ރައީސް ޑރ. މުހައްމަދު މުއިއްޒު، މީޑިއާ ބިލު ތަސްދީގުކޮށް، ރާއްޖޭގެ މިނިވަން މީޑިއާއާއި ރައްޔިތުންނަށް މިނިވަން ކަމާއެކު ބަސް ބުމުގެ ހައްގު ކަފުންކޮށް ވަޅުލައިފިއެވެ.
މި ބިލު ތަސްދީގުކޮށް ގެޒެޓްގައި ޝާއިއު ކުރުމާއި ގުޅިގެން މިހާރުން ފެށިގެން އެ ގާނޫނަށް ވަނީ އަމަލުކުރަން ފަށާފައެވެ. މި ބިލަކީ މަޖިލީުގެ ގަވާއިދާ ހިލާފަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އިން، މަޖިލިހުގެ ކައުންސެލް ޖެނެރަލްގެ ލަފައެއް ނެތި ފާސްކޮށް މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ފާސްކޮށްފައިވަ ބިލެކެވެ. އަވަސް އަރުވާލައިގެން އަންގާރަ ދުވަހު ބިލު ފާސްކުރީ ނޫސްވެރިންނާއި އާންމުން އިހުތިޖާޖުކުރަމުން ދަނިކޮށް އެދުވަހުގެ ރެއެވެ.
މި ގާނޫނުގެ ދަށުން ސަރުކާރުން ބޭނުންވެއްޖެނަމަ މި ގާނޫނުގެ ދަށުން އުފައްދާ ކޮމިޝަން މެދުވެރިކޮށް ނޫސްތައް ބަންދުކުރުމާއި، ލައިސަންސް ހިފެހެއްޓުމާއި، ނޫސްވެރިންނަށް ދައުވާ ކުރުމާއި ބްރޯޑްކާސްޓިންގ ހުއްޓުވުމުގެ ބާރު ލިބިފައިވެއެވެ.
މި ޤާނޫނުގެ މަޤްޞަދަކީ، ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްޤީކޮށް، ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއެކު، ދޮގު ޚަބަރު ފެތުރުން ހުއްޓުވުމާއި ނޫސްވެރިންނަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ލިބިދޭ ޙައްޤުތައް ޒިންމާދާރުކަމާއެކު ބޭނުންކުރާކަން ކަށަވަރުކުރުމުގެ ގޮތުން މީޑިއާތަކުގައި މަސައްކަތްކުރާ ނޫސްވެރިންނާއި އެހެނިހެން ފަރާތްތަކުން ޢަމަލުކުރާނެ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި، އެ އުސޫލުތައް ހިންގުމަށާއި ޒަމާނާ އެއްގޮތަށް ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުމުގެ ގޮތުން ނޫސް މަޖައްލާ ރަޖިސްޓްރީކުރުމަށް ލުއިފަސޭހަ އަދި ހަރުދަނާ މިންގަނޑުތަކެއް ތަޢާރަފުކުރުމާއި، ބްރޯޑްކާސްޓިންގ މީޑިއާ ވެސް ހިމެނޭގޮތުން މީޑިއާގެ ކަންކަން ރެގިއުލޭޓްކުރާނެ ވަކި މުއައްސަސާއެއް އުފެއްދުން ކަމަށް ސަރުކާރުން ބުނި ނަމަވެސް މި ގާނޫނާއެކު ސަރުކާރުން ކުރާ ވައްކަމުގެ ވާހަކަ ދެއްކުން މަނާވެ، ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނާއި ފަސާދަ އޮތް މިންވަރުގެ ވާހަކަ އާންމުންނަށް ދެން ނުދެއްކޭނެއެވެ. އަދި އެ ވާހަކަތަކަކީ ސަރުކާރުން ދޮގެއްކަމަށް ބުނެފި ނަމަ އެވާހަކަ ދެއްކި މީހަކާއި ނޫހަކަށް ވެސް ފިޔަވަޅު އެޅެއެވެ.
މީގެ އިތުރުން މި ގާނޫނުގެ ދަށުން ނޫސް މަޖައްލާ، ޓީވީ ރޭޑިއޯ އަދި އޮންލައިންތައް ރެގިއުލޭޓް ކުރެވޭ އިރު ސޯޝަލް މީޑިއާ (ޓިކްޓޮކް، އެކްސް، ފޭސްބުކް، އިންސްޓަގްރާމް) ތައް ވެސް ރެގިއުލޭޓް ކުރެވެއެވެ. އަދި ވަކި މީޑިއާތައް ޖޫރިމަނާކުރެވޭ މާއްދާ އޮތްގޮތަށް ގާނޫނުގައި އޮތް އިރު، ތެދު ހަބަރަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރު ވެސް ލިބެނީ ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ޤާނޫނު ނަންބަރު 78/47 (ނޫސް މަޖައްލާ ފަދަ ތަކެތީގެ ޤާނޫނު) އާއި ޤާނޫނު ނަންބަރު 2008/15 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު) ގެ ދަށުން އުފައްދައިފައިވާ "މޯލްޑިވްސް މީޑިއާ ކައުންސިލު" އުވުނީއެވެ. އަދި ޤާނޫނު ނަންބަރު 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ ދަށުން އުފައްދައިފައިވާ "މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން" މި ޤާނޫނުގެ ދަށުން އުފައްދާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން" އަށް ބަދަލުވީއެވެ. ޤާނޫނުގައިވާ ގޮތުގެ މަތީން ކޮމިޝަން އެކުލަވައިލައި، މެންބަރުން ކޮމިޝަން ހިންގުމާ ޙަވާލުވަންދެން، ކޮމިޝަނުގެ ކަންކަން ވަގުތީގޮތުން ހިންގާނީ ސިވިލް ސަރވިސް ކޮމިޝަނުން އެކުލަވައިލާ 5 (ފަހެއް) މެންބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ.
މި ގާނޫނު ތަސްދީގު ނުކުރުމަށް ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުންނާއި، ނޫސްވެރިކަމާއި ގުޅުން ހުރި ޖަމިއްޔާތަކުން އައީ ގޮވާލަމުންނެވެ. ނަމަވެސް ސަރުކާރުގެ ކޮރަޕްޓް ވާހަކައާއި ވައްކަމުގެ ވާހަކަ ދައްކާތީ މި ގާނޫނު ސަރުކާރަށް މުހިންމު ކަމަށް ދެކޭތީ ގާނޫނު ވަނީ ތަސްދީގުކޮށްފައެވެ.