ކަރަބޯ ކަަޕްގެ ކުއާޓާ ފައިނަލްގައި ސައުތެމްޓަންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އިން މުބާރާތުގެ ސެމީ ފައިނަލް އިން ފުރުސަތު ހޯދައިފި އެވެ.
ބުދަ ދުވަހުގެ ރޭ ސައުތެމްޓަންއާ ދެކޮޅަށް ކުޅުނު މެޗު ލިވަޕޫލް އިން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލް އިން ވަނީ ދެ ލަނޑު ޖަހައިގެން ކުރި ހޯދައިފަ އެވެ. މެޗުގައި ސައުތެމްޓަން އިން އެ ޓީމުގެ ހަަމައެކަނި ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި ލިވަޕޫލް އަށް ކުރި ހޯދައިދިނީ އުރުގުއޭގެ ޑާވިން ނޫނޭޒް އެވެ. އޭގެ ފަހުން މެޗުގެ 32 ވަނަ މިނެޓުގައި ހާވީ އެލިއޮޓް ވަނީ ލިވަޕޫލްގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު އޭނާ ޖެހީ ކޯޑީ ގަކްޕޯ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުގެ ދެ ވަނަ ހާފުގެ ސާދަ ވަނަ މިނެޓުގައި ސައުތެމްޓަންގެ ހަމައެކަނި ލަނޑު ޖެހީ ކަމެރޮން އަކާ އެވެ.
މުބާރާތުގެ ސެމީ ފައިނަލް އިން ލިވަޕޫލް ފުރުސަތު ހޯދިއިރު، އެ ޓީމަކީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. އެންމެ ފަހުން ލިވަޕޫލް މުބާރާތް ކާމިޔާބު ކުރީ ޗެލްސީގެ މައްޗަށް ކުރި ހޯދައިގެންނެވެ. މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބު ކޮށްފައިވާ ޓީމަކީ ވެސް ލިވަޕޫލް އެވެ. އެ ޓީމުން ވަނީ 10 ފަހަރެއްގެ މަތިން މުބާރާތް ކާމިޔާބު ކޮށްފަ އެވެ.