ކ. މާލެ
|
30 ޖެނުއަރީ 2025 | ބުރާސްފަތި 19:31
ކުރީގެ ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް
ކުރީގެ ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް
ޕީއެންސީ
ކުރީގެ ޓުއަރިޒަމް މިނިސްޓަރު ފައިސަލްގެ ބަޔާން
މަޤާމުން ވަކިކުރުމުން ފައިސަލްގެ ބަޔާނެއް - ވަކިކުރި ސަބަބާއި މެދު އެއްޗެއް ވިދާޅެއް ނުވި
ފައިސަލްގެ ބައްޕާފުޅު އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މަޤާމުން ވަކިކުރައްވާނެތީ ހަނު ހުންނަވަން ޚިޔާރުކުރެއްވުންތޯ ވެސް ފާޑުކިޔާ ފަރާތްތަކުން ސުވާލު އުފައްދާ
އޭނާ ވަނީ ގައުމަށް ޚިދުމަތްކުރުމުގައި އަބަދުވެސް ދެމި ހުންނާނެ ކަމަށް އެ ބަޔާނުގައި ވިދާޅުވެފަ
ޓުއަރިޒަމް ސިނާއަތަކީ ރާއްޖެއަށް އެންމެ ބޮޑު އާމްދަނީ އެއް ވަންނަ ސިނާއަތަށް ވާއިރު އެމްއެމްޕީއާރްސީގެ ބަޖެޓް 25-50 މިލިއަން ޑޮލަރުގެ އަދަދަކަށް ބަދަލުވާން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ޓުއަރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް އޭނާ ފަތުރުވެރިކަމުގެ ސިނާއަތާއި މެދު ގެންގުޅުއްވި ތަސައްވުރުތަކާއި ޚިޔާލުތައް ހާމަކުރައްވާ ބަޔާނެއް ހާމަކުރައްވައިފިއެވެ.

އެ ބަޔާން އޭނާ ހިއްސާކުރައްވާފައި ވަނީ އޭނާގެ މީސްމީޑިއާ އެކައުންޓްތަކުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު އުފެދި، ނޮވެމްބަރު 17، 2023ގައި އެ މަނިކުފާނުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނުމަކީ ލިބިވަޑައިގަތް ޝަރަފެއް ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ. އަދި ޖެނުއަރީ 28ގައި އޭނާ މަޤާމުން ވަކިކުރުމާއި ހަމައަށް އާއްމުންނަށް ޚިދުމަތް ކުރުމަށް ފުރުސަތު ދެއްވުމަކީ ފަޚުރުވެރިވާ ކަމެއް ކަމަށް ފާހަގަކުރައްވާ ރައީސް މުއިއްޒު އަށް ފައިސަލް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

30 ޖެނުއަރީގައި އާއްމު ކުރި އެ ބަޔާނުގައި އޭނާ ކެބިނެޓުން ވަކިކުރި ސަބަބާއި މެދު އެއްވެސް މިންވަރަކަށް ވާހަކަދައްކަވާފައެއް ނުވެއެވެ. އެންމެ ގިނަ އާއްމުން ބަލަން ބޭނުންވީ ކުއްލި ގޮތަކަށް އޭނާ މަޤާމުން ވަކިކުރި ސަބަބު ކަމަށް ވީނަމަވެސް އެއިން ކަމެއް އޮޅުންފިލުވާ ދެއްވާފައެއް ނުވެއެވެ. މި ބަޔާނާއި އެކު ފައިސަލް އޭނާ މަޤާމުން ވަކިކުރުމުން އެއްވެސް އެއްޗެއް ވިދާޅުނުވާ ސަބަބާއި މެދު އާއްމުން ވަނީ ސުވާލު އުފައްދަން ފަށާފައެވެ. އެއީ ފައިސަލްގެ ބައްޕާފުޅު އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މަޤާމުން ވަކިކުރައްވާނެތީ ހަނު ހުންނަވަން ޚިޔާރުކުރެއްވުންތޯ ވެސް ފާޑުކިޔާ ފަރާތްތަކުން ސުވާލު އުފައްދައެވެ.

ފައިސަލް ވިދާޅުވީ އޭނާ އާއި ހަވާލުކުރި މަސައްކަތްތައް ކުރައްވާފައިވާނީ އިޚުލާސްތެރިކަމާއި ޝައުގުވެރިކަމާއި އެކު އޭނާގެ ޤާބިލްކަން ދިން އެންމެ ރަނގަޅަކަށް ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ އަމާޒުތަކަށް ވާސިލްވުމަށް ދުނިޔޭގެ ފަތުރުވެރިކަމަށް ބަލައިގެން މަސައްކަތް ކުރައްވާފައިވާނެ ކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އޭނާ އިތުރަށް ވިދާޅުވީ މިދިޔަ އަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ 2 މިލިއަން ފަތުރުވެރިންގެ ލަނޑުދަނޑި ހާސިލްކުރެވިފައިވާ ކަމަށާއި އެއީ ތަރީޚީ ކަމިޔާބެއް ކަމަށެވެ. ފައިސަލް ވަނީ އެ އުފާ ދިވެހިންނަށް ހޯދާދޭން ޓުއަރިޒަމް ސިނާއަތުގެ އަޑު އަހާފައިވާނެ ކަަމަށާއި ރައްޔިތުންގެ ފާޑުކިޔުންވެސް ބަލައިގަންނަ ކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތުންގެ ފާޑުކިޔުމަކީ އޭނާ އަށް ކުރިއަށް ދިއުމަށް ލިބުނު އިތުރު ގަދަ ހިތްވަރެއް ކަމަށް ފައިސަލް ވިދާޅުވިއެވެ.

އެ ބަޔާނުގައި ފައިސަލް ވަނީ ފަތުރުވެރިކަމުގެ ވަޒީރުގެ ގޮތުގައި ހުންނެވި އިރު ރައީސާއި އެ ވުޒާރާގެ މުވައްޒަފުންގެ ފަރާތުން އެއްބާރުލުން ލިބުނު ކަމަށް ފާހަގަކުރައްވާފައެވެ. އަދި އެ ސިނާއަތުގެ ސްޓޭކްހޯލްޑަރުން ވެސް އޭނާ އަށް ވަރަށް ބޮޑަށް އެއްބާރުލުން ދެއްވާފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.

ފަތުރުވެރިކަމުގެ ކުރިމަގާއި މެދު ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ ދިވެހި ފަތުރުވެރިކަން އެހެން ހަރުފަތަކަށް ދާން ޖެހޭ ކަމަށެވެ. އެކަމަށް ދިވެހިން އަޅަން ޖެހޭ އެންމެ ބޮޑު ފިޔަވަޅަކީ ޒުވާނުންނަށް ފުރުސަތުތައް ހޯދާދިނުމާއި، އިންވެސްޓްކޮށް ޒުވާނުންގެ ބައިވެރިވުމާއި އެކު ދާއިރާ ކުރިއެރުވުން ކަމަށް ފައިސަލް ވިދާޅުވިއެވެ.

ހަމައެހެންމެ ކުޑަ އިންޓްރެސްޓެއްގައި ލޯނު ދިނުމާއި، ކަނެކްޓިވިޓީ އިތުރުކުރުމާއި، ހުޅިމެންދޫގައި ތަރައްޤީކުރަން ހަމަޖެހިފައިވާ ޓުއަރިޒަމް ޓްރެއިނިންގ ސްކޫލް ތަރައްޤީކުރުމާއި، ނުހެދި ހުރި ރަށްތައް ހަދާ މާކެޓަށް ނެރޭނެ ގޮތެއް ހޯދުމަކީ ދެކެވަޑައިގަންނަވަން ބޭނުންވާ ކަމެއް ކަމަށް ފައިސަލް ވިދާޅުވިއެވެ.

އެ ސިނާއަތަކީ ރާއްޖެއަށް އެންމެ ބޮޑު އާމްދަނީ އެއް ވަންނަ ސިނާއަތަށް ވާއިރު އެމްއެމްޕީއާރްސީގެ ބަޖެޓް 25-50 މިލިއަން ޑޮލަރުގެ އަދަދަކަށް ބަދަލުވާން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އޭނާގެ މެދުރާސްތާގެ ތަސައްވުރެއް އެ ދާއިރާ އަށް އޮތް ކަމަށް ފާހަގަކުރައްވާ އެކަމުގެ ތަފްސީލްތައް އެ ބަޔާނުގައި ވަނީ ހިމަނުއްވާފައެވެ.

އޭގެ ތެރޭގައި މީގެ 15 އަހަރު ފަހުން ރާއްޖޭގެ ކޮންމެ އަތޮޅެއްގައި 6000- 8000 އާ ދެމެދު އެނދު އުފެއްދުމާއި، ބައިނަލްއަޤުވާމީ އެއާޕޯޓްތަކާއި އެކު ޝެޑިއުލްފްލައިޓްތައް އެޅުމާއި، ރާއްޖޭގެ 3 ސަރަހައްދުގައި ކްރޫޒް މެރީނާ ހަދާ ކްރޫޒް ލައިނާތަކަށް ޖާގަ ހޯދާދިނުމުގެ އިތުރުން، ޓުއަރިޒަމް ސިންދަފާތުކުރުމާއި މެޑިކަލް ޓުއަރިޒަމާއި ސްޕޯޓްސް ޓުއަރިޒަމާއި ހެރިޓޭޖް ޓުއަރިޒަމް އަށް ޖާގަ ހޯދާދިނުން ހިމެނޭ ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.

އޭނާ ވަނީ ގައުމަށް ޚިދުމަތްކުރުމުގައި އަބަދުވެސް ދެމި ހުންނަވާނެ ކަމަށް އެ ބަޔާނުގައި ވިދާޅުވެފައެވެ.

- ކޮމެންޓް