ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔަކަށް، ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިނީޝިއުސް ޖޫނިއާ ހޮވިއްޖެ އެވެ.
ޤަތަރުގެ ވެރި ރަށް ދޯހާގައި އަންގާރަ ދުވަހުގެ ރޭ ކުރިއަށް ދިޔަ އެވޯޑު ހަފުލާގައި ވިނީޝިއުސް އެވޯޑު ހޯދީ، ސްޕެއިންގެ ރޮޑްރީ، އިންގްލެންޑުގެ ޖޫޑް ބެލިންހަމް، ސްޕެއިންގެ ޑެނީ ކާވަހާލް، ލަމީން ޔަމާލް، އާޖެންޓީނާގެ ލިއޮނަލް މެސީ، ޖަރުމަނުގެ ޓޯނީ ކްރޫސް، ނޯވޭގެ އާލިން ހާލަންޑް، ފްރާންސްގެ ކީލިއަން އެމްބާޕޭ، ޖަރުމަނުގެ ފްލޯރިއަން ވާޓްޒް އަދި އުރުގުއޭގެ ފެޑެރިކޯ ވަލްވާޑޭއާ ވާދަކޮށެވެ.
އެންމެ މޮޅު ކުޅުންތެރިޔަކަށް ވިނީޝިއުސް ހޮވިފައިވާއިރު، އޭނާ އަށް ވަނީ 48 ޕޮއިންޓު ލިބިފަ އެވެ. ޤައުމީ ޓީމުތަކުގެ ކޯޗުން އަދި ކެޕްޓަނުންގެ މެދުގައި ވޯޓުލާ މި އެވޯޑުގައި، 89 ޤައުމީ ޓީމެއްގެ ކެޕްޓަނުން ވަނީ ވިނީޝިއުސް އަށް ވޯޓު ދީފަ އެވެ. ވިނީޝިއުސްގެ ފަހަތުން ދެ ވަނައިގައި ރޮޑްރީ އަށް ލިބެނީ 43 ޕޮއިންޓެވެ. ރޮޑްރީ އަކީ ފްރާންސް ފުޓުބޯޅަ އިން ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލެންޑިއޯ އެވޯޑު މިއަހަރު ހޯދި ކުޅުންތެރިޔާ އެވެ. ތިން ވަނައިގައި ބެލިންހަމް އަށް ލިބެނީ 37 ޕޮއިންޓެވެ.
ފީފާ އިން ހޮވާ އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ވިނީޝިއުސް އަށް ލިބުނުއިރު، ގިނަ ބަޔަކު ޤަބޫލުކޮށްގެން ތިބީ މިއަހަރުގެ ބެލެންޑިއޯ އެވޯޑު ވެސް ވިނީޝިއުސް އަށް ލިބޭނެ ކަށެވެ. ނަމަވެސް ވިނީޝިއުސްއާ ވާދަކޮށް ބެލެންޑިއޯ އެވޯޑު ރޮޑްރީ ހޯދިއިރު، ވިނީޝިއުސް އަށް އެވޯޑު ނުލިބުމުން ބައެއް ކުޅުންތެރިންނާއި ކޯޗުން ވަނީ އެކަމަށް ފާޑު ވެސް ކިޔައިފަ އެވެ. ބެލެންޑިއޯ އެވޯޑު ހަފުލާގައި ރެއާލް މެޑްރިޑުން ބައިވެރިނުވެ، އެވޯޑު ހަފުލާ ވަނީ ބޮއިކޮޓްކޮށްފަ އެވެ.
ފީފާ އިން ވަކިން އަހަރުގެ މޮޅު ކުޅުންތެރިޔާ އަށް އެވޯޑު ދޭން ފެށީ 2016 ވަނަ އަހަރު އެވެ. މި އެވޯޑު އެންމެ ގިނަ ފަހަރު ހޯދާފައި ވަނީ އާޖެންޓީނާގެ ކެޕްޓަން މެސީ އެވެ. އޭނާ ވަނީ ތިން ފަހަރު އެވޯޑު ހޯދައިފަ އެވެ. ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޕޮލެންޑުގެ ފޯވާޑު ރޮބާޓް ލެވަންޑޯސްކީ ވަނީ ދެ ފަހަރު މި އެވޯޑު ހޯދައިފަ އެވެ. ދެން މި އެވޯޑު ހޯދާފައި ވަނީ ވިނީޝިއުސްގެ އިތުރުން، ލޫކާ މޮޑްރިޗް އެވެ.