ކ. މާލެ
|
15 އޮކްޓޯބަރ 2024 | އަންގާރަ 16:27
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު
ރާއްޖެ އެމްވީ
ރައީސް ޑރ މުއިއްޒުގެ ވެރިކަން
ރައީސް މުއިއްޒުގެ ވެރިކަމަކީ ޑިމޮކްރަޓިކް ވެރިކަމެއްތޯ ނުވަތަ 'ވަން މޭން ޝޯވް' އެއް ތޯ؟
ސުވާލަކީ ރާއްޖޭގައި މިހާރު ހިނގަނީ ތިންބާރު ވަކިވެފައިވާ ޑިމޮކްރަޓިކް ވެރިކަމެއްތޯއެވެ؟ ނުވަތަ ނޯތު ކޮރެއާގައި ހިންގާ ކަހަލަ ވަން މޭން ޝޯވ އެއްތޯއެވެ؟ ކަންއޮތީ މިހެން ކަމުގައިވާނަމަ އެތައް ބަޔަކަށް އެތައް އަނިޔާއެއް ލިބި، އެތައް ބަޔަކު ޖަލަށް ލެވި، އެތައް ބައެއްގެ މުދާ ނެގެވި، އެތައް މަސައްކަތަކުން ދިވެހިން ހޯދި ޑިމޮކްރަސީ އަކީ މިއީ ކަމުގައި ބުނެ ނިންމާލެވިދާނެއެވެ. ނިޒާމެއް ގޯހެއް ނުވާނެއެވެ. މުވައްސަސާ ތަކެއްވެސް ގޯހެއް ނުވާނެއެވެ. ގޯސްވާނީ ވެރިކަން ކުރައްވަން ހުންނަވާ ބޭފުޅަކު ކަންކަން ގޯހުން ގޯހަށް ގެންދެވީމައެވެ. ރައީސް މުއިއްޒުގެ ސަރުކާރު މިފެންނަނީ މިކަހަލަ ގޮތަކަށް ދާތަނެވެ.

ރާއްޖެއަށް ޑިމޮކްރަސީ ދިވެހިން ގެނައީ ފޮނި އުއްމީދެއްގައެވެ. އެތައް ބައެއްގެ ބުރަ މަސައްކަތާއި އެތައް ބައެއްގެ އެތައް ގުރުބާނީއަކުންނެވެ. ބޭނުމަކީ ތަހުޒީބު ޤައުމެއް ލިބުމެވެ. ބެސްޓް ޕްރެކްޓިސްއާ ޑިއު ޕްރޮސެސް ހިނގާ ޤައުމެއްގައި ދިރިއުޅުމެވެ. ހައްޤުތައް ކަށަވަރުވެފައިވާ ހަމަހަމަ ޒަމާނެއް ދުށުމެވެ.

ކޮންމެއަކަސް މި އުއްމީދުގައި ދިވެހިން ގެނައި ޑިމޮކްރަސީގައި ޕާޓީތަކުން ވެރިކަން ކުރަމުން އައިސް މިއަދު ތިބެވުނު ހިސާބު ހުއްޓިފައި ބަލާލުމުން ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. އެތައް މަސައްކަތަކުން ގެނައި ޑިމޮކްރަސީ ފަހަތަށް ދާ ތަނެވެ. ތިންބާރު ވަކިވެފައިވާ ވެރިކަމުގެ ނިޒާމު ފުނޑުފުނޑުވެ، އެއްބާރަކަށް ވާ ތަނެވެ. ޖަވާބުދާރީ ކުރުވުމާއި، ޒިންމާދާރުކުރުވުން ގެއްލި، ޚުދުމުހުތާރު ސިފަތަކެއް ވެރިކަމުގެ ނިޒާމުގައި އަށަގަންނަމުން ދާ ތަނެވެ. ހުރިހާ ބާރެއް ރައީސްގެ އަތްޕުޅަށް ނަންގަވައި އެކްސްގައި ކުރައްވާ ޕޯސްޓަކުން ޤައުމު ހިންގަވާ ތަނެވެ. ވަޒީރުންގެ މަޖިލީހުގެ ބޭނުމެއް ނެތެވެ. ވަޒީރުންގެ ވެސް ބޭނުމެއް ނެތެވެ. އެމީހުންގެ އާރެއް ބާރެއްވެސް ނެތެވެ. މަޝްވަރާކުރުމާއި ޑިއު ޕްރޮސެސްގެ އުސޫލުން ކަންކަން ހިންގުމަކީ ރައީސަށް ބީރަށްޓެހި އެއްޗަކަށްވެ، ހުރިހާ ކަމެއް ބަދަލުވެއްޖެއެވެ.

ބައެއް މީހުން ބުނެއުޅޭ ބައެއް މިސާލުތައް ދަންނަވަންތޯއެވެ؟ ރޭވެފައި އަލި ވިލުނިއިރު އެކްސްގައި ކުރެއްވި ޕޯސްޓަކުން ވަކި ސީސީއަކުން މަތީގެ ކާރު އެތެރެކުރުން މަނާވެއްޖެއެވެ. ބައެއް ކަހަލަ އުޅަނދު މަގުމަތީގައި ދުއްވުން މަނާވެއްޖެއެވެ. ބަޔަކަށް ދިފައި އޮތް ބިމެއް އެމީހުންގެ އަތުން ނެގިއްޖެއެވެ. އޭރު ޓްރާންސްޕޯޓް މިނިސްޓަރު ހުންނެވީ ވާނުވާގައެވެ. އެކަން ހިނގިގޮތް އެނގިވަޑައިވެސް ނުގަންނަވާ ހާލަތުގައެވެ. އެހެން މިސާލެއް ދަންނަވަންތޯއެވެ؟ އެކްސްގައި ކުރެއްވި ޕޯސްޓަކުން ވޭޕް މަނާވެއްޖެއެވެ. ޓެކްސް ބޮޑުވެއްޖެއެވެ. އަދިވެސް އެހެން ވާހަކައެއް ދަންނަވަންތޯއެވެ؟ މަޖިލީހުގެ ކޮމެޓީއަކުން ހެނދުނު ނިންމި ނިންމުން ރައީސް ބޭނުންފުޅުވެގެން އެކޮމެޓީން އަނެއްކާ މެންދުރު ބަދަލުކޮށްފިއެވެ. މިއީ އަދި ބައެއް މިސާލުތަކެވެ. ރަށު ތެރޭގައި ދައްކާ ބައެއް ވާހަކަތަކެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ މަޖިލީހުގެ ބާރަކީ ކޮބައިތޯއެވެ؟ މަޖިލިސް ހިންގަނީ ކާކުތޯއެވެ؟ ޤާނޫނުތައް ކޮބައިތޯއެވެ؟ ވަޒީރުންގެ މަޖިލީހާ ބެހޭ ޤާނޫނުން ވުޒާރާތަކަށާއި ވަޒީރުންނަށް ލިބިދޭ ބާރުކޮބައިތޯއެވެ؟ ކޮންމެ ސަރުކާރަކުން ވިޔަސް ރަނގަޅަށް ކުރާކަމެއް ރަނގަޅެވެ. ވޭޕް މަނާކުރުމަކުން މައްސަލައެއް ނެތެވެ. ޓެކްސް ބޮޑު ކުރުމަކުން މައްސަލައެއް ނެތެވެ. ބައެއް ކަހަލަ އުޅަނދު ރާއްޖެ އެތެރެކުރުން މަނާކުރުމަކުން ވެސް މައްސަލައެއް ނެތެވެ. އެކަމަކު، ކަންކަން މަނާކުރުމާ ހުއްދަކުރުމަށް އޮންނަ ޑިއު ޕްރޮސެސް ކޮބައިތޯއެވެ؟ މަޝްވަރާކުރުން ކޮބައިތޯއެވެ؟ އެއީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ހިއްޕުޅަށް އަރާވަޑައިގަންނަ ވަގުތު ހިތްޕުޅަށް އަރާވަޑައިގެންނެވި ގޮތަކަށް ކޮށް ނިންމަން ހުންނަ ކަންކަންތޯއެވެ؟ ރައްޔިތުންގެ ޓެކްސް ފައިސާއިން މަހަކަށް 80 ހާހަށް ވުރެ ގިނަ ރުފިޔާ ދީފައި މަޖިލިސް މެމްބަރުން ހޮވަނީ ރައީސަކަށް ހުންނަވާ ބޭފުޅެއްގެ ފިހިގަނޑު ބުމަރަކަށް ވާންތޯއެވެ؟ އެއިން ކޮންމެ މެމްބަރެއްގެ ލަގަން އޮންނަންޖެހެނީ ރައީސްގެ އަތްޕުޅުގައިތޯއެވެ؟

ކަންކަން މިހެން ހިނގަން ފެށުމުން ހަނދާނަށް އަންނަނީ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އެވެ. ޒިމްބާބްވޭ ގެ ކުރީގެ ރައީސް ރޮބަރޓް މުގާބޭ އެވެ. މިބޭބޭފުޅުންނަކަށް ރައްޔިތުންގެ މަޖިލީހެއް، ވަޒީރުންގެ މަޖިލީހެއް، މިނިވަން މުވައްސަސާތަކެއް، ނޫސްވެރިކަމެއް މުހިއްމެއް ނޫނެވެ. ޤާނޫނަކީ އެބޭބޭފުޅުންގެ ބަހެވެ.

މީހަކު ބުނާތީ އެހީމެވެ. ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ އިޖުރާޢަތަކީ ރައީސް މުއިއްޒުގެ ހިތްޕުޅެވެ. އެދިވަޑައިންނެވި ކަމެއް، އެދިވަޑައިންނެވި ވަގުތަކު ކުރުން ނޫން އެހެން ޒިންމާއެއް އެމީހުންގެ މައްޗަކަށް ނެތެވެ. ފަހަރުގައި އެއީ މެމްބަރުންނަށް ލިބިވަޑައިންނަވާ މުސާރައިގެ އިތުރުން ރައީސް އަމިއްލަފުޅަށް ކޮންމެ މަހަކު އެމީހުންނަށް ފައިސާ ދެއްވާތީ ކަމަށްވެސް ވެދާނެއެވެ. އެހެން އިބާރާތަކުން ދަންނަވަނީނަމަ މީހުން އެބުނާ ގޮތަށް މެމްބަރުން ރައީސަށް ވިކިފައި ތިބީމާ ކަމަށްވެސް ވެދާނެއެވެ. ހެނދުނު ހުށަހަޅާ ބިލު ހުރިހާ މަރުހަލާއެއް ނިންމާ އެއް ދުވަސް ތެރޭގައި ބިލު ފާސްކުރަނީވެސް ރައީސް ބޭނުންފުޅު ވުމުންނެވެ. ކޮމެޓީގައި އޮންނަތާ ހަތަރު މަސްވީ އިޒްރޭލު ޕާސްޕޯޓު މަނާކުރާ ބިލު ކޮމެޓީގައި އެއޮތީ ރައީސް އެގޮތަށް ބޭނުންފުޅު ވާތީ އެވެ. ސުވާލަކީ ރާއްޖޭގައި މިހާރު ހިނގަނީ ތިންބާރު ވަކިވެފައިވާ ޑިމޮކްރަޓިކް ވެރިކަމެއްތޯއެވެ؟ ނުވަތަ ނޯތު ކޮރެއާގައި ހިންގާ ކަހަލަ ވަން މޭން ޝޯވ އެއްތޯއެވެ؟ ކަންއޮތީ މިހެން ކަމުގައިވާނަމަ އެތައް ބަޔަކަށް އެތައް އަނިޔާއެއް ލިބި، އެތައް ބަޔަކު ޖަލަށް ލެވި، އެތައް ބައެއްގެ މުދާ ނެގެވި، އެތައް މަސައްކަތަކުން ދިވެހިން ހޯދި ޑިމޮކްރަސީ އަކީ މިއީ ކަމުގައި ބުނެ ނިންމާލެވިދާނެއެވެ. ނިޒާމެއް ގޯހެއް ނުވާނެއެވެ. މުވައްސަސާ ތަކެއްވެސް ގޯހެއް ނުވާނެއެވެ. ގޯސްވާނީ ވެރިކަން ކުރައްވަން ހުންނަވާ ބޭފުޅަކު ކަންކަން ގޯހުން ގޯހަށް ގެންދެވީމައެވެ. ރައީސް މުއިއްޒުގެ ސަރުކާރު މިފެންނަނީ މިކަހަލަ ގޮތަކަށް ދާތަނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް