ޔުއެފާ ޗެމްޕިއަންސް ލީގުގައި ފެޔަނޫޑާ ދެކޮޅަށް ކުޅުނު މެޗުން، ފަހު ވަގުތު މެންޗެސްޓަރ ސިޓީ އެއްވަރުވެއްޖެ އެވެ.
ސިޓީގެ އަމިއްލަ ދަނޑު، އިއްތިހާދު ސްޓޭޑިއަމްގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމު 3-3 އިން އެއްވަރުވެގެންނެވެ. މެޗުގައި ސިޓީން ވަނީ ތިން ލަނޑުގެ ލީޑެެއް ވެސް ހޯދައިފަ އެވެ. ނަމަވެސް ފެޔަނޫޑް އިން ވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން އެއް މިނެޓަށް ވެފައި ވަނިކޮށް، ސިޓީ އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް އެ ޓީމަށް ލީޑު ނަގައިދިނީ އާލިން ހާލަންޑު އެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި ސިޓީގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ އިލްކާއީ ގުންޑޮގާން އެވެ. އޭގެ ތިން މިނެޓު ފަހުން ހާލަންޑު ވަނީ ސިޓީގެ ތިން ވަނަ ލަނޑު ޖަހައި ލީޑު އިތުރަށް ފުޅާ ކޮށްފަ އެވެ.
މެޗުގައި ލަނޑު ޖެހުމަށް ފެޔަނޫޑް އިން ކުރި މަސައްކަތް ކާމިޔާބު ކުރެވުނީ 75 ވަނަ މިނެޓުގަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އަނީސް ހަޖް މޫސާ އެވެ. އޭގެ ފަހުން މެޗުގެ 82 ވަނަ މިނެޓުގައި ސަންޓިއާގޯ ޖިމެނޭޒް ވަނީ ފެޔަނޫޑްގެ ދެ ވަނަ ލަނޑު ޖަހައި ފަރަގު ކުޑަ ކޮށްފަ އެވެ. ސިޓީ ކައިރިން ފެޔަނޫޑް އަށް ޕޮއިންޓެއް ލިބުނީ މެޗުގެ 89 ވަނަ މިނެޓުގައި ޑޭވިޑް ހަންކޯ ޖެހި ލަނޑުންނެވެ.
މިވަގުތު ސިޓީގެ ނަތީޖާތައް ދަށްވެފައިވާއިރު، އެންމެ ފަހުން އެ ޓީމު ކުޅުނު ހަ މެޗު ވެސް ނިންމާލަން ޖެހުނީ މޮޅެއް ނުހޯދި އެވެ. ފަސް މެޗުން ސިޓީ ބަލިވެފައިވާއިރު، އެއް މެޗުން މި ވަނީ އެއްވަރުވެފަ އެވެ. މި ނަތީޖާ އާއެކު ސިޓީ އޮތީ 15 ވަނައިގަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅުނު ފަސް މެޗުން އަށް ޕޮއިންޓު ހޯދައިގެންނެވެ.