރުމާއެކު ސެލްފް ރެގިއުލޭޓަރީ ނިޒާމަކަށް ފުރުސަތު ދިނުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށް ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ މިސަރުކާރުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެންމެ އިސްކަންދޭ ސިޔާސަތަކީ މީޑިއާގެ މިނިވަންކަން އެންމެ ފުޅާ ދާއިރާއެއްގައި ގާއިމްކޮށް ދެމެހެއްޓުމަށް ކަމަށެވެ.
ނޫސްވެރިކަމާ އިންޓަރނެޓް ރެގިއުލޭޓް ކުރާ ބިލެއް ތައާރަފް ކުރުމަށް އެއްވެސް މަސައްކަތެއް ނުކުރާކަމުގެ ޔަގީންކަން ސަރުކާރުން ދީފައިމިވަނީ މީޑިއާތަކާއި އިންޓަނެޓުގެ ޕްލެޓްފޯމުތައް ރެގިއުލޭޓުކުރަން ހުށަހަޅާ ބިލުގެ މަސައްކަތް މިހާރު އޮތީ ވަރަށް ފަހުގެ މަރުހަލާއެއްގައި ކަމަށް ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވުމާ ގުޅިގެންނެވެ. ސަން މީޑީއާއަށް ދެއްވި އިންޓަވިއުގައި ނާޒިމް އެހެން ވިދާޅުވި ނަމަވެސް ސަރުކާރުން މިކަން ދޮގުކުރުމުން އޭނާ ނެރިފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ މީޑިއާތަކާއި އިންޓަނެޓު ރެގިއުލާޓު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ބިލުގެ ވާހަކަ ނޫސްތަކުން އޮޅުވާލާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ސޯޝަލް މީޑިއާ ރެގިއުލޭޓުކުރަން ޖެހޭ ކަމަށާއި އެ ޕްލެޓްފޯމްތައް ބޭނުންކޮށްގެން ކުށްކުރުން އިތުރުވެފައިވާ ކަމަށެވެ. ނަމަވެސް އެ ޕްލެޓްފޯމުތައް ބްލޮކް ކުރަން ނޭދޭ ކަމަށް ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އަނެއްކާ ވެސް ނޫސްވެރިކަމާ އިންޓަރނެޓް ރެގިއުލޭޓް ކުރާ ބިލެއް ތައާރަފް ކުރުމަށް ސަރުކާރުން މަސައްކަތްކުރާ ކަމުގެ އަޑު ފެތުރިފައިވާއިރު، 13 ނޮވެންބަރ 2024 ގައި ނޫސްތަކާއި ޓީވީ ތަކާއި، ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް ސަރުކާރުގެ ފަރާތުން، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަންނާން އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ބިލެއް ވަނީ ހުށަހަޅާފައެވެ. ނަމަވެސް ގިނަބައެއްގެ ފާޑުކިޔުންތައް އަމާޒުވުމާއެކު، އެބިލު މަޖިލީހުން ބޭރުކޮށްލައި، އެބިލަށް ތާއީދުނުކުރާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.