ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ހަނިވާ ގޮތަށް ސަރުކާރުގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ތަސްދީގު ނުކުރުމަށް ސްރީލަންކާގެ ކޮލަމްބޯގައި ބޭއްވުނު އިހުތިޖާޖެއްގައި ސްރީލަންކާގެ ނޫސްވެރިން ގޮވާލައިފި އެވެ.
ލަންކާގެ ނޫސްވެރިން އިހުތިޖާޖުކުރީ އެ ޤައުމުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން ކުރިމަތީގައެވެ. މި އިހުތިޖާޖުގައި ގާތްގަނޑަކަށް 20 ނޫސްވެރިން ބައިވެރިވިއެވެ. ބައިވެރިން ވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު މި ބިލު ތަސްދީޤު ނުކުރުމަށް ގޮވާލާފައެވެ. ލަންކާގެ ނޫސްވެރިން ބުނީ މި ބިލުން މީޑިއާގެ މިނިވަންކަން ނެތިދާނެ ކަމަށާއި، އެމީހުންގެ އެދުމަކީ މި ބިލު އަނބުރާ ފޮނުވާލުން ކަމަށެވެ.
ރައީސް މުޢިއްޒު އާއި ސަރުކާރުގެ މެޖޯރިޓީ އޮންނަ މަޖިލީހުން އައްޔަން ކުރާ ކޮމިޝަނެއް މެދުވެރިކޮށް ނޫސްވެރިކަމާއި އޮންލައިން ޚިޔާލުފާޅުކުރުން ރެގިއުލޭޓްކުރުމަށް ހުއްދަދޭ ބިލު އަންގާރަ ދުވަހު ފާސްވުމާއެކު، ސަރުކާރަށް އަންނަ ބޭރުގެ ޕްރެޝަރު ވަނީ ބޮޑުވެފައެވެ. ބިލު ތަސްދީގު ނުކުރުމަށް ގޮވާލާ ސަރުކާރަށް ޕްރެޝަރު ކުރި ޖަމިއްޔާތަކުގެ ތެރޭގައި ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) ރިޕޯޓަރސް ވިތްއަޓް ބޯޑަރސް ހިމެނެއެވެ.
(ސީޕީޖޭ)އިން ބުނީ، ބިލުގެ ސަބަބުން ނޫސްވެރިން މިނިވަންކަމާއެކު މަސައްކަތްކުރުމަށް ހުރަސްއެޅި ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި މީޑިއާތައް ހިންގުމަށް މަޖުބޫރުވާނެ ކަމަށެވެ.
ބިލު ފާސްވުމާ ގުޅިގެން ދިވެހިރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީން ވަނީ ސަރުކާރުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްނޭޅުމަށް ގޮވާލާފައެވެ.
ސަރުކާރުން އަޑީގައި އޮވެގެން މަޖިލީހަށް ހުށަހަޅާ، ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުންގެ ފުރިހަމަ އަގުލަބިއްޔަތާއެކު، ދިވެހިރާއްޖޭގެ މިނިވަން މީޑިޔާ ކަފުންކޮށް ވަޅުލާ ބިލު ރައްޔިތުންގެ މަޖިލީހުން ފާސް ކުރީ އަންގާރަ ދުވަހު މަޖިލީހުގެ ގަވާއިދާ ހިލާފަށެވެ. ކޮމިޓީ ރިޕޯޓާއި މަޖިލީހުގެ އެޖެންޑާ ވެސް މެންބަރުންނަށް ލިބުނީ ޖަލްސާ ފެށުމުގެ 1 މިނެޓް ކުރިންނެވެ.
މިބިލު ފާސްކޮށްފައި ވަނީ މަޖިލީސް ފެށިނީއްސުރެ ޖަލްސާ ނިމެންދެން މި ބިލު ފާސްނުކުރުމަށް ގޮވާލާ މަޖްލިސް ދޮށުގައި ގިނަ އަދަދެއްއްގެ ނޫސްވެރިންނާއި އާއްމު ރައްޔިތުން މުޒާހަރާ ކުރަމުންދަނިކޮށެވެ.