ރަސްމާލެ ހިއްކުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހަވާލުކުރި ކެޕިޓެލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ) އަށް ދޭ ބަދަލުގެ ބޮޑުބައި ލިބޭނީ ރައީސް މުއިއްޒުއަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމިން ވިދާޅުވެއްޖެއެވެ.
ޕީއެންއެފް ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަދައްކަވަމުން ކުރީގެ ރައީސް ޔާމީން ވިދާޅުވީ ކޮންމެ ކޮންމެ މައްސަލައަކަށް ބަދަލު ދިނުން ނުވަތަ ސެޓަލްމަންޓް އެގްރީމަންޓަކަށް ދިއުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށެވެ. އަދި ރާއްޖޭގެ ދުސްތޫރު ބުނަނީ އެފަދަކަމެއް އުޅޭނަމަ އަދުލު އިންސާފު ހޯދުމަށް ކަމަށާއި، އެކަމަށް އުސޫލުތަކާއި އިޖްރާއަތްތައް ހަމަޖެހިފައިވާ ކަމަށާއި، ކޯޓުތައް އެކަމަށް ގާއިމްކޮށްފައިވާ ކަމަށް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ ކޯޓުން ބޭރުން ހޯދާ ބަދަލަކީ މުޅިން އެހެން ޒާތުގެ ކަންކަމުގައި ހޯދާ ބަދަލު ކަމަށާއި، އޭގެ ތެރޭގައި ގިނަ ބަޔަކު އެކުލެވޭ ކަމެއްގައި ނުވަތަ އާއިލާތަކެއް ހިމެނި ބަޔަކު ފަޟީހަތްވެ ގެއްލުންވާ ކަންކަން ހިމެނިދާނެ ކަމަށެވެ. ނަމަވެސް ރާޖޫއާއެކު ސަރުކާރުންވި އެގްރީމެންޓުގައި ސަރުކާރުން ގޯސްކޮށް ކަންކަން ކުރެވިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ.
އަދި ގޯސްކޮށް ކުރެވިފައިވާ އެގްރީމެންޓެއް ބާތިލްކުރާނީ އެއަށް ބަދަލު ދޭންޖެހޭ ކަމުގައި ވާނަމަ އެކަން ނިންމާފައި ކަމަށް ޔާމީން ވިދާޅުވިއެވެ.
ކޯޓަށްދާންވީ. ބަދަލުދޭކަށް ނުޖެހޭ. ދެން ގޯސްކޮށް ކުރެވިފައި އޮތިއްޔާ މީގައި އަޅުގަނޑަށް ގަބޫލުނުކުރެވޭ ވާހަކައަކީ މީގައި ކްލެއިމްކޮށްފައިވާ 4 ބިލިއަން ޑޮލަރު. 4 ހާސް މިލިއަން ޑޮލަރު. މިހާރުއައިސް ސެޓަލްވީ ކޯއްޗަކަށް. ޕީނަޓްސްއަށް. މިހާރު މި ސެޓްލްވީ 90 މިލިއަން ޑޮލަރަށް. 4000 މިލިއަން ޑޮލަރުން މީނާ ތިރިވީ. އެ ތިރިވާންޖެހުނު ގޮތަކީވެސް މިތަނުގައި މި ހަޅޭލަވަމުން ދަނީ މިއީ ނޫމަޑީގެ އެނެއްކޭސްއޭ. ތި 4 ހާސް މިލިއަން ޑޮލަރުގެ ބޮޑުބައި ދާނީ މުއިއްޒުއަށޭ. އެއީ މުއިއްޒު އަކީ މިކަހަލަ ސުންނަތް ގާއިމްކޮށްފައި ހުރި ބޭފުޅެއް. އެހެންވީމާ އެވަރުގެ އެއްޗެއް ނަގަން ނުކެރޭތީ މި ތިރިކޮށްލީ.ކުރީގެ ރައީސް އަބްދުﷲ ޔާމިން
ޔާމީން ވިދާޅުވީ ގާނޫނާއި ހިލާފަށް ގޯސްކަމެއް ހިމެނިފައިވާކަމެއް ކަމުގައި ވާނަމަ، ރާޖޫ އަތުން ކުރިން ލާރިނަގައިގެން އެމްޑީޕީން 12 ވަރަކަށް މެންބަރުން ގަނެލާފައިވާ ކަމަށެވެ. އެކަންކުރީ މުއިއްޒުގެ އިތުބާރުނެތްކަމުގެ ވޯޓު ނަގަން އުޅުމުން ކަމަށާއި، އެކަން ނުކުރެވޭނެ ގޮތަށް މެންބަރުން ގަނެލީ ރާޖޫއަތުން ލާރި ނަގައިގެން ކަމަށް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ މިއަދު ބަދަލުދޭންޖެހިގެން މިއުޅެނީ މި ސަބަބާއި ހުރެގެން ކަމަށާއި، އެހެން ނޫންނަމަ ގޯސްކޮށް އެގްރީމެންޓްކުރެވުނު ނަމަ ދައުލަތުން ކޯޓަށް މި މައްސަލަ ހިފައިގެން ނުދާންވީ ސަބަބެއް ނެތް ކަމަށެވެ.
ކޯޓުން ބޭރުން މިކަން ކުރާނަމަ މި މިކުރެވެނީ ތިމަންނަގެ ބުރަކަށި އެބަކަހަޔޭ ކަހާލަދީފިއްޔާ ކަލޭގެ ބުރަކަށިވެސް ކަހާލަދޭނަމޭ އޮންނަ އުސޫލުން. މީގައި ފެންނަން މިހުރީ.ކުރީގެ ރައީސް އަބްދުﷲ ޔާމިން
ރައްޔިތުންގެ ފައިސާ އިން ނަހަމަ ގޮތުގައި ބަދަލު ދިނުމަކީ އެއް ގޮތަކަށް ވެސް ކުރެވިގެންވާނެ ކަމެއް ނޫން ކަމަށް ކުރިން ވިދާޅުވި ރައީސް މުއިއްޒު، ކެޕިޓެލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ) އަށް ބަދަލުގެ ގޮތުގައި 21 މިލިއަން ޑޮލަރު ރައްޔިތުންގެ ފައިސާ އިން ދޭން ނިންމާފައިވާކަން ވަނީ ހާމަވެފައެވެ.
ސީއެމްސީ އާ އެކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސޮއިކުރި އެއްބަސްވުން އުވާލުމުން ސީއެމްސީ އަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެ ކުންފުނިން ކުރިން އޮތީ އާބިޓްރޭޝަނަށް ދާށެވެ. އެހެން ނަމަވެސް 21 މިލިއަން ޑޮލަރު (323 މިލިއަން ރުފިޔާ) ގެ ސެޓްލްމަންޓް އެއްބަސްވުމެއްގައި ސަރުކާރުން ސޮއި ކުރުމުން، އެ މައްސަލައިގައި އާބިޓްރޭޝަނަށް ނުދާން ސީއެމްސީއިން އެއްބަސްވެފައިވާ ކަމަށް ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.