މިއަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާގައި ހިންގުމަށް ނިންމާފައިވާ އެއްވެސް މަޝްރޫއެއް ހިންގާފައިނުވާ ކަމަށް އެމްޑީޕީގެ ތައުލީމާބެހޭ ކޮމިޓީ މެންބަރު ނައުޝާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނައުޝާދު ވިދާޅުވީ 2024 ވަނަ އަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާއަށް ހިމަނާފައިވާ އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށާއި، މިއީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.
ނައުޝާދު ވިދާޅުވީ ބަޖެޓަށް ވީ ގޮތާއިމެދު ސުވާލު އުފެދޭ ކަމަށާއި، ބަޖެޓާއިބެހޭ ގޮތުން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވާހަކަދައްކަވަނީ އެކި ގޮތަށް ކަމަށެވެ.
ޚާއްސަކޮށް 2024 ވަނަ އަހަރު އަޅުގަނޑުމެންނަށް އެއްވެސް ވަރަކަށް ނުފެނޭ ތައުލީމީ ދާއިރާއަށް 2024 ވަނަ އަހަރަށް ބަޖެޓް ކުރެވުނު އެއްވެސް ޕްރޮޖެކްޓެއް ފެށިތަނެއް އަޅުގަނޑުމެންނަށް ނުފެނޭ. މިއީ ވަރަށް ކަންބޮޑުވާކަމެއް. އަޅުގަނޑު ހިތަށް އަރާ އެ ބަޖެޓަށް ވީ ކިހިނެތްތޯއޭ. މިސުވާލު އަޅުގަނޑުމެން އެންމެން ވެސް އެބަ ކުރައްވާ. ރައްޔިތުން މަޖިލީހުގެ މެންބަރުން ވެސް އެސުވާލު ކުރެއްވި. އެހެންނަމަވެސް އޭގެ އެއްވެސް ތަފްސީލެއް ލިބޭ ގޮތަކަށް ނެތް. ނަމަވެސް ވަޒީރު އެކި ފަހަރު އެކި ގޮތަށް ވާހަކަދައްކަވާފައި އެބަހުރޭ. އަޅުގަނޑުމެން މިއަހަރު ބަޖެޓު ކޮށްފައި ހުރި ލާރި މި ބޭނުންކުރީ ކުރީ ސަރުކާރުގެ ދަރަނިތަކެއް ދައްކަންށޭ. އެނެއްބައި ފޯރަމްތަކުގައި އެބަ ވިދާޅުވޭ ޖާހާފައި އަދަދުތައް ވަރަށް ކުޑައޭ. އެހެންވީމަ ތިމަންނަމެންނަށް ނެތޭ އެޕްރޮޖެކްޓް ފެށޭކަށް. އަޅުގަނޑު ހިތަށް އަރާ ތައުލީމު ވަޒީރު ތަންކޮޅެއް ބޮޑަށް އެތާ މުވައްޒަފުންނާއެކު މަސައްކަތް ކޮށްލައްވާނަމައޭ. ޓެކްނިކަލް މުވައްޒަފުން ވިދާޅުވާނެ މިނިސްޓަރޭ މިކޯޑުން އަނެއް ކޯޑަށް ބަދަލުކުރެވޭނޭ.އެމްޑީޕީގެ ތައުލީމާބެހޭ ކޮމިޓީ މެންބަރު ނައުޝާދު އިބްރާހިމް
12 ސްކޫލުގެ މަލްޓިޕަރޕަސްހޯލާއި، އޮފީސް އިމާރާތް އެޅުމަށް 2 މިލިއަން ރުފިޔާ ބަޖެޓުގައި ޖަހާފައިވާކަން ފާހަގަކުރައްވައި ނައުޝާދު ވިދާޅުވީ މިމަޝްރޫއު ކުރިއަށް ގެންދިއުމަށް އެޑްވާންސްކޮށް ފައިސާ ވެސް ދައްކާފައިވާ ކަމަށެވެ. ނަމަވެސް މަޝްރޫއު ކުރިއަށް ނުގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ބަޖެޓަށް ބަލާލުމުން މިފަދަ ގިނަ މައްސަލަތައް ފާހަގަކުރެވޭނެ ކަމަށެވެ.
ނައުޝާދު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ފަށާފައިވާ ހުރިހާ މަޝްރޫއެއް މިސަރުކާރުން ހުއްޓުވާފައިވާ ކަމަށެވެ. އަދި ތައުލީމީ ދާއިރާއަށް ވަރަށް ބޮޑަށް އިހުމާލުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެެ.
ތައުލީމީ ދާއިރާގެ މަޝްރޫއުތައް މީގެ ކުރިން ހިންގި ގޮތްގޮތަށް އިޝާރާތް ކުރައްވައި ނައުޝާދު ވިދާޅުވީ މަޝްރޫއުތައް ކުރިއަށް ގެންދިޔައީ މުޅި އަހަރަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ބައެއް މަޝްރޫއުތައް ފުރަތަމަ ކުއާޓަރުގައި އަނެއް ބައި މަޝްރޫއުތައް ފަހު ކުއާޓަރުގައި ކުރިއަށް ގެންގޮސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.