ލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި، ހިލޭ ބެހުމާއި، އެ ތަކެތި ބޭނުންކުރުން މަނާކުރި ގޮތުން ސިފަކުރެވެނީ އެއީ ޒުވާނުންގެ ޖީބަށް ސަރުކާރުން އަތްބޭނުމުގެ ގޮތުގައި ކަމަށް އެމްޑީޕީގެ ޤާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ އައިކް އަހުމަދު އީސާ ވިދާޅުވެއްޖެއެވެ.
އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. ބުރާސްފަތި ދުވަހުގެ ރޭ ޢަމަލުކުރަން ފެށި އިސްލާހާއި އެކު ވޭޕް ކުރަން ބޭނުންކުރާ އާލާތްތަކާއި އެކަމަށް ތައްޔާރު ކޮށްފައިވާ އުފެއްދުންތައް ރާއްޖެ އެތެރެކޮށްފި ނަމަ 50،000 ރުފިޔާ އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް އާލާތަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރާނެ އެވެ.
ދުންފަތް ބޭނުންކުރަން އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކައިފި ނަމަ ޖޫރިމަނާ ކުރާނީ 20،000 ރުފިޔާ އިންނެވެ. ވިއްކި ކޮންމެ އެއްޗަކަށް 10،000 ރުފިޔާގެ ޖޫރިމަނާއެއްގެ އިތުރުން ހިލޭ ބަހައިފި ނަމަ 10،000 ރުފިޔާގެ ޖޫރިމަނާ ކުރާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައި ވެއެވެ. އެފަދަ އެއްޗެއް ވިއްކީ ކުޑަކުއްޖަކަށް ނަމަ އެ މީހެއްގެ ޖޫރިމަނާ 50،000 ރުފިޔާ އަށް ބޮޑުވާނެއެވެ.
އެ ބަދަލަކީ ހަމައެކަނި މާލީ މަންފާތަކެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް އައިކު ވިދާޅުވިއެވެ. އެއީ ދުންފަތް ކޮންޓްރޯލްކުރަން ކުރިކަމެއްކަމަށް ބެލެވޭނެ އެއްވެސް ޖާގައެއް ނެތްކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ސަބަބަކީ ދުންފަތް މަދުކުރުމަށް އަދި ދުންފަތަށް ދެވި ހިފުން ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކޮށް ކުއްލިއަކަށް އެ ބަދަލުތައް ގެނައުން ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ސަރުކާރުން ރަނގަޅު ނިޔަތެއް އޮވެގެން ކުރިކަމެއް ކަމަށް ބުނެވެން ނެތް ކަމަށް އައިކު ވަނީ ވިދާޅުވެފައެވެ. ސަރުކާރުން އެކަން ކުރަނީ ސަރުކާރުން ބޭނުންވާ ވަކި ސިޔާސީ ކަންކަމަށް ފަންޑު ހޯދަންތޯ ވެސް އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.
މީގެ އިތުރުން އައިކު ވަނީ ޒުވާނުންގެ ހުރި އެހެނިހެން ކަންބޮޑުވުންތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ފުރަތަމަ ދުވަހުން ފެށިގެން މި ސަރުކާރުން ދަނީ ޒުވާނުންނަށް ވަޒީފާގެ ބިރު ދައްކަމުން ކަމަށް އައިކުވިދާޅުވިއެވެ. އައިކު ވަނީ މިހާރު ޤައުމުގައި ކިޔަވައިގެން ތިބި ޒުވާނުނަށް ވަޒީފާގެ ފުރުސަތު ނުލިބި، ސިޔާސީ މަޤާމްތަކަށް އެތައް ބަޔަކު އައްޔަންކުރަމުންދާ ކަމަށް ފާހަގަކުރައްވާފައެވެ. އެކަމުގެ ސަބަބުން ޒުވާނުންތިބީ މާޔޫސްވެފައިކަމަށް އޭނާ ވިދާޅުވިއެވެ.
އައިކު ވަނީ ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދާތީ އެކަމަށް ފާޑު ވިދާޅުވެފައެވެ. ރައްޔިތުންގެ އިތުބާރާއި ތާއީދު ސަރުކާރަށް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.