ޔުއެފާ ޗެމްޕިއަންސް ލީގުގައި ބެންފީކާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ބާސެލޯނާ އިން ދެ ވަނައިގައި ދެމި އޮވެއްޖެ އެވެ.
ބެންފީކާގެ އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު ބާސެލޯނާ އިން ކާމިޔާބު ކުރީ، 5-4 އިންނެވެ. މެޗުގައި ބެންފީކާ އިން ލީޑު ހޯދާފައި ވަނިކޮށް، ބާސެލޯނާ އިން ވަނީ ފަހަތުންް އަރައި މެޗުން މޮޅުވެފަ އެވެ.
މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި ބެންފީކާ އަށް ލީޑު ނަގައިދިނީ ވަންގެލިސް ޕަލްވިޑިސް އެވެ. އޭގެ ފަހުން މެޗުގެ 13 ވަނަ މިނެޓުގައި ބާސެލޯނާ އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، ނަތީޖާ ހަމަހަމަ ކޮށްދިނީ ރޮބާޓް ލެވަންޑޯސްކީ އެވެ. މެޗުގެ ފުރަތަމަ ހާފުގައި އިތުރު ދެ ލަނޑު ޖަހައިގެން ބެންފީކާ އިން އަލުން ލީޑު ހޯދި އެވެ. މެޗުގެ 22 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ހޯދައިދިނީ ޕަލްވިޑިސް އެވެ. އަދި އޭގެ ފަހުން 30 ވަނަ މިނެޓުގައި ތިން ވަނަ ލަނޑެއް ޖަހައި އޭނާ ވަނީ ހެޓްރިކް ހަމަކޮށްފަ އެވެ.
ދެ ވަނަ ހާފުގައި ބާސެލޯނާގެ ދެ ވަނަ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްދިނީ ރަފީނިއާ އެވެ. އޭގެ ފަހުން މެޗުގެ 68 ވަނަ މިނެޓުގައި ބާސެލޯނާގެ ރޮނާލްޑް އަރައުހޯ އަތުން ބައި ކޮޅަށް ވަތް ލަނޑާ އެކު ބެންފީކާ އަށް ލީޑު ފުޅާވި އެވެ. މެޗުގެ 78 ވަނަ މިނެޓުގައި ލެވަންޑޯސްކީ ވަނީ ބާސެލޯނާގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. އަދި ބާސެލޯނާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ 86 ވަނަ މިނެޓުގައި އެރިކް ގާސިއާ އެވެ. މެޗުން ބާސެލޯނާ މޮޅުވީ މެޗުގެ އިތުރު ވަގުތުގައި ރަފީނިއާ ޖެހި ލަނޑުންނެވެ.
މޮޅާއެކު ބާސެލޯނާ ދެ ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ ހަތް މެޗުން 18 ޕޮއިންޓާ އެކު އެވެ. ހަތް މެޗުގެ ތެރެއިން ހަ މެޗުން ބާސެލޯނާ މޮޅުވެފައިވާއިރު، އެއް މެޗުން ވަނީ ބަލިވެފަ އެވެ.