ކ. މާލެ
|
9 ޖެނުއަރީ 2025 | ބުރާސްފަތި 09:10
ވެލެންސިއާއާ ދެކޮޅަށް ރެއާލް ކުޅުނު މެޗުގައި ވިނީޝިއުސް އަށް ރަތް ކާޑު ދައްކަނީ
ވެލެންސިއާއާ ދެކޮޅަށް ރެއާލް ކުޅުނު މެޗުގައި ވިނީޝިއުސް އަށް ރަތް ކާޑު ދައްކަނީ
ރޮއިޓާސް
ރެއާލް މެޑްރިޑު
ވިނީޝިއުސް އަށް ދެ މެޗުގެ ސަސްޕެންޝަނެއް
ސަސްޕެންޝަންގެ ސަބަބުން ސްޕެނިޝް ލީގުގައި ރެއާލް އިން މި މަހުގެ 19 ވަނަ ދުވަހު ލަސް ޕަލްމާސްއާ ދެކޮޅަށް ކުޅޭ މެޗާއި، 26 ވަނަ ދުވަހު ރެއާލް ވަޔަޑޮލިޑާ ދެކޮޅަށް ކުޅޭ މެޗުގައި ވިނީޝިއުސް އަށް ނުކުޅެވޭނެ އެވެ.

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިނީޝިއުސް ޖޫނިއާ، ދެ މެޗުގެ ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ވިނީޝިއުސް އަށް ދެ މެޗުގެ ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހުނީ އެންމެ ފަހުން ސްޕެނިޝް ލީގުގައި ރެއާލް އިން ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ އަށް ދެއްކި ރަތް ކާޑުގެ ސަބަބުންނެވެ.

އެ މެޗުގައި ވިނީޝިއުސް އަށް ރަތް ކާޑު ދެއްކީ ވެލެންސިއާގެ ގޯލު އޭރިޔާ ތެރެއިން އެ ޓީމުގެ ގޯލު ކީޕަރަށް ކުރި ފައުލަކާ ގުޅިގެންނެވެ. ވިނީޝިއުސް ވަނީ ވެލެންސިއާގެ ކީޕަރުގެ ކަރުގައި ހިފަން މަސައްކަތް ކޮށްފަ އެވެ. އެ ފައުލާ ގުޅިގެން ވިނީޝިއުސް އަށް ރަތް ކާޑު ދައްކަން ނިންމީ، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ވެސް ބެލުމަށްފަހު އެވެ.

އެކަމާ ގުޅިގެން ސްޕެނިޝް ލީގުގައި ޑިސިޕްލިނަރީ ކޮމެޓީން ވަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކޮށްފަ އެވެ. އަދި އެކަމާ ގުޅިގެން ވިނީޝިއުސް ވަނީ ދެ މެޗަށް ސަސްޕެންޑު ކުރަން ނިންމައިފަ އެވެ. އެ ސަސްޕެންޝަންގެ ސަބަބުން ސްޕެނިޝް ލީގުގައި ރެއާލް އިން މި މަހުގެ 19 ވަނަ ދުވަހު ލަސް ޕަލްމާސްއާ ދެކޮޅަށް ކުޅޭ މެޗާއި، 26 ވަނަ ދުވަހު ރެއާލް ވަޔަޑޮލިޑާ ދެކޮޅަށް ކުޅޭ މެޗުގައި ވިނީޝިއުސް އަށް ނުކުޅެވޭނެ އެވެ.

އެހެން ނަމަވެސް، ބުރާސްފަތި ދުވަހުގެ ރޭ ރެއާލް އިން ސްޕެނިޝް ސުޕަ ކަޕްގެ ސެމީ ފައިނަލްގައި މަޔޯކާއާ ދެކޮޅަށް ކުޅޭ މެޗުގައި ވިނީޝިއުސް ކުޅޭނެ އެވެ. ވިނީޝިއުސް އަށް ދެ މެޗުގެ ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހުނުއިރު، އެ މައްސަލައިގައި ރެއާލް މެޑްރިޑު ޖޫރިމަނާ ކުރަން ވެސް ސްޕެނިޝް ލީގުގެ ޑިސިޕްލިނަރީ ކޮމެޓީން ވަނީ ނިންމައިފަ އެވެ.

ވިނީޝިއުސް ވަނީ މި ސީޒަންގެ މިހާތަނަށް ރެއާލަށް ކުޅެދިން 23 މެޗުގައި 14 ލަނޑު ޖަހައިފަ އެވެ. އޭގެ ތެރެއިން އަށް ލަނޑަކީ ސްޕެނިޝް ލީގުގައި ވިނީޝިއުސް ރެއާލަށް ޖަހައިދީފައިވާ ލަނޑުތަކެވެ.

- ކޮމެންޓް