އޮކްޓޯބަރު 2023 އިން ފެށިގެން ޣައްޒާ އަދި ހުޅަނގު އައްސޭރީ ގައި އިސްރާއީލުން ޝަހީދު ކޮށްލި ދަރިވަރުންގެ އަދަދު ގާތްގަނޑަކަށް 13،000 ށް އަރައިފި އެވެ.
އިޒްރޭލުގެ ބާރުތަކުން ގާޒާ ސްޓްރިޕް އަދި ހިފާފައިވާ ހުޅަނގު އައްސޭރީގައި އެތައް ހާސް ދަރިވަރުން ޝަހީދު ކޮށްލި އިރު، ދުނިޔޭގެ ލޯތަކުގެ ކުރިމަތީގައި ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމު ތަކަށް 14 މަސް ވަނީ ފުރިފައެވެ.
ފަލަސްޠީނުގެ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ޣައްޒާ އަދި ހުޅަނގު އައްސޭރީ ގައި އިސްރާއީލުގެ ހަމަލާތަކުގައި 12،799 އަށް ވުރެ ގިނަ ދަރިވަރުން ޝަހީދުވެފައިވާ ކަމަށާއި، މަދުވެގެން 20،942 ދަރިވަރުންނަށް އެކި ވަރުގެ ޒަޚަމްތައް ލިބިފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނެފައިވާ ގޮތުގައި، އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވި ގިނަ ދަރިވަރުންނަކީ ޣައްޒާގެ ރަށްވެހިން ކަމުގައެވެ.
މީގެ އިތުރުން މަދުވެގެން 598 މުދައްރިސުންނާއި ސްކޫލް އެޑްމިނިސްޓްރޭޓަރުން އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވެފައިވާއިރު، ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން 3،801 މީހުން ވަނީ ޒަޚަމްވެފައެވެ.
އަނެއްކޮޅުން، އިސްރާއީލުގެ ބާރުތަކުން މަދުވެގެން 538 ދަރިވަރުންނާއި 158 މުދައްރިސުންނާއި އެޑްމިނިސްޓްރޭޓަރުން ވަގަށް ނަގައިފައިވެއެވެ.
އިސްރާއީލުގެ ސިފައިން 420 އަށްވުރެ ގިނަ ސަރުކާރު ސްކޫލްތަކާއި، ޔުނިވަރސިޓީތަކަށް ބޮން އަޅައިފައިވެއެވެ. އަދި މީގެ އިތުރުން، ފަލަސްޠީނު ރެފިއުޖީންނަށް އެހީތެރިވުމަށް އުފައްދާފައިވާ އދ.ގެ އޭޖެންސީއާ ގުޅިފައިވާ 65 ސްކޫލް އިމާރާތަށްވެސް ބޮން އަޅައިފައިވެއެވެ. މި އިމާރާތްތަކަށް ގެއްލުން ވެފައިވާއިރު، ބައެއް އިމާރާތްތައް ވަނީ މުޅިން ހަލާކުވެފައެވެ.
މިނިސްޓްރީން ބުނެފައިވާ ގޮތުގައި، އޮކްޓޯބަރު 7، 2023 އިން ފެށިގެން ޣައްޒާގެ 788،000 ށް ވުރެ ގިނަ ދަރިވަރުންނަށް ސްކޫލް ތަކަށް ނުވަތަ ޔުނިވަރސިޓީ ތަކަށް ކިޔަވަން ދިއުމަށް ހުރަސް އެޅިފައިވެއެވެ.
ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަންސް އެޑިޔުކޭޝަން ފަންޑް (ޔުނިސެފް) އިން ބުނެފައިވަނީ ޣައްޒާގެ ހުރިހާ ކުދިންވެސް ހަނގުރާމައިގެ ނުރައްކާތެރި ތަޖުރިބާތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށާއި، މީގެ ނަތީޖާ އެ ކުދިންގެ މުޅި އުމުރަށް ދެމިގެންދާނެ ކަމަށެވެ.
"ޣައްޒާގެ ކުދިން ވަނީ ހިތަށް ވެސް ނުގެނެވޭނެ ބިރުވެރި ކަންތައްތަކާ ކުރިމަތިލާންޖެހިފައެވެ – ހަނގުރާމަ ހުއްޓާލާ އެ ކުދިންނަށް އަމާން މުސްތަޤުބަލެއް ލިބުމުގެ ފުރުޞަތު ލިބެންޖެހެއެވެ،" ޔުނިސެފުން ބުނެފައިވެއެވެ.