ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރަން އައްޔަންކުރި މެމްބަރުން ތިބީ ރައީސްގެ ޖީބުގައި ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އައިކު އަހުމަދު އީސާ ވިދާޅުވެއްޖެއެވެ.
އޭނާ އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެމްޑީޕީ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އޭނާ އެފަދައިން ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ލިބޭ ހައްގުތައް ހަނިކުރަމުންދާއިރު އެކަމާއި މެދު މަޖިލިސް މެމްބަރުން ބަހެއް ނުބުނެ ތިބޭތީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކޮށް ވާހަކަދައްކަވަމުންނެވެ. އެގޮތުން ބުރާސްފަތި ދުވަހު މަޖިލީހަށް ހުށަހަޅާފައިވާ 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ގާނޫނު' މެދުވެރިކޮށް ނޫސްވެރިންނަށް ލިބޭ ހައްގުތައް ހަނިކުރާތީ އެކަމާއި މެދު އައިކު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެއީ މިނިވަން ނޫސްވެރިކަމުގެ ނިމުންކަމަށް ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެ ބިލާއި ގުޅިގެން ރާއްޖޭގެ ނޫސްވެރިކަމަށް ތައުޒިޔާ ކިޔަންޖެހިފައިވާ ކަމަށެވެ. މި ބިލް ފާސްވެއްޖެ ނަމަ ރާއްޖޭގައި މިނިވަން ނޫސްވެރިކަމެއް ނުއެއް އޮންނާނެ ކަމަށް އައިކު ވިދާޅުވިއެވެ. މިހާރު މިދާ ގޮތަށް ކަންކަން ދާނަމަ ނޫސްތައް ޖޫރިމަނާކޮށްކޮށް ބަނގުރޫޓްވާނެ ކަމަށާއި ނޫސް އެޖެންސީތަކުގައި ރޯކުރާތަން ފެނުމަކީ ވެސް މާ ދުރުކަމެއް ނޫން ކަމަށް އައިކު ވިދާޅުވިއެވެ.
މިކަމުގެ އެންމެ ބޮޑު ބިރަކީ ކޮބައިކަން އަޅުގަނޑު ބޭނުން ހިއްސާކޮށްލަން. މިއީ އަދި މާ މާ ބިރުވެރިކަމެއް. ސަރުކާރުން އެ ބޭފުޅުންނަށް ފައިދާ ހުރި ބިލްތައް އަބަދުވެސް މަޖިލީހަށް ހުށަހަޅާ. އެކަމަކު މީގެ ކުރިން މަޖިލީހުގައި އެ ތިއްބަވާ މެމްބަރުން އަބަދުވެސް އެ ބިލްތައް ރަނގަޅަށް ދިރާސާކުރައްވާ އެ ބިލްތަކުގައި އެކުލެވެނީ ރައްޔިތުންގެ މަސްލަހަތުކަން ޔަޤީންކުރައްވާ. މިއަދު އޭޖީ އޮފީހުން މަޖިލީހަށް ބިލް ފޮނުވީމައި ކިޔާވެސް ނުލާ އޮތް ގޮތަށް ފާސްކޮށްލަނީ. ތިބޭފުޅުންގެ ހައްގުގާ މަސައްކަތްކުރަން ތިބޭފުޅުންގެ ވޯޓުން ހޮވި މަޖިލިސް މެމްބަރުން މިހާރު ތިއްބެވީ ރައީސުލްޖުމްހޫރިއްޔާގެ ޖީބުގައި. ރައީސް ހީފުޅުކުރައްވަނީ ކަންނޭނގެ އެ މެމްބަރުން ޖީބަށް ލާހާ ފަސޭހައިން މިނިވަން މުއައްސަސާތައް ވެސް ޖީބަށް ލެވޭނެއޭ.އެމްޑީޕީގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އައިކު އަހުމަދު އީސާ
އައިކު ވަނީ އެމްޑީޕީ ރާއްޖޭގައި އޮތްހާ ހިނދަނކު ރައީސް މުއިއްޒު ކުރައްވާ ގަޑުބަޑުކުރުން ކުރިއަށް ގެންދަން ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވެފައެވެ. އާއްމުން ކަންކަމާއި ނުރުހިގެން ޚިޔާލުފާޅުކުރުމަށް މަގުމައްޗަށް ނުކުންނަން ފަށާފައިވާ ކަމަށާއި ސަރުކާރުން ތިބީ އެކަމާއި މެދު ވަރަށް ބިރުން ކަމަށް ވެސް އައިކު ވިދާޅުވިއެވެ. އައިކު ވަނީ މިނިވަން މުއައްސަސާތަކާއި، މެމްބަރުންނަށް ނުފޫޒު ފޯރައިގެން ނިންމާލީ އެކަނި ނޫން ކަމަށާއި އެ ނޫން ގޮތްގޮތަށް ވެސް ސަރުކާރުން ދަނީ ތަފާތު އެކި ގޮތްގޮތަށް ނުފޫޒު ފޯރުވަމުން ކަމަށް އައިކު ވިދާޅުވިއެވެ. އައިކު ވަނީ ކަންކަމާއި ގުޅޭ މައުލޫމާތު ހޯދަން އާރްޓީއައި ހުށަހެޅުމުން ވެސް އެ މައުލޫމާތު ނުދޭނެ ކަމަށް ފާޅުގައި ބުނަމުންދާތީ އެކަމަށް ފާޑު ވިދާޅުވެފައެވެ. މިއީ ހާމަކަން ކުޑަ، ދޮގު ހަދާ ސަރުކާރެއް ކަމަށް އައިކު ވިދާޅުވިއެވެ. މިއަދު ރާއްޖެއަކީ ޒުވާނުންނަށް ވެސް ދިރިއުޅެން އުނދަނގޫ ޤައުމަކަށް ހަދާފައިވާ ކަމަށް ވެސް އައިކު ވިދާޅުވިއެވެ.