"ހަމަނުޖެހުމަށް މަގުފަހިވާ ގޮތަށް ކަންކަން ނުކުރުމަށް ނަސޭހަތްތެރިވެ" އިލެކްޝަންސް ކޮމިޝަނުން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީ އަށް ސިޓީ ފޮނުވައިފިއެވެ.
ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް ވަނީ އީސީގެ ސިޓީ އެއް އެމްޑީޕީ އަށް ލިބިފައިވާކަން ހާމަކުރައްވާފައެވެ. ފައްޔާޒް ވިދާޅުވީ އެ ސިޓީ އެމްޑީޕީ އަށް ލިބިފައި ވަނީ ހޯމަ ދުވަހު ކަމަށެވެ. އަދި އެ ސިޓީގައި އެދިފައި ވަނީ އެމްޑީޕީގެ ކަންކަން ޤާނޫނީ އިމުގެ ތެރެއިން ކުރުމަށް އެދިފައި ކަަމަށް ވެސް ފައްޔާޒް ވަނީ ވިދާޅުވެފައެވެ. އެމްޑީޕީން މިހާރުވެސް އެ ޕާޓީގެ މަސައްކަތްތައް ހިންގަމުން ދަނީ ޤާނޫނީ އިމުގެ ތެރެއިން ކަމަށް ފައްޔާޒް ވަނީ ފާހަގަކުރައްވާފައެވެ. އަދި އެފަދަ ސިޓީ އެއް އެމްޑީޕީ އަށް ފޮނުވަން ޖެހުނު ސަބަބު އިލެކްޝަންސް ކޮމިޝަންގައި އަހައިގެން ސާފުކުރާނެ ކަމަށާއި އެއީ ހަމައެކަނި އެމްޑީޕީ އަށް ފޮނުވި ސިޓީ އެއްތޯ ނުވަތަ ރާއްޖޭގައި ހަރަކާތްތެރިވާ ހުރިހާ ސިޔާސީ ޕާޓީއަކަށް ފޮނުވި ސިޓީ އެއްތޯ ވެސް ބަލާނެ ކަަމަށް ފައްޔާޒްގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން އެމްޑީޕީން ޑިސެމްބަރު 10 ވަނަ ދުވަހު ބާއްވާ އެއްވުމުގައި ވެސް އެމްޑީޕީން އަނިޔާވެރިކަމަށް ނުވަތަ ޤާނޫނާއި ޚިލާފު ކަމަކަށް ހިތްވަރު ދީފައި ނުވާނެ ކަމަށް ފައްޔާޒް ވިދަޅުވިއެވެ. އެހެންކަމުން ޤާނޫނީ އިމުގެ ތެރެއިން ލިބޭ ފުރުސަތުގެ ބޭނުންކޮށްގެން ބާއްވާ އެއްވުމަކަށް ހުރަސްއަޅަން ޖެހޭ އެއްވެސް ސަބަބެއް ނުއެއް އޮންނާނެ ކަމަށް ވެސް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.
އެ ސިޓީ އާއި ގުޅޭގޮތުން ރާއްޖެއެމްވީ އަށް މައުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ހަސަން ޒަކަރިއްޔާ ވިދާޅުވި ހޯމަ ދުވަހު އެމްޑީޕީ އަށް ފޮނުވި ސިޓީ އަކީ ފިޔަވަޅު އެޅުމަށް ފޮނުވި ސިޓީ އެއް ނޫން ކަމަށެވެ. އެ ސިޓީ ފޮނުވީ ދެކަމަކާއި ގުޅިގެން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެ ސިޓީ ފޮނުވާފައި ވަނީ ކުޅުދުއްފުށީގައި ދާދިފަހުން ޤާނޫނުއަސާސީގެ ދިފާއުގައި ކުރިއަށްގެންދިޔަ ޖަލްސާގައި ރައީސަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކަކާއި ގުޅިގެންނާއި އޭގެ ކުރިން އެމްޑީޕީގެ ޖަގަހަ ޖަލްސާގައި ދެއްކި ވާހަކަތަކަކާއި ގުޅިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ދެ ހާލަތުގައި ވެސް މާރާމާރީ އަށް ހިތްވަރު ލިބޭ ގޮތަށް ހިތްވަރުދީފައިވާ ކަމަށް ބުނެ ބައެއް އާއްމު ފަރާތްތަކުން ވީޑިއޯ އާއި އެކު އެ މައްސަލަ އީސީ އާއި ހިއްސާކޮށްފައިވާ ކަމަށް ހަސަން ވިދާޅުވިއެވެ. މީގެ އިތުރުން ފުލުހުން ވެސް އެކަން އީސީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.