ކ. މާލެ
|
5 ފެބްރުއަރީ 2025 | ބުދަ 18:30
އެމްޑީޕީގެ "ފުދިއްޖެ، ފުނޑިއްޖެ" ރެލީގެ ތެރެއިން
އެމްޑީޕީގެ "ފުދިއްޖެ، ފުނޑިއްޖެ" ރެލީގެ ތެރެއިން
ރާއްޖެއެމްވީ
އެމްޑީޕީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
އެތައް ބައެއްގެ ގުރުބާނީއާއި އެތައް ބުރަ މަސައްކަތަކުން ރާއްޖެއަށް ގެނައި ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމް ހަލާކުވެ ތިންބާރު އެއްވެ ގަދީމީ ޚުދުމުހުތާރު ވެރިކަމުގެ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމް އަލުން ބަދަލު ވުމަކީ އެމްޑީޕީ އާއި އެމްޑީޕީގެ މެމްބަރުންނަށް ބަލައިގަނެވޭނެ ކަމަކަށް ނުވިއެވެ.

މީހުން ބުނަނީ އެމްޑީޕީ އަކީ ވަނަމަކަށް ކިޔާ ނަމެއް ނޫން ކަމަށެވެ. މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ނަމުގައި އޮންނަ ޑިމޮކްރެޓިކް އެއީ ވެސް ހަމަ ޖަހަންވެގެން ޖަހާފައި އޮންނަ ބަހެއް ނޫން ކަމަށެވެ. ސަބަބެއް ކަމުގައި އެމީހުން ބުނަނީ ރާއްޖޭގެ ޑިމޮކްރަސީއަށް ހުރަސް އެޅޭ ކޮންމެ ފަހަރަކު ނުކުންނަނީ އެމްޑީޕީ ކަމަށް ވާތީ ކަމަށެވެ.

އެމީހުން ފުރަތަމަ ނުކުތީ ވަތަން އެދޭ ގޮތަށެވެ. އެމީހުން ފުރަތަމަ ކީ ލަވައަކީ ވެސް ވަތަން އެދޭގޮތަށް ދަމާހެ ހެޔޮ ހިތުން މި ޖާނުދޭން މި ލަވައެވެ. ދެން އެމީހުން ކިޔާ އުޅުނީ ގުލްޒާރުގައި ނަޔާ މަގޭ ނޫރާނީމާ ފޮޅޭނެއޭ މި ލަވައެވެ. މިއިން ކޮންމެ ލަވައަކުން ވެސް އެމީހުން ބުނެދެނީ ރައްޔިތުންގެ އިހުސާސްތަކެވެ. ރައްޔިތުންގެ ވާހަކަތަކެވެ. އިއްވައިދެނީ ރައްޔިތުންގެ އަޑުތަކެވެ. ފަރުދުންގެ މިނިވަންކަމާ ހަމަ އިސްކޮޅަށް ތެދުވުމާ އަސާސީ ހައްގުތަކުގެ ވާހަކައަކީ އެމްޑީޕީގެ އަނެއް މާނައެވެ.

މިނިވަންކަމާއެކު ބަސްބުނުމާ އެމީހަކު ބޭނުން ޚިޔާލެއް ފާޅުކުރުމާއި، ހައްގު މިންވަރު ހޯދުމުގެ ވާހަކަ އަކީ ވެސް އެމްޑީޕީގެ އަސާސެވެ. ގައުމުގައި ޚުދު މުހުތާރު ވެރިކަމުގެ ސިފަތައް އަށަގަންނަ ކޮންމެ ފަހަރަކު އެކަން ނައްތާލަން އެމީހުން ނުކުންނަނީ މި ދެންނެވި އަސާސްތަކުގެ މަތީގައެވެ. އެއީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބައެކެވެ.

މިހާރު ވެސް ކުރިމަތިވެގެން މިއުޅެނީ އެ ޒާތެއްގެ ކަންތައްތަކެވެ. 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު، ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންގެ މިނިވަންކަމާ އަސާސީ ހައްގުތައް ނިގުޅައިގަނެ ރައްޔިތުން ތަމްސީލު ކުރުމަށް އިންތިޚާބުކޮށްފައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ ބާރުތައް ކަނޑުވާލާ އެބާރަށް ވެރިކަން ހިންގުމުގެ ބާރުން އަރައިގަނެ ސަރުކާރުގެ މުށުތެރެއަށް ރައްޔިތުންގެ މަޖިލިސް ލައި ގާނޫނު އަސާސީ ހިތުހުރި ގޮތަކަށް ބަދަލު ކުރަމުން މިގެންދަވަނީ އެވެ. މަޖިލީހުގެ ސުޕަރ މެޖޯރިޓީގެ ނާޖާއިޒު ބޭނުން ހިފައިގެން ގާނޫނު އަސާސީ ބަދަލު ކޮށްލަނީ ލޯމަރާ ލޯހުޅުވާލާހާ އަވަހަށެވެ. ރައްޔިތުންގެ މަޝްވަރާ އެއް ލަފައެއް ބޭނުމެއް ނުވެއެވެ. ރައްޔިތުންގެ އަތުގައި އޮތް ބާރުތައް ނަގާ އެންމެ މީހެއްގެ މުށުތެރެއަށް ހެޔޮވަރު ކޮށްލަނީއެވެ. އެއީ ދިވެހިން ގަބޫލު ކުރާނެ ގޮތެއް ނޫނެވެ. ބާރުތައް ފެށިގެން އަންނަނީވެސް ދެމި އޮންނާނީ ވެސް ރައްޔިތުންގެ އަތުގައި ކަމަށް ދިވެހިން އޮތީ ކަނޑައަޅާ ނިންމާފައެވެ. މި މުގައްދަސް އަސާސް ފުނޑިގެންދާ އިރު މިކަމުގައި ވެސް އަނެއްކާ ވެސް އެ ތެދުވީ ހަމަ އެ އެމްޑީޕީއެވެ. އެތައް ބައެއްގެ ގުރުބާނީއާއި އެތައް ބުރަ މަސައްކަތަކުން ރާއްޖެއަށް ގެނައި ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމް ހަލާކުވެ ތިންބާރު އެއްވެ ގަދީމީ ޚުދުމުހުތާރު ވެރިކަމުގެ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމް އަލުން ބަދަލު ވުމަކީ އެމްޑީޕީ އާއި އެމްޑީޕީގެ މެމްބަރުންނަށް ބަލައިގަނެވޭނެ ކަމަކަށް ނުވިއެވެ.

ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. ގާނޫނުއަސާސީގައި ލިޔެފައި އޮންނަނީ ޖޯކަކަށް ނޫންކަން އެމްޑީޕީގެ މެމްބަރުން އަބަދުވެސް ގަބޫލު ކުރެއެވެ. ޖަވާބުދާރީ ކުރުވުމާ ސަރުކާރު ޒިންމާދާރު ކުރުވުމަކީ ފަރުދީ ޒިންމާއެއްގެ ގޮތުގައި އެމްޑީޕީގެ ކޮންމެ މެމްބަރަކުމެ ގަބޫލު ކުރެއެވެ. އެކަމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް އެމީހުން ކުރެއެވެ. މުޒާހަރާ ކުރަން ޖެހުނަސް ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގަން ޖެހުނަސް އިހުތިޖާޖު ކުރަން ޖެހުނަސް އެއިން ކޮންމެ ކަމެއް އެމީހުން ކުރަނީ ހިތާ ރޫހުންނެވެ. އެއްވަން ޖެހުނު ކޮންމެ ތަނަކަށް އެމީހުން އެއްވަނީ ސާބިތުކަމާ ކެރިގެންނެވެ. އެކަމުގައި ބިރުގަތުމެއް ފަހަށް ޖެހުމެއް އެމީހުންގެ ނުހުރެއެވެ.

އެއްވަން ޖެހެނީ ރައްޔިތުންގެ މަޖިލިސް ދޮށަށް ކަމުގައި ވިއަސް އަޑު އިއްވަންޖެހެނީ ރައީސުލްޖުމްހޫރިއްޔާ އަށް ކަމުގައި ވިޔަސް އެމީހުން ތިބެނީ އެކަމުގައި ދަމާ ރޮއްޖަކަށް ފޫގަޅައިގެންނެވެ. އެމްޑީޕީ އެމީހުންނަށް ކިޔަނީ އެހެންވެގެންނެވެ.

- ކޮމެންޓް