ޔުއެފާ ޗެމްޕިއަންސް ލީގުގައި އެޓަލަންޓާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ރެއާލް މެޑްރިޑުން ތިން ވަނަ މޮޅެއް ހޯދައިފި އެވެ.
އެޓަލަންޓާގެ އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު ރެއާލް އިން ކާމިޔާބު ކުރީ 3-2 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ރެއާލް އިން ލީޑު ނަގާފައި ވަނިކޮށް، އެޓަލަންޓާ އިން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް ދެ ވަނަ ހާފުގައި ރެއާލް އިން ދެ ލަނޑު ޖެހިއިރު، އެޓަލަންޓާ އިން ވަނީ ލަނޑެއް ޖަހައިފަ އެވެ.
މެޗު ފަށައިގެން 10 ވަނަ މިނެޓުގައި ރެއާލަށް ލީޑު ނަގައިދިނީ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އެވެ. އޭނާ އެ ލަނޑު ޖެހީ ލުއިސް ޑިއާޒް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ފަހުން މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެޓަލަންޓާ އަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޗާލްސް ޑީ ކެޓަލައޭރާ އެވެ.
މެޗުގެ ދެ ވަނަ ހާފު ފަށައިގެން އެގާރަ ވަނަ މިނެޓުގައި ދެ ވަނަ ފަހަރަށް ރެއާލަށް ލީޑު ނަގައިދިނީ ވިނީޝިއުސް ޖޫނިއާ އެވެ. އޭގެ ތިން މިނެޓު ފަހުން އިންގްލެންޑުގެ ޖޫޑް ބެލިންހަމް ވަނީ ރެއާލްގެ ތިން ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު އޭނާ ޖެހީ ވިނީޝިއުސް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުގައި އެޓަލަންޓާގެ ދެ ވަނަ ލަނޑު 65 ވަނަ މިނެޓުގައި އަޑެމޮލާ ލުކްމަން ޖެހީ އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ.
މި ސީޒަންގެ ޗެމްޕިއަންްސް ލީގުގައި މިހާތަނަށް ރެއާލް އިން ހަ މެޗު ކުޅެފައިވާއިރު، ތިން މެޗުން ވަނީ މޮޅުވެފަ އެވެ. އަނެއް ތިން މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ. ހަ މެޗުން ނުވަ ޕޮއިންޓާ އެކު ރެއާލް އޮތީ ވެސް 18 ވަނައިގަ އެވެ. ހަ މެޗުން 11 ޕޮއިންޓާ އެކު އެޓަލަންޓާ އޮތީ ނުވަ ވަނައިގަ އެވެ.