ކ. މާލެ
|
23 ޖެނުއަރީ 2025 | ބުރާސްފަތި 06:20
ލިވަޕޫލްގެ ކޯޗު އާން ސްލޮޓް
ލިވަޕޫލްގެ ކޯޗު އާން ސްލޮޓް
ރޮއިޓާސް
ލިވަޕޫލް
ސްލޮޓް ބުނީ ލިވަޕޫލާ މެދު ސުވާލު އުފައްދާނެ ޖާގައެއް ނެތް ކަމަށް
21 ޕޮއިންޓާ އެކު، އަނެއް ބުރުގެ ޖާގަ ލިވަޕޫލުން ހޯދާފައިވާއިރު، އެ ޓީމާ މެދު ސުވާލު އުފައްދާނެ ޖާގައެއް ނެތް ކަމަށް ެވސް ސްލޮޓް ވަނީ ބުނެފަ އެވެ.

ލިވަޕޫލުން ދައްކަމުން އަންނަ ކުޅުމާއި، އެ ޓީމުގެ ފެންވަރާ މެދު ސުވާލު އުފައްދާނެ އެއްވެސް ޖާގައެއް ނެތް ކަމަށް، އެ ޓީމުގެ ކޯޗު އާން ސްލޮޓް ބުނެފި އެވެ.

ސްލޮޓް މިހެން ބުނީ ޔުއެފާ ޗެމްޕިއަންސް ލީގުގައި ލީލްއާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. އެ މެޗުން މޮޅުވެ ލިވަޕޫލުން ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުން ޖާގަ ޔަގީންކޮށްފައިވާއިރު، އެ ޓީމު އޮތީ ވެސް ލީގު ތާވަލްގެ އެއް ވަނަ މަގާމުގަ އެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ޖާާގައެއް ލިވަޕޫލަށް ލިބުމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސްލޮޓް ބުނީ، 18 ޕޮއިންޓާ އެކު ވެސް އަނެއް ބުރުން ޖާގަ ހޯދުމުގެ ފުރުސަތު ލިވަޕޫލަށް އޮންނާނެ ކަމަށެވެ. ނަމަވެސް 21 ޕޮއިންޓާ އެކު، އަނެއް ބުރުގެ ޖާގަ ލިވަޕޫލުން ހޯދާފައިވާއިރު، އެ ޓީމާ މެދު ސުވާލު އުފައްދާނެ ޖާގައެއް ނެތް ކަމަށް ެވސް ސްލޮޓް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ސްލޮޓް ބުނީ، އޭނާ އަށް އެންމެ މުހިންމީ ޕްލޭ އޮފް ރައުންޑުގައި ކުޅެން ނުޖެހި ކުރިއަށް ދިޔުން ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި ލީލް މެޗުގައި ވެސް ލިވަޕޫލްގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ އޭނާ ހިތްހަމަ ޖެހޭ ވަރުގެ ކުޅުމެކެވެ. ޚާއްސަކޮށް މެޗުން މޮޅުވުމަށްޓަކައި ލިވަޕޫލްގެ ކުޅުންތެރިން ކުރި މަސައްކަތް ފާހަގަ ކުރަން ބޭނުންވާ ކަމަށް ވެސް ސްލޮޓް ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން ސްލޮޓް ވަނީ ލިވަޕޫލަށް ކުޅެމުން އަންނަ މިޞްރުގެ ފޯވާޑު، މުޙައްމަދު ޞަލާޙު އަށް ވެސް ތައުރީފު ކޮށްފަ އެވެ. އެ މެޗުގައި ލިވަޕޫލްގެ ފުރަތަމަ ލަނޑު ޞަލާޙު ޖެހިއިރު، ސްލޮޓް ބުނީ، އެކަމުން ސާބިތު ކޮށްދެނީ ލިވަޕޫލްގައި ޞަލާޙުގެ ފެންވަރު ކަމަށެވެ. ޚާއްސަކޮށް އެތައް އަހަރުތަކެއް ވަންދެން ލިވަޕޫލްގައި ތަފާތު ދެއްކުމުގައި ޞަލާޙު ދެމި ހުރި ކަމަށް ސްލޮޓް ވަނީ ބުނެފަ އެވެ.

މި ސީޒަނާ ދިމާކޮށް ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވީ ސްލޮޓްގެ އިރުޝާދުގެ ދަށުން އެ ޓީމުން އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. ޚާއްސަކޮށް ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅެފައިވާ ހަތް މެޗުން ވެސް އެ ޓީމު ވަނީ މޮޅުވެފަ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި ވެސް ލިވަޕޫލް އެއް ވަނައިގައި އޮތްއިރު، އެ ޓީމު ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ.

- ކޮމެންޓް