އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އޭސީސީން ބުނީ، ކޮމިޝަންގެ ދެ މެންބަރުން އިސްތިއުފާ ހުށަހަޅުއްވާފައިވާތީ، ހުސްވެފައިވާ ދެ މަގާމަށް މެންބަރުން އައްޔަންކުރެއްވުމަށް މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، 8 ޑިސެންބަރު 2024 ވާ އާދިއްތަ ދުވަހުން ފެށިގެން 16 ޑިސެންބަރު 2024 ވާ ހޯމަ ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
އޭސީސީގެ ގާނޫނު ގެ 5 ވަނަ މާއްދާގައި، ކޮމިޝަނުގެ މެންބަރުކަމަށް އައްޔަންކުރާ މީހުންގެ ކިބައިގައި ގިނަ ޝަރުތުރުތަކެއް ހުންނަން ޖެހެއެވެ.
އެގޮތުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދުމުގެ ކުށެއް ނުވަތަ މަކަރާއި ހީލަތް ހެދުމުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ޙުކުމެއް ތަންފީޛުކުރަމުންދާ މީހަކު ކަމުގައި ނުވުމާއި، އަދި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކުނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ 5 (ފަހެއް) އަހަރު ވެފައިވާ މީހަކު ކަމުގައިވުމާއި، އަދި ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.
އޭސީސީން ބުނީ، ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިގްރާރާއި ކުށާއި ދަރަނީގެ ރެކޯޑް ފޯމާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދުދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30ން މެންދުރު 12:00ށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށެވެ. އަދި މި ފޯމުތަކާއި އިގްރާރު، ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.
އޭސީސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމާއި އެ ކޮމިޝަންގެ މެންބަރު ތޯހާ މުހައްމަދު މަގާމުން ވަކި ކުރުމުގެ މަސައްކަތް ރައްޔިތުން މަޖިލީހުން ކުރަމުންދަނިކޮށް 25 ނޮވެންބަރު 2024 ގައި އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. މި ދެ މެންބަރުންނަށް ވެސް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެތައް ކަމެއް ކުރިކަމުގެ ތުހުމަތު ވަނީ ކުރެވިފައެވެ.