ޤާނޫނަށް ގެންނަ އިސްލާހުތަކަކީ، ޒަމާނަށް އަންނަ ބަދަލާއެކު ކުރިމަތިވާ އައު ކަންކަމާއި ހާލަތްތަކާއި ގޮންޖެހުންތަކާ ކުރިމަތިލުމަށާއި، ރައްޔިތުންގެ އަސާސީ ޙައްޤުތައް ރައްކާތެރިކުރުމަށް، އަދި އެ ގައުމެއްގެ ވެރިކަން ހިންގުމުގެ ނިޒާމަށް އެ ހިނދަކަށް ގެންނާންޖެހޭ ބަދަލުތައް ގެނައުމަށް ރަސްމީގޮތުން ކުރާ ކަމެކެވެ.
މުޖުތަމައުގެ ގިނަބަޔަކަށް ގަބޫލުކުރެވިފައި އޮންނަ ގޮތުން، ޤާނޫނަށް ބަދަލު ގެނައުމަކީ ވަކި ކަމެއް އޭރު އޮތްގޮތަށް ވުރެ ރަނގަޅު ކުރުމަށް ނުވަތަ އިހުނަށްވުރެ ފުރިހަމަ ގޮތަކަށް ބަދަލުކޮށްލުމަށް ކުރާ ކަމެކެވެ.
ނަމަވެސް، ޤާނޫނަށް ގެނެވޭ ކޮންމެ އިޞްލާޙަކީ ނުވަތަ ބަދަލަކީ އޭގެ ޒާތުގައި އިޞްލާޙީ ކަމެއް ކަމަކަށްނުވެއެވެ.
އެ ބަދަލެއް ގެންނަ ގޮތަށާއި، އެ ބަދަލެއް ގެންނަ ސަބަބަބަށާއި، އެ ބަދަލަކުން މަންފާވާ ފަރާތަށް ބެލުމުން، އެއީ ރަނގަޅު ބަދަލެއްކަން ނުވަތަ ނޫންކަން. އެނގޭނެއެވެ. ހަމަ ހަގީގަތުގައިވެސް އިޞްލާޙެއްތޯ ދެނެގަނެވޭނެއެވެ.
ހުރިހާ އިޞްލާޙުތަކަކީ އިޞްލާޙީ ބަދަލުތަކެއް ކަމުގައި ނުބެލެވޭ ސަބަބު ފުރިހަމައަށް ދެނެގަތުމަށްޓަކައި، ފުރަތަމަ ސިޔާސީ އަދި ޤާނޫނީ ގޮތުން އިޞްލާޙީ ބަދަލު މާނަކުރެވެނީ ކިހިނެއްކަން ކަނޑައެޅުން މުހިންމެވެ.
އިޞްލާޙީ ބަދަލަކީ އާންމު ގޮތެއްގައި ނިޒާމެއްގައި، ޤާނޫނެއްގައި ނުވަތަ އަމަލެއްގައި ގެނެވޭ ކުރިއެރުމެއް ނުވަތަ ބަދަލެއްގެ ގޮތުގައި ދޭހަވަނީ އިންސާފު، ހަމަހަމަކަން ނުވަތަ ހަރުދަނާކަން އިތުރުކުރުމަށް ގެނެވޭ ބަދަލެކެވެ.
އިޞްލާޙީ ބަދަލުތަކަކީ ކުރިއެރުމުގެ ގޮތުގައި ދެކެވެއެވެ އަދި ރަނގަޅު، މުހިންމު ބަދަލެއް ކަމަށް ދެކެވެއެވެ. މިއީ ނިޒާމުގެ އުނިކަންތައްތައް ރަނގަޅު ކުރުމަށް، ޙައްޤުތައް ފުޅާކުރުމަށް، ނުވަތަ މުޖުތަމަޢުގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް ނިޒާމުތައް ރަނގަޅު ކުރުމަށް އަމާޒުކޮށްގެން ގެނެވޭ ބަދަލުތަކެކެވެ. އިޞްލާޙީ ބަދަލަކީ، އޭގެ ޒާތުގައި، މުޅި މުޖުތަމަޢުގެ ލާބައާއި މަންފާއަށް ކުރިއެރުން ހޯދުމަށް ކުރާ ކަމެކެވެ.
ޤާނޫނު އަސާސީއަށް ގެނެވޭ އިޞްލާޙުތަކަކީ ޤައުމެއްގެ ޤާނޫނުއަސާސީއަށް ގެނެވޭ ރަސްމީ ބަދަލުތަކެކެވެ. ޤާނޫނު އަސާސީތަކަކީ ސަރުކާރުގެ އޮނިގަނޑާއި، ރައްޔިތުންގެ ޙައްޤުތަކާއި، އަދި ދައުލަތް ހިންގުމުގައި ޢަމަލުކުރަންޖެހޭ ގަވާއިދުތައް ބަޔާންކޮށްދޭ އަސާސީ ޤާނޫނީ މަސްދަރެވެ.
ޤާނޫނު އަސާސީ އަށް ގެނެވޭ އިޞްލާޙުތަކުގެ ސަބަބުތައް ތަފާތު އެތައް ބަޔަކަށް ބެހިގެންވެއެވެ. އަދި އޭގެ މަގުސަދުތައް ތަފާތު ވެދާނެއެވެ. މީގެ ތެރޭގައި ޒަމާނާ ނުގުޅޭ މާއްދާތައް އަޕްޑޭޓްކުރުމާއި، އައު ސިޔާސީ އަދި އިޖުތިމާއީ ހާލަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން ބަދަލުތައް ގެނައުން ހިމެނެއެވެ.
ޤާނޫނު އަސާސީ އަށް ގެނެވޭ އިޞްލާޙެއްގެ މުހިންމުކަން ބަޔާންކޮށްދޭ ތަފާތަކީ އޭގެ މަޤްޞަދާއި އެއިން ގައުމަށް ނުވަތަ ރައްޔިތުންނަށް ކުރާނެ ސީދާ ނުވަތަ ނުސީދާ އަސަރެވެ. އިސްލާޙަކުން ޤާނޫނުގެ އަކުރުތައް ބަދަލުކުރި ނަމަވެސް، އެއީ މާނަވީ ގޮތެއްގައި ނިޒާމު ބަދަލުކުރުމުގެ ނުވަތަ ރަނގަޅުކުރުމުގެ ނިޔަތުގައި ކުރި ކަމެއްކަން ދައްކުވައިދޭ ކަމެއް ނޫނެވެ.
އެހެންނަމަވެސް، ޤާނޫނު އަސާސީ އަށް ގެންނަން ހުށަހަޅާ އިޞްލާޙެއްގައި، މުޖުތަމަޢުގެ ތެރެއިން އުފެދޭ ހަރަކާތެއްގެ ތެރެއިން ނުވަތަ ޖަމާއަތުގެ ބޭނުންތަކަށް އަމާޒުކުރެވޭ ކަމެއް އެކުލެވިގެންވާނަމަ، ނުވަތަ އެކަމަކީ އިންސާފު ޤާއިމުކުރުމާއި، ރައްޔިތުންގެ ހައްގުތައް އިތުރަށް ކަށަވަރުކުރަން ކުރާ ކަމެއް ނަމަ، އެއީ ހަގީގަތުގައިވެސް 'އިސްލާހެކެވެ'.
ޤާނޫނު އަސާސީ އަށް ޢަމަލުކުރުމާއި ޤާނުނުގެ ވެރިކަން ނެގެހެއްޓުމުގައި، މުޅި ދުނީޔޭންވެސް ނަން ހިނގާ އެއް ގައުމަކީ އެމެރިކާއެވެ. ދިވެހިރާއްޖޭގެ އަދުގެ ޤާނޫނުއަސާސީ އެކުލައިވަލަމުން ގެންދިޔަ ދުވަސްވަރު، ވެސް ކަންކަމުގެ މިސާލެއްގެ ގޮތުގައި ނަގައިފައިވަނީ އެ ގައުމެވެ. ދިވެހިރާއްޖޭގައި އޮންނަން ފެންނަނީ ވެރިކަމުގެ ކޮންކަހަލަ ނިޒާމެއްތޯ ކަނޑައެޅުމަށް ކުރެވުނު ބަހުސާއި، އެކަމުގައި ރައްޔިތުން ދެކޭގޮތް ބެލުމަށް 2007 ވަނަ އަހަރު ނެގުނު ފެންނަ ނުފެންނަ ވޯޓްގައިވެސް ރިޔާސީ ނިޒާމަށް ތާއީދުކުރި ފަރާތްތަކުން އެ ނިޒާމު ރަނގަޅުކަމަށް ރައްޔިތުންނަށް ވިސްނައިދިނުމަށް ޓަކައި މިސާލަކަށް ބޭނުންކޮށްފައިވަނީ އެމެރިކާއެވެ.
ކަން ދިމާކުރި ގޮތުން، ރައްޔިތުން ކަނޑައެޅީވެސް ރިޔާސީ ނިޒާމެވެ. ނަތީޖާއަކަށް ވީ، މުޅި ޤާނޫނު އަސާސީގައި، ދިވެހި ދައުލަތުގެ ނިޒާމު އެ މަގަށް ބައްޓަން ކުރުމެވެ.
ދިވެހީން މިސާލެއްގެ ގޮތުގައި ބެލި އެމެރިކާގައި ފުރަތަމަ ޤާނޫނު އަސާއީއެއް އެކުލަވައިލާ، އަމަލުކުރަން ފެށުނީ 1789 ވަނަ އަހަރުއެވެ. އެ ޤާނޫނު އަސާސީއަށް، މިއަދަށް 235 އަހަރު ވެގެން ދިޔައިރު، އިސްލާހު ގެނެސްފައިވަނީ ޖުމްލަ 27 ފަހަރުއެވެ.
ފުރަތަމަ 10 އިސްލާހަކީ، އިންސާނީ ހައްގުތަކާއި، މަދަނީ އަދި ސިޔާސީ ހައްގުތައް ކަށަވަރު ކުރުމަށް ގެނެވުނު އިސްލާހުތަކެވެ. ޖުމްލަކޮށް ކިޔާ ނަމުންނަމަ، 'ބިލް އޮފް ރައިޓްސް' އެވެ.
ދެންވެސް ގެނައީ ވަރަށް މުހިންމު ކަންކަމާގުޅޭ އިސްލާހުތަކެވެ.
މިސާލަކަށް، 13 ވަނަ އިސްލާހަކީ، އަޅުން ގެންގުޅުން ނުވަތަ 'ސްލޭވަރީ' މުޅި ގައުމުން މަނާކުރުމުގެ އިސްލާހެވެ.
19 ވަނަ އިސްލާހަކީ، ވޯޓް ދިނުމުގެ ހައްގު އަންހެނުންނަށް ދިނުމަށް ގެނައި އިސްލާހެވެ.
މިހެންވެސް، މުހިންމު އެތައް ކަމެކެވެ. މުޅިންވެސް، ހުރިހާ ރައްޔިތުންނާ ގުޅޭ އަދި މުޅި ގައުމުގެ ނުވަތަ ޖަމާއަތުގެ މަންފާއާއި ފައިދާއާގުޅުން ހުރި ކަންކަމެވެ.
ދިވެހިރާއްޖޭގައި ދުސްތޫރީ ޙުކޫމާތެއް ހިންގާން ފެށުމަށްޓަކައި އެންމެ ފުރަތަމަ ޤާނޫނޫ އަސާސީއެއް އިޢުލާނުކުރީ 1932 ވަނަ އަހަރުއެވެ. އެ ފަހުން އެތައް ޤާނޫނު އަސާސީ އެއް ލިބިގަނެ، ކިތަންމެ ފަހަރަކު ޤާނޫނު އަސާސީތައް އިސްލާހު ކޮށްފައިވެއެވެ.
މިހާރު އަމަލުކުރަމުން މިދާ ޤާނޫނޫ އަސާސީ ނުވަތަ 'ފެހި ޤާނޫނު އަސާސީ' އެކުލަވައިލައިފައި ވަނީ، މަލްޓި ޕާޓީ ނިޒާމު ތައާރަފް ކުރުމާއި، ރައްޔިތުންގެ އަސާސީ ހައްގުތައް ހޯދުމަށާއި، ދައުލަތުގެ ބަންދުގައި ތިބޭ މީހުންނަށް ކުރާ ލާއިންސާނީ އަނިޔާތައް ހުއްޓުވުމަށާއި، މިނިވަން އިންސާފުވެރި އިންތިހާބުތައް ހޯދުމަށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވަރަށް ގިނަ ދުވަހު ކުރި ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންނެވެ.
2008 ވަނަ އަހަރު ޤާނޫނުއަސާސީއަށް ޢަމަލު ކުރަންފެށި ފަހުން، މިހަތަނަށް ޖުމްލަ 5 ފަހަރު ބަދަލު ގެނެސްފައެވެ.
މިއިން ކޮންމެ ފަހަރަކު ބަދަލު ގެނެސްފައިވަނީ، ކޮންމެވެސް ސިޔާސީ އޮއިވަރެއްގައި ޖެހިގެން، ރައްޔިތުންނާ ސީދާ ގުޅުން ނެތް ކަންކަމުގައެވެ.
މިގޮތުން، މިސާލަކަށް ދަންނަވަންޏާ، 2015 ވަނަ އަހަރު ފުރަތަމަ ބަދަލު ގެނެސްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ މީހުންގެ އުމުރުގެ ޝަރުތު ބަދަލުކުރުމަށެވެ. ވަކި ބަޔަކަށް ރައީސްކަމަށް ކުރިމަތިލުމުގެ ފުރުސަތު ބަންދުކުރުމަށެވެ.
ދެވަނަ ބަދަލުވެސް ގެނައީ ހަމަ އެ އަހަރުއެވެ. އެއީ ބޭރުގެ ފަރާތްތަކަށް ދިވެހިރާއްޖޭން ބިން މިލްކުކޮށްދެވޭ ގޮތަށް ބަދަލުކުރުމަށެވެ.
ނަމަވެސް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު، 2018 ވަނަ އަހަރު މި މާއްދާ އުވާލައި، ކުރިން އޮތް ގޮތަށް އިސްލާހުކޮށް، ބޭރުގެ ފަރާތްތަކަށް ދިވެހިރާއްޖޭން ބިން މިލްކު ނުކުރެވޭ ގޮތަށް ބަދަލުކުރިއެވެ.
ދިވެހިރާއްޖޭގައި ދުސްތޫރީ ޙުކޫމާތެއް ހިންގާން ފެށުމަށްޓަކައި އެންމެ ފުރަތަމަ ޤާނޫނޫ އަސާސީއަކަށް ޢަމަލުކުރަން ފެށިތާ ބަރާބަރު 92 އަހަރު ފަހުން، އަދި މި ޤާނޫނު އަސާސީއަށް ޢަމަލު ކުރަންފެށިތާ 16 އަހަރު ފަހުން، މިއަދު މި ވަނީ ޤާނޫނު އަސާސީ އަށް ބަދަލެއް ގެނައުމަށް ހުށަހަޅައިފައެވެ. ސަރުކާރުގެ ފަރާތުންނެވެ. ރައްޔިތުންނަކާ ނުވަތަ ޖަމާއަތާ ގުޅުން ހުރި ކަމެއްގައެއް ނޫނެވެ. ސަރުކާރުގެ ބޭނުމަކަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލު ކޮށްފިނަމަ މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާ ދިނުން ލާޒިމުވާ، އެންޓި-ޑިފެކްޝަން ޤާނުނުގެ މާއްދާތަކެއް ބާތިލު ކުރުމަށް އަމިއްލަ ފަރާތަކުން ހައިކޯޓަށް މައްސަލައެއް ހުށަހެޅި ޚަބަރު ލިބުމާއެކު، ހައިކޯޓުން އެ މާއްދާ ބާތިލުކޮށް، ސަރުކާރުގެ ޕާޓީގެ މެންބަރުންތަކެއް އެ ޕާޓީއާ ދުރަށް ހިނގައިދާނެ ކަމުގެ ބިރަށް ޓަކައި، އެއްވެސް މެންބަރަކަށް ޕާޓީ ބަދަލު ނުކުރެވޭނެ ގޮތަށް، ޤާނޫނު އަސާސީގައި ފަލަ އަކުރުން "ކަނޑައި ނަގަން" އެ އުޅުއްވަނީ ރައީސުލްޖުމްހޫރިއްޔާގެ އެދުމަކަށެވެ.
އެހެންކަމުން، އެއީ ރައްޔިތުންގެ ކަމެއް އިސްލާހު ކުރުމަށް ކުރާ ކަމެއް ނޫނެވެ. ކަމެއް ބަދަލު ކުރަން އުޅޭ ކޮންމެ ފަހަރަކު، އެކަމަކީ، އިސްލާހު ކުރުމެކޭ ނުކިޔޭނެއެވެ.
ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމާއި، އަދި މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށް ޤާނޫނުއަސާގެ 4 ވަނަ މާއްދާގައި ސަރީޙަކޮށް ކަނޑައަޅައި ބަޔާން ކޮށްފައިވީ ނަމަވެސް، މިކަމަކާ ރައްޔިތުންނަކާ ގުޅުމެއް ނެތެވެ.
ގައުމުގެ ވެރިމީހާގެ ބާރު ރައްޔިތުންގެ މަޖިލީހުގައި މި ވަގުތު އޮތަތީ، ހިތްފުޅަށް އަރައިވަޑައިގެންނެވީތީ ކުރަނީއެވެ. ރައްޔިތުން ގާތު ހޭވެސް އަހަނުލި ތަނުގައި، ޤާނޫނު އަސާސީގެ މި ދެންނެވި މާއްދާއަށް ވެސް ބައްލަވައިލެއްވުމެއް ނުވަތަ ފަރުވާލެއް ނުބަހައްޓަވައެވެ.
އެހެންކަމުން، އެއީ ގައުމުގެ ހާލަތު ރަނގަޅު ކުރުމަށް ނުވަތަ ރައްޔިތަކަށް ހެޔޮގޮތް ހޯދައިދޭން ކުރާ ކަމެއް ނޫނެވެ. ކަމެއް ބަދަލުކުރަން އުޅޭ ކޮންމެ ފަހަރަކު ނިޔަތްވެސް ރަނގަޅު ނުވެދާނެއެވެ.
ޚުލާޞާކޮށް ބުނާނަމަ، އިސްލާހަކީ، ހަޤީޤަތުގައިވެސް ހުރިހާ ރައްޔިތުންނަށް ލާބައާއި މަންފާއާއި ކުރިއެރުން ގެނެސްދޭ އިސްލާހުތައް އެކަންޏެވެ.
ޤާނޫނަށް ގެންނަ ކޮންމެ އިޞްލާޙަކީ އިޞްލާހެއް ނޫނެވެ.