ކ. މާލެ
|
9 ޖެނުއަރީ 2025 | ބުރާސްފަތި 09:15
މެޗުގައި ލަނޑު ޖެހުމަށްފަހު ޓޮޓެންހަމްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ޓޮޓެންހަމްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
ކަރަބޯ ކަޕް
ފުރަތަމަ ލެގުގައި ލިވަޕޫލް ބަލިވެއްޖެ
ލިވަޕޫލް އަކީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންގެ އިތުރުން، މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ.

ކަރަބޯ ކަޕްގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ޓޮޓެންހަމާ ދެކޮޅަށް ކުޅުނު މެޗުން، އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ބަލިވެއްޖެ އެވެ.

ޓޮޓެންހަމްގެ އަމިއްލަ ދަނޑުގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުގައި ޓޮޓެންހަމް އިން ލިވަޕޫލްގެ މައްޗަށް ކުރި ހޯދީ 1-0 އިންނެވެ. މެޗުގައި ޓޮޓެންހަމް އިން ލަނޑު ޖެހީ ވެސް ދެ ވަނަ ހާފުގަ އެވެ.

މެޗުގައި ލިވަޕޫލް އިން ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. މެޗު ފަށައިގެން ކުރީ ކޮޅު ލިވަޕޫލަށް ކުޅެމުން އަންނަ މިޞްރުގެ ފޯވާޑު މުޙައްމަދު ޞަލާޙު ފޮނުވާލި ބޯޅަ ދިޔައީ ގޯލު އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އޭގެ ފަހުން ޓޮޓެންހަމްގެ އޭރިޔާ ތެރެއަށް ހުރަސްވި ބޯޅައެއް، އެލެކްސިސް މެކް ބޮލުން ފޮނުވާލި ނަަމަވެސް ޓޮޓެންހަމްގެ ގޯލު ކީޕަރު ވަނީ އެ ބޯޅަ މަތަކޮށްފަ އެވެ.

އޭގެ ފަހުން ލިވަޕޫލްގެ ކޯޑީ ގަކްޕޯ ފޮނުވާލި ބޯޅަ ވެސް ޓޮޓެންހަމްގެ ކީޕަރު ވަނީ މަތަކޮށްފަ އެވެ. މެޗުގައި ޓޮޓެންހަމް އިން ލަނޑު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައި ވަނިކޮށެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޒުވާން ކުޅުންތެރިޔާ ލޫކަސް ބާގްވާލް އެވެ. އޭނާ އެ ލަނޑު ޖެހީ ޑޮމިނިކް ސޮލާންކޭ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

ފުރަތަމަ ލެގުން ޓޮޓެންހަމް މޮޅުވީއިރު، މި ދެ ޓީމު ބައްދަލު ކުރާ ދެ ވަނަ ލެގު އޮންނަނީ ލިވަޕޫލްގެ އެންފީލްޑުގަ އެވެ. ލިވަޕޫލް އަކީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންގެ އިތުރުން، މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. ލިވަޕޫލުން ވަނީ 10 ފަހަރެއްގެ މަތިން ކަރަބޯ ކަޕް ކާމިޔާބު ކޮށްފަ އެވެ.

- ކޮމެންޓް