ކ. މާލެ
|
26 ޖެނުއަރީ 2025 | އާދީއްތަ 13:59
2025 ޖެނުއަރީ 25 - އެއާރފޯސް ވަން ގައި ޓްރަމްޕް ނޫސްވެރިންނާ ވަހަކަފުޅު ދައްކަވަނީ
2025 ޖެނުއަރީ 25 - އެއާރފޯސް ވަން ގައި ޓްރަމްޕް ނޫސްވެރިންނާ ވަހަކަފުޅު ދައްކަވަނީ
ގެޓީ އިމޭޖަސް
ޣައްޒާ
ޣައްޒާ ގެ ބިމުން ފަލަސްތީނު ރައްޔިތުން ނެރެ އެ ބިން ހުސްކުރަން ބޭނުންފުޅުވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
ޓްރަމްޕްގެ މި ވާހަކަފުޅު އެމެރިކާ އިން މިހާތަނަށް ގެންގެޅެމުން އައި "ދެ ދައުލަތުގެ ހައްލު" ގެ ސިޔާސަތާ ވަރަށް ބޮޑަށް ޚިލާފުވެފައިވާކަން ފާހަގަ ކުރެވެއެވެ. މިހާތަނަށް އެމެރިކާގެ ޚާރިޖީ ސިޔާސަތުގައި އަބަދުވެސް ބާރުއަޅަމުން އައީ އިސްރާއީލާއި ފަލަސްޠީނަށް ވަކި ދެ ދައުލަތުގެ ހައްލެއް ހޯދުމަށެވެ. 

ޣައްޒާ ގެ ވަޒަންވެރިން އެތަނުން މުޅިން ހުސްކުރަން ބައެއް އަރަބި ގައުމުތަކުގެ ވެރިންނާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަޝްވަރާ ކުރައްވައިފިއެވެ. 

ހޮނިހިރު ދުވަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ޣައްޒާ ގައި ދިރިއުޅޭ މިލިއަނަކަށް ވުރެ ގިނަ ފަލަސްޠީނު ރައްޔިތުން އަވައްޓެރި ޤައުމުތަކުގައި ގެދޮރު އަޅައިގެން އެތަންތަނަށް ބަދަލު ކުރުމާ ބެހޭ ގޮތުން އުރުދުންގެ ރަސްގެފާނާއެކު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. 

ޓްރަމްޕް ވިދާޅުވީ، ސަރަޙައްދުގައި އެމެރިކާގެ މުހިންމު ބައިވެރިއެއް ކަމުގައިވާ އުރުދުންގެ އަބްދުﷲ 2 ވަނަ އާ ހޮނިހިރު ދުވަހު ފޯނުން ވާހަކަފުޅު ދެއްކެވި އިރު، ފަލަސްޠީނުގެ އިތުރު ރައްޔިތުން ބަލައިގަތުމަށް އެދިވަޑައިގަތްކަމަށެވެ. 

"އަޅުގަނޑު އޭނާ އަރިހު ދެންނެވިން، އަޅުގަނޑު ވަރަށް އެދެމޭ އިތުރަށް މީހުން ބަލައިގަންނަން. އެއީ މިހާރު މުޅި ޣައްޒާ ސްޓްރިޕްއަށް ބަލާއިރު، އެއީ ހަލާކުވެފައިވާ ތަނެއް، ވަރަށް ބޮޑަށް ހަލާކުވެފައިވާ ތަނެއް،" އެއަރ ފޯސް ވަން ގައި ހުންނަވާ ޓްރަމްޕް ނޫސްވެރިންނަށް ވިދާޅުވިއެވެ. 

ޖޯޑަންގެ ސަރުކާރުގެ ނޫސް އޭޖެންސީ ޕެޓްރާ އިން ޓްރަމްޕް އާ އަބްދުﷲ ރަސްގެފާނުގެ ފޯނު ކޯލުގެ ވާހަކަ ރިޕޯޓުކޮށްފައި ވީނަމަވެސް، ޣައްޒާ ރައްޔިތުން ބަދަލުކުރުމާ ބެހޭގޮތުން އެއްވެސް ވާހަކައެއް ބަޔާންކޮށްފައެއް ނުވެއެވެ.

އދ. ގެ މަޢުލޫމާތުން އެނގޭ ގޮތުގައި މިހާރުވެސް އެ ޤައުމުގައި 2.39 މިލިއަނަށްވުރެ ގިނަ ރަޖިސްޓަރީކޮށްފައިވާ ފަލަސްޠީނު ރެފިއުޖީން ދިރިއުޅެމުންދެއެވެ. 

ޓްރަމްޕް ވިދާޅުވީ، އޭނާ ބޭނުންފުޅު ވަނީ ފަލަސްތީން އާ އިންވެގެން އޮތް އުރުދުން އާއި މިސްރު ގައި މީހުން ބައިތިއްބަން ކަމަށާއި، އާދިއްތަ ދުވަހު މިސްރުގެ ރައީސް އަބްދުލް ފައްތާޙް އަލް-ސީސީއާ މިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާނެ ކަމަށެވެ. 

"މި ދަންނަވަނީ އެއް މިލިއަން، ފަސް ލައްކަ މީހުންގެ ވާހަކަ، އަދި އަޅުގަނޑުމެން މުޅި އެ ސަރަޙައްދު ސާފުކޮށްލަނީ،" ޓްރަމްޕް ވިދާޅުވިއެވެ. އަދި އިތުރަށް ވިދާޅުވީ، އެ ސަރަޙައްދުގައި އެތައް ސަތޭކަ އަހަރު ވަންދެން ހިނގަމުން އައި ހަނގުރާމަތަކެއް ހުރިކަމަށެވެ. 

އޭނާ ވިދާޅުވީ: "އަޅުގަނޑަކަށް ނޭނގެ، އެކަމަކު ކޮންމެވެސް ކަމެއް ވާންޖެހޭ، އެކަމަކު މިހާރު އެއީ ހަމަ ވީރާނާވެފައިވާ ތަނެއް. ގާތްގަނޑަކަށް ހުރިހާ ތަނެއް ވަނީ ހަލާކުވެފައި އަދި މީހުން އެތާ މަރުވަމުން ދަނީ، އެހެންވީމާ އަޅުގަނޑު ބޭނުން ބައެއް އަރަބި ޤައުމުތަކާ އެކު ބައިވެރިވެ އެހެން ތަނެއްގައި ގެދޮރު އަޅަން، އަޅުގަނޑު ހިތުން އެމީހުންނަށް އެތާ ބަދަލެއްގެ ގޮތުން ސުލްޙަވެރިކަމާއެކު ދިރިއުޅެވިދާނެ." 

ކުރީގެ ޕްރޮޕަޓީ ޑިވެލޮޕަރެއްކަމުގައިވާ ޓްރަމްޕް ވިދާޅުވީ، "ވަގުތީ ގޮތުން ނުވަތަ ދާއިމީ" ގޮތަކަށް ވެސް އެ ގެދޮރު ހެދިދާނެ ކަމަށެވެ. 

އިސްރާއީލާއި ހަމާސްއާ ދެމެދު ހިނގަމުން ދިޔަ 15 މަސްދުވަހުގެ ހަނގުރާމައިގައި އެތައް ހާސް ފަލަސްތީނު މީހުން މަރުވުމުގެ އިތުރުން، ޣައްޒާގެ ބޮޑު ބައިވަނީ އިސްރާއީލުން ބޮން އަޅާ ފުނޑުފުނޑު ކޮށްލާފައެވެ. އދ. އިން ހާމަ ކޮށްފައިވާ ގޮތުގައި އިސްރާއީލުގެ ވައިގެ ހަމަލާތަކުގެ ސަބަބުން ސްކޫލުތަކާއި ހޮސްޕިޓަލުތައް ހިމެނޭ ގޮތަށް ގާތްގަނޑަކަށް 60 އިންސައްތަ އިމާރާތްތަކަށް ގެއްލުން ލިބި ނުވަތަ ހަލާކުވެފައިވެއެވެ. އަދި 92 އިންސައްތަ ގެދޮރު ހަލާކުވެފައިވެއެވެ. 

އދ. އިން ހާމަކޮށްފައިވާ ގޮތުގައި އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ގާތްގަނޑަކަށް 90 އިންސައްތަ ޣައްޒާގެ ރައްޔިތުން ވަނީ އެމީހުން ދިރިއުޅޭ ގެދޮރުން ނުކުންނަން ޖެހިފައެވެ. އަދި ގިނަ ރައްޔިތުން ޣައްޒާގެ ތެރޭގައި އެތައް ފަހަރަކު އެކި ތަންތަނަށް ހިޖުރަ ކޮށްފައިވެއެވެ. 

ޓްރަމްޕްގެ މި ވާހަކަފުޅު އެމެރިކާ އިން މިހާތަނަށް ގެންގެޅެމުން އައި "ދެ ދައުލަތުގެ ހައްލު" ގެ ސިޔާސަތާ ވަރަށް ބޮޑަށް ޚިލާފުވެފައިވާކަން ފާހަގަ ކުރެވެއެވެ. މިހާތަނަށް އެމެރިކާގެ ޚާރިޖީ ސިޔާސަތުގައި އަބަދުވެސް ބާރުއަޅަމުން އައީ އިސްރާއީލާއި ފަލަސްޠީނަށް ވަކި ދެ ދައުލަތުގެ ހައްލެއް ހޯދުމަށެވެ. 

ޓްރަމްޕް މި މޭރުމުން ވާހަކަފުޅު ދެއްކެވި އިރު އިސްރާއީލުން އެދޭ ގޮތައް ޣައްޒާ ރައްޔިތުން އެމީހުންގެ އަމިއްލަ ބިމުން ނެރެ ސަރަހައްދުގެ ގައުމުތަކަށް ފޮނުވާލަފާނެ ކަމުގެ ބިރު އަބަދުވެސް ސަރަޙައްދުގެ ގައުމުތަކުގައި އޮވެއެވެ. އިސްރާއީލުގެ ސަރުކާރުން އެ ވާހަކަތަކާ ދެކޮޅު ހެދި ނަމަވެސް ނަތަންޔާހޫގެ ސަރުކާރުގައި ހިމެނޭ ބައެއް ވަޒީރުން މިކަމަށް ތާއީދު ކޮށް ފާޅުގައި ވާހަކަ ދައްކަވާފައި ވެއެވެ. 

2023 ވަނަ އަހަރުގެ އޮކްޓޯބަރު މިލިއަނަކަށް ވުރެ ގިނަ ފަލަސްތީން ރައްޔިތުން އުތުރު ޣައްޒާއިން ނެރުމަށް އިސްރާއީލުން އެޅި ފިޔަވަޅާމެދު މިސްރުގެ ރައީސް ސީސީ ފާޑުވިދާޅުވެފައިވެއެވެ. އޭނާ މިކަން ސިފަކުރެއްވީ މުޅި ސަރަޙައްދުން ފަލަސްޠީނު ރައްޔިތުން ނެރެ ބޭރުކުރުމުގެ ބޮޑު ޕްލޭނެއްގެ ބައެއްގެ ގޮތުގައެވެ. 

"(ޣައްޒާ) ސްޓްރިޕްއިން ފަލަސްޠީނު މީހުން މިސްރަށް ބަދަލުކުރުން ނުވަތަ ނެރެލުމުން ނުކުންނާނީ ހަމަ އެއް ނަތީޖާއެއް - އެއީ ވެސްޓް ބޭންކުން ފަލަސްޠީނު ރައްޔިތުން ޖޯޑަނަށް ފޮނުވާލުން،" ފަދަ ކަމެއް ކަމަށް ސީސީ ވިދާޅުވިއެވެ. އަދި އިތުރަށް އޭނާ ވިދާޅުވީ، އޭރުން ފަލަސްޠީނުގެ ދައުލަތެއްގެ ވާހަކަދެއްކުމުގެ މާނައެއް ނޯންނާނެ ކަމަށެވެ. "ބިން އޮންނާނެ، އެކަމަކު މީހުން ނުތިބޭނެ."

ހަމަ އެ ދުވަސްވަރު، އަބްދުﷲ ރަސްގެފާނު، އިތުރު ފަލަސްޠީނު ރެފިއުޖީން ޖޯޑަނަށް ނުވަތަ މިސްރަށް ބަދަލުވުން ސިފަ ކުރެއްވީ "ރަތް ރޮނގު" ގެ ގޮތުގައެވެ. 

މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 5.9 މިލިއަން ފަލަސްޠީނު ރެފިއުޖީން ދިރިއުޅުމުން ދާއިރު، އޭގެތެރެއިން ގިނަ މީހުންނަކީ 1948 ގައި އިސްރާއީލު އުފެދުނުއިރު ފުރާނަ ސަލާމަތްކުރަން ފިލައިގެން ދިޔަ އާއިލާތަކަށް ނިސްބަތްވާ މީހުންނެވެ. 

މި ހަފުތާގައި މަޤާމާ ހަވާލުވުމަށްފަހު، ޓްރަމްޕް ވަނީ ބައިޑެންގެ ވެރިކަމުގައި ހުޅަނގު އައްސޭރީގައި ގަވައިދާ ޚިލާފަށް ދިރިއުޅޭ އިސްރާއީލުގެ މީހުންނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ވެސް އުވާލައްވާފައެވެ. މި މީހުންނަކީ ހިފާފައިވާ ބިމުގައި މާރާމާރީ ހިންގައި، ގެދޮރާއި ދަނޑުބިންތަކާއި މުދަލުގައި ހުޅުޖަހާ، މީހުން މަރާފައިވާ ކަމަށް ތުހުމަތުކުރެވޭ ބައެކެވެ. މި ފިޔަވަޅުތައް އުވާލުމުން އިސްރާއީލުގެ ފައިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް ވަނީ މަރުޙަބާ ކިޔާފައެވެ. ސްމޮޓްރިޗްއަކީ ހިފާފައިވާ ބިމުގައި ޔަހޫދީ ސެޓްލްމަންޓްތައް އަލުން ޤާއިމުކޮށް ފުޅާ ކުރުމަށް ވަރަށް ބޮޑަށް ވަކާލާތުކުރާ ފަރާތެކެވެ.

- ކޮމެންޓް
26 ޖެނުއަރީ 2025 | އާދީއްތަ 19:58
އަލީ
ކޮބާބާ މުއިއްޒު ސަރުކާރު؟ ނުކެރޭނެ ޗުއްޕުވެސް ބުނަން. އިޒްރޭލު ޕާސްޕޯޓް ޖެހޭނީ ހުއްދަ ކޮށްފައި ބާއްވަން. ޓްރަޕްޕް އާ ދެކޮޅަށް އެއްޗެއް ބުނާކަށްވެސް ނުކެރޭނެ. މިއަށްވުރެ ފިނޑި ތާކުންތާކުން ނުޖެހޭ ސަރުކާރެއް މި ގައުމު ނުދެކޭނެ.
26 ޖެނުއަރީ 2025 | އާދީއްތަ 16:25
ސާމާނު އާލް ސައުދު
އަރަބިން ބޯން އުޅުނު ބޮނޑި ރަނގަޅަށްވެސް ބޮއިފި
26 ޖެނުއަރީ 2025 | އާދީއްތަ 15:30
ނަމްރޫދް
ޓްރަމްޕް ބޭނުންވިޔަސް އަރަބި ގައުމިތަކާއި އިރާނާއި ތުރުކީ އަދި ރަޝިޔާ ޗައިނާއިން މިކަމަށް ދެކޮޅު ހަދާނެ. ޔޫރަޕް ވެސް މިހާރު އޮތީ ގްރީންލޭންޑް މަައްސަލާގައި ޓްރަމްޕްއާއި މެދު ހިންހަމަ ނުޖެހިފަ. ޕެނަމާކެނަލް މައްސަލާގައި ލެޓިންނއެމެރިކާ އާއި ދެކުނު އެމެރިކާ އޮތީ ހިންހަމަ ނުޖެހިފަ. ކެނަޑާ މައްސަލާގައި އިނގެރޭސިން ތިބީ ރުޅިއައިއްސަ. އިސްރާއީލާއި ޓްރަމްޕްބޭނުންހާ ގޮތަކަށް ޖިއޮޕޮލިޓިކްސް ނުކުޅެވޭނެ. އެމެރިކާއާއި އެކު ކުރިމަތި ލުމަކަށް ދާން އެއްވެސް ގައުމަކުން ބޭނުމެއް ނުވާނެ. އެހެނަސް ކެއްތެރިވެވޭނީވެސް ވަކި ވަރަކަށް… ޔލ