އިނގިރޭސި ޕްރިމިއަރ ލީގުގައި ޓޮޓެންހަމާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ލިވަޕޫލް އިން ލީގު ތާވަލްގެ އެއް ވަނައިގައި ލީޑު ފުޅާ ކޮށްފި އެވެ.
ޓޮޓެންހަމްގެ އަމިއްލަ ދަނޑުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ލިވަޕޫލް އިން ކާމިޔާބު ކުރީ 6-3 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލް އިން ތިން ލަނޑު ޖެހިއިރު، ޓޮޓެންހަމް އިން ލަނޑެއް ޖެހި އެވެ. ލިވަޕޫލްގެ އަނެއް ތިން ލަނޑު އެ ޓީމުން ދެ ވަނަ ހާފުގައި ޖެހިއިރު، މި ހާފުގައި ޓޮޓެންހަމް އިން ދެ ލަނޑު ޖެހި އެވެ.
މެޗު ފަށައިގެން 23 ވަނަ މިނެޓުގައި ލިވަޕޫލަށް ލީޑު ނަގައިދިނީ ލުއިސް ޑިއާޒް އެވެ. އޭނާ އެ ލަނޑު ޖެހީ ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ އާޖެންޓީނާގެ އަލެކްސިސް މެކް އަލިސްޓާ އެވެ. މި ހާފުގައި ޓޮޓެންހަމްގެ ލަނޑު ޖޭމްސް މެޑިސަން ޖެހީ 41 ވަނަ މިނެޓުގަ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މިޞްރުގެ ފޯވާޑު މުޙައްމަދު ޞަލާޙު ތަނަވަސްކޮށްދިން ފުރުސަތެއްގައި ލިވަޕޫލްގެ ތިން ވަނަ ލަނޑު ޖެހީ ޑޮމިނިކް ސޮބޮސްލާއި އެވެ.
ދެ ވަނަ ހާފު ފަށައިގެން ނުވަ ވަނަ މިނެޓުގައި ލިވަޕޫލްގެ ހަތަރު ވަނަ ލަނޑު ޖެހީ ޞަލާޙު އެވެ. އަދި އޭގެ ހަތް މިނެޓު ފަހުން ސޮބޮސްލާއި ތަނަވަސްކޮށްދިން ފުރުސަތެއްގައި ލިވަޕޫލްގެ ފަސް ވަނަ ލަނޑު ވެސް ޖެހީ ޞަލާޙު އެވެ. މެޗުގައި ޓޮޓެންހަމްގެ ދެ ވަނަ ލަނޑު 72 ވަނަ މިނެޓުގައި ޖެހީ ޑެޖާން ކުލުސެވްސްކީ އެވެ. އަދި އޭގެ ފަހުން 83 ވަނަ މިނެޓުގައި ތިން ވަނަ ލަނޑު ޖެހީ ޑޮމިނިކް ސޮލާންކޭ އެވެ. މެޗުގައި ލިވަޕޫލްގެ ހަ ވަނަ ލަނޑު، ޑިއާޒް ޖެހީ ޞަލާޙު ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.
މޮޅާއެލު ލިވަޕޫލް އެއް ވަަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 16 މެޗުން 39 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ޗެލްސީން 17 މެޗު ކުޅެފައިވާއިރު، އެ ޓީމަށް ލިބެނީ 35 ޕޮއިންޓެވެ. މެޗުގެ އަދަދު ހަމަކޮށްގެން، އެއް ވަނައިގައި ލީޑު ފުޅާ ކުރުމުގެ ފުރުސަތު ލިވަޕޫލަށް އޮންނާނެ އެވެ.