Advertisement
ކ. މާލެ
|
18 ސެޕްޓެންބަރ 2025 | ބުރާސްފަތި 09:18
އެމްޑީޕީ ގައުމީ މަޖްލިސް ޖަލްސާގައި ޕާޓީގެ ޗެއާރމަން ފައްޔާޒް އިސްމާއިލް ވާހަކަދައްކަވަނީ
އެމްޑީޕީ ގައުމީ މަޖްލިސް ޖަލްސާގައި ޕާޓީގެ ޗެއާރމަން ފައްޔާޒް އިސްމާއިލް ވާހަކަދައްކަވަނީ
އިބްރާހިމް ޝާބިލް
ފައްޔާޒް އިސްމާއިލް
މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ގާނޫނަކަަށް ވެއްޖެނަމަ، އެޔަށް އަމަލުނުކުރަން 3 އޮކްޓޯބަރުގައި ރައްޔިތުން ނިންމާނެ
މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ގާނޫނަކަށް ވެއްޖެނަމަ އެޔަށް އަމަލު ނުކުރުމަށް 3 އޮކްޓޯބަރުގައި ދިވެހި ރައްޔިތުން މަގުމަތިން ނިންމާނެކަމަށް އެމްޑީޕީގެ ޗެއާޕާސަން ވިދާޅުވި
މި ބިލަކީ ދިވެހި ރައްޔިތުންގެ ދޫ ބަންދުކުރުމަށް ސަރުކާރުން ފާސްކޮށްފައިވާ ބިލެއްކަމަށް ފައްޔާޒް ވިދާޅުވި
އެމްޑީޕީން ވަނީ 3 އޮކްޓޯބަރުގައި މާލޭގައި ބޮޑު އިހުތިޖާޖެއް ބޭއްވުމަށް ނިންމާފަ

މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ގާނޫނަކަށް ވެއްޖެނަމަ، އެޔަށް އަމަލު ނުކުރުމަށް 3 އޮކްޓޯބަރުގައި ދިވެހި ރައްޔިތުން މަގުމަތިން ނިންމާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިހެން ވިދާޅުވީ ރައްޔިތުންގެ އަޑުކަނޑުވާލަން ސަރުކާރުން ފާސް ކޮށްފައިވާ ބިލާމެދު އެމްޑީޕީގެ ގައުމީ މަޖްލިސް މެެމްބަރުން ދެކޭ ގޮތް ހާމަކުުރުމުގެ ގޮތުން ބުދަ ދުވަހުގެރޭ ބޭއްވުނު އެމްޑީޕީ ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާގެ ރިޔާސަތުގައި ހުންނަވައިގެންނެވެ.

އެމްޑީޕީ އަށް ނިސްބަތްވާ މަޖިލިސް މެމްބަރުން މަޖިލީހުން ނެރެ އެއްލާލުމަށްފަހު ފާސްކޮށްފައިވާ މި ބިލަކީ ދިވެހި ރައްޔިތުންގެ ދޫ ބަންދުކުރުމަށް ސަރުކާރުން ހިންގާފައިވާ ޖަރީމާއެއްކަމުގައި ފައްޔާޒް ވިދާޅުވިއެވެ. އަދި މިބިލު ފާސްކުރުމަށް ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ދެއްކެވި ވާހަކަތަކަކީ މިވަގުތު ރާއްޖޭގައި ރައްޔިތުންގެ ކަންބޮޑުވުން އޮތްކަންކަމެއް ނޫން ކަމަށާއި އެޔަށްވުރެ މާބޮޑެތި ކަންބޮޑުވުން ރައްޔިތުންގެ އެބަހުރިކަމުގައި ފައްޔާޒު ފާހަގަކުރެއްވިއެވެ.

މި ބިލު ފާސްކުރުމަށް އެބޭފުޅުން އެވިދާޅުވި ކަންކަމަކީ މިގައުމުގަިއ މިވަގުތު ކަންބޮޑުވުން އޮތް ކަމެއް ނޫން. އެޔަށްވުރެ މާބޮޑެތި ކަންބޮޑުވުން މި ގައުމުގައި އެބަހުރި. ރައްޔިތުންގެ ކެރިފޯރުންތެރިކަން މިވަނީ ވަރަށް ދަށު ދަރަޖައަކަށް ވެއްޓިފަ. ރާއްޖޭގެ މާލިއްޔަތު އެއްކޮށް ލޫޓުވާލާ ނިމިގެން މިދަނީ، ދައުލުތުގެ ހުރިހާ މުއައްސަސާތައް ލޫޓުވައިފި، މުޅި ނިޒާމު އެއްކޮށް ކަހަލަ ގޮތަކަށް މިދަނީ ގަޑުބަޑުކޮށްލަމުން، މިގައުމު ގޮސް މިވެެއްޓެނީ، އަޅުގަނޑުމެންގެ އިސްތިގްލާލާއި މިނިވަންކަމަށް މިސަރުކާރުން މިއަދު ކުރަމުންދާ ކަންތައްތަކުގެ ސަބަބުން ބޮޑެތި ނޭދެވޭ އަސަަރުތަކެއް ކުރާނެ ދިމާލަކަށް.

އެމްޑީޕީގެ ޗެއަރޕާޗަން ފައްޔާޒް އިސްމާއިލް

ފައްޔާޒް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ މާލިއްޔަތު އެއްކޮށް ލޫޓުވާލައި، ދައުލަތުގެ މުއައްސަސާތައް ހަލާކުކޮށް، މުޅި ނިޒާމު ގަޑުބަޑުކޮށްލަމުންދާއިރު، ސަރުކާރުގެ ނޭއްގާނީ ޢަމަލުތަކާ ދެކޮޅަށް ރައްޔިތުންނަށް އޮތް ހަމައެކަނި ބާރަކީ ބަސްބުނުމުގެ މިނިވަންކަމެވެ. ނަމަވެސް މި ފާސްކުރި ބިލުގެ ސަބަބުން ބަސްބުނުމުގެ މިނިވަންކަން ވަރަށްބޮޑަށް ހަނި ވެގެންދާނެ ކަމަށްވެސް ފައްޔާޒް ފާހަގަކުރެއްވިއެވެ. އަދި ރައީސް މުއިއްޒުގެ ފުރިހަމަ ބާރުގައިވާ ރައްޔިތުންގެ މަޖިލީހުން މިނިވަން މިޑިއާނެތިކޮށްލާ މި ބިލު ފާސްކުރީ ސަރުކާރުން ހިންގާ ނޭއްގާނީ ކަންކަމުގެ ވާހަކަ ދިވެހި ރައްޔިތުންނަށާއި ބޭރުގެ ފަރާތްތަކަށް ހާމަކުރުން ހުއްޓުވާލަންކަމުގައި ފައްޔާޒު ވިދާޅުވިއެވެ.

މި ބިލު އަދި ގާނޫނަކަށްވެފައި ނުވި ނަމަވެސް މިހާރުވެސް ފެނިގެންދަނީ ވޭތުވެދިޔަ 20 އަހަރު ދުވަހު ދިވެހި ގައުމަށް އައި ހެޔޮ ބަދަލުތައް އެއްކޮށް ފަހަތަށް ޖެހިގެންދާތަން ކަމުގައި ފައްޔާޒު ވިދާޅުވިއެވެ. މިގައުމުގެ ވެރިކަަމަކަށް ބަދަލުކުރައްވަން ކުރައްވާ މަސައްކަތުން މިއަދުގެ ސަރުކާރަށް ނުވަތަ މި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކަށްވެސް ސަލާމަތެއް ނޯންނާނެކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެއްމެ މީހެއްގެ ނުވަތަ މަދު ބައެއްގެ އަމިއްލަ އެދުމަށް މުޅިގައުމު ހަލާކުކޮށްލާ މަންޒަރު ފެނިގެންދާކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒް ދެއްކެވި ވާހަކަފުޅުގައި، މި ބިލު ތަސްދީގު ނުކުރުމުގެ ފުރިހަމަ ބާރު އަދިވެސް ސަރުކާރަށް އޮތްކަން ފާހަގަކުރެއްވިއެވެ. އަދި ރައީސް މުއިއްޒަށް އިޚްލާޞްތެރިކަމާއެކު އިލްތިމާސްކުރައްވަމުން ވިދާޅުވީ، މިއީ ވަރަށް ބޮޑު ގޯހެއްކަމަށެވެ. ދިވެހި ރައްޔިތުން އެތައް ޤުރުބާނީއެއް ވެގެން، ލެޔާއި ދަލާ އޮހޮރުވައިގެން ހޯދާފައި އޮތް މިނިވަންކަމެއް ހިފަހައްޓައި ހުދުމުހުތާރު ވެރިކަމެއް ގެނައުމަށް ރައީސް މުއިއްޒު ވިސްނިކަމުގައި ވިޔަސް، އެއީ ވާނެކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިފަދަ ފިޔަވަޅުތަކުގެ ސަބަބުން ވާނެ ހަމައެކަނި ކަމަކީ ޤައުމާއި ރައްޔިތުން ހަލާކުވެގެން ދިޔުން ކަމަށާއި މިކަމުގެ ތެރެއިން ރައީސް މުއިއްޒުވެސް ހަލާކުވެ ވަޑައިގަތުމަކީ ޝައްކެއް އޮތް ކަމެއް ނޫންކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ވެރިކަމާއި ހަވާލުވިދުވަހުން ފެށިގެން ގަސްތުގައި ރާވައިގެން ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމު ހަލާކުކޮށްލުމުގެ ހަޑިހުތުރު މަސައްކަތް މެދުކެނޑުމެއް ނެތި ކުރަމުން ގެންދާތީ އެކަން ނިމުމަކަށް ގެނައުމަށް އެމްޑީޕީން ވަނީ 3 އޮކްޓޯބަރުގައި މާލޭގައި ބޮޑު އިހުތިޖާޖެއް ބޭއްވުމަށް ނިންމާފައެވެ. މިއީ މި ސަރުކާރާ ދެކޮޅަށް މިހާތަނަށް ބޭއްވޭ އެންމެ ބޮޑު އިހުތިޖާޖަށް ވެގެންދާނެ ކަމަށް ގިނަ ބަޔަކު ލަފާކުރެއެވެ. މި އިހުތިޖާޖަށް ދުރާލާ ބޮޑެތި ތައްޔާރީތަކެއް އެމްޑީޕީން ވަމުންދާ ކަމަށް އެ ޕާޓީން މަޢުލޫމާތު ދެއެވެ.

- ކޮމެންޓް